ރައީސަށް މަރުހަބާ ދެންނެވުމަށް ގައްދޫގައި ހެދި މަރިޔާދުގެ އަނދާ ހުލިވެއްޖެ

ރައީސް މި މަހުގެ ހަތަރު ވަނަ ދުވަހު ގައްދޫ އަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ބޭނުންކުރި މަރިޔާދުގޭގައި ރޯވެފައި.

ރައީސް އަބްދުﷲ ޔާމީން މި މަހު ކުރީކޮޅު ގދ. ގައްދޫ އަށް ކުރެއްވި ދަތުރުފުޅުގައި މަރުހަބާ ދެންނެވުމަށް، އެރަށުގެ ޕީޕީއެމް ސަޕޯޓަރުން ހަދާފައި ހުރި މަރިޔާދުގޭގައި މިރޭ އަލިފާން ރޯވެ، އަނދާ ހުލިވެއްޖެ އެވެ.

ގައްދޫ މީހަކު 'ސަން' އަށް ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ 10:30 ހާއިރު ކަމަށެވެ.

"އަޅުގަނޑަށް ވެސް އެކަން އެނގުނީ މީހަކު ބުނީ އެތާ ރޯވެގެން އެބަ އުޅޭ، އެހެން ބުނީމަ ދިޔަ އިރު ވަރަށް ބޮޑަށް ރޯވެ އަނދަނީ،" އޭނާ ކިޔައިދިނެވެ.

އެ މަރިޔާދު ގެއަކީ ދަނޑިފަނުން ހަދާފައި ހުރި ތަނެއް ކަމަށް އޭނާ ބުންޏެވެ.

އަލިފާންގަނޑު ނިވާލަން އެއްވެސް މީހަކު މަސައްކަތް ނުކުރާ ކަމަށާއި ރަށުގެ ރައްޔިތުންނާއި ކައުންސިލަރުން އަދި ފުލުހުން ވެސް އެތަނުގައި ތިބި ކަމަށް އެމީހާ ބުންޏެވެ.

"ދެން ބޮޑަށް ގަބޫލު ކުރެވެނީ ހުޅުގަނޑު ހިފާފައި ހުރިލެއް ބޮޑުކަމުން. އަނދާ ހުލިވަންދެން ބެހެއްޓީ ކަމަށް." އޭނާ ބުންޏެވެ.

comment ކޮމެންޓް