އިންޑިއާއަށް ބައިލައްކަ ޑޮލަރު ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމައިފި

ރައީސް ޔާމީން މީގެކުރިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވަނީ ----

އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވާނެ އިންޑިއާއަށް ބައި ލައްކަ ޑޮލަރު ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިޔާގެ ކެރަލާ ސްޓޭޓްގައި ފެން ބޮޑުވުމުގެ ސަބަބުން ލިބެމުންދާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށްޓަކައި، 50,000 ޑޮލަރުގެ ފައިސާގެ އެހީއެއް ވުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

" ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، އިންޑިޔާގެ ސަރުކާރަށާއި، ރައްޔިތުންނަށާއި، ހާއްސަކޮށް މި ހާދިސާގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ދިވެހި ސަރުކާރުގެ ފަރާތުން ހަމްދަރުދީ ފޮނުއްވައި، ހާދިސާގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވަން" ބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިއާގެ ކެރަލާއަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން 200 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.

ކެރަލާގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ރެސްކިއު ވޯކަރުން ދަނީ ހެލިކޮޕްޓަރާއި ބޯޓު ބޭނުންކޮށްގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެސްޓޭޓުގެ 150،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެހީ ފޯރުކޮށްދޭ ކޭމްޕުތަކަށް ބަދަލުކޮށްފަ އެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނާ ގޮތުގައި އާދިއްތަ ދުވަހާ ޖެހެންދެން ކެރަލާއަށް ބޯކޮށް ވާރޭ ވެހެމުންދާނެ އެވެ.

ކެރަލާގެ ޗީފް މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ 1924 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓަށް މޫސުމީ ވިއްސާރައިގެ ސަބަބުން އެހާވަރަށް ގެއްލުން ލިބުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް