ދަރިފުޅު ނުފެންނަތާ 68 އަހަރު ފަހުން ދަރިފުޅާ ބައްދަލުކުރަން މަންމަ ތައްޔާރު ވެއްޖެ

ލީ އުއެމް ސޮއުމް ---

ލީ އުއެމް ސޮއުމް އޭނާގެ ފިރިހެން ދަރިފުޅު ނުދެކޭތާ 68 އަހަރު ވީއެވެ. ލީ އަށް އޭނާގެ ފިރިހެން ދަރިފުޅު އެންމެ ފަހުން ފެނުނީ ކޮރެއާ ހަނގުރާމައިގެ ކުރީކޮޅު މިހާރުގެ ސައުތު ކޮރެއާ ސަރަހައްދުންނެވެ. އޭރު އޭނާގެ ފިރިމީހާ އާއި އަންހެން ދަރިފުޅު ވެސް ކައިރީގައި ތިއްބެވެ.

ހަނގުރާމައިގެ ހަމަލާތަކުން ސަލާމަތްވުމަށް ކުރި މަސައްކަތުގައި ލީ އަށް އޭނާގެ ފިރިމީހާ އާއި ފިރިހެން ދަރިފުޅު ގެއްލުނީ އެވެ. އޭރު ކައިރީ ހުރީ އަންހެން ދަރިފުޅު އެކަންޏެވެ. ހަނގުރާމައަށް ފަހު ދެކޮރެއާ އުފެދުނު އިރު، ލީ އާއި އޭނާގެ އަންހެން ދަރިފުޅު ތިބީ ދެކުނު ކޮރެއާގަ އެވެ. ފިރިމީހާ އާއި ފިރިހެން ދަރިފުޅު ހުރީ އުތުރު ކޮރެއާގަ އެވެ.

ލީގެ އާއިލާ ހިމެނުނީ ހަނގުރާމައަށް ފަހު އާއިލާގެ މީހުން "ދެތަންވި" މީހުންގެ ތެރޭ ހިމެނުނު ބަޔަކަށެވެ. ކޮރެއާ ހަނގުރާމަ ނިމުނުއިރު އެތައް ހާސް އާއިލާއެއް ތިބީ "ރޫޅިފަ" އެވެ. އެއްބަޔަކު އުތުރުގައި ތިބި އިރު އަނެއް ބަޔަކު ތިބީ ދެކުނުގަ އެވެ. ދެ ގައުމުގެ މީހުން ބައްދަލުކޮށް ހެދުންވީ އުނދަގުލަކަށެވެ.

ލީގެ އާއިލާ މިހާރު ހިމެނިފައި ވަނީ ހަގުރާމާގައި ދެތަންވި އާއިލާތައް އެއްތަން ކުރުމަށް ސަރުކާރުން ހިންގާ ޕްރޮގުރާމުގެ ތެރޭގަ އެވެ. އާއިލާ އާ ބައްދަލުކުރާ މީހުން ބައްދަލުކުރާނީ އުތުރުކޮރެއާގެ ފަރުބަދައެއް ކައިރީ މާދަމާ އެވެ. މި ޕްރޮގްރާމުގެ ތެރެއިން 93 އާއިލާ އެއް އެއްތަންވާނެ އެވެ.

"އަހަރެން ދެކުނު ކޮރެއާ އަށް އައި އިރު ހިތަށްއެރި ދެން ފިރިމީހާ އާއި ދަރިފުޅާ ބައްދަލެއް ނުވާނެޔޭ،" މިހާރު އުމުރުން 93 އަހަރުގެ ލީ ބުނެފައިވެ އެވެ. ކޮރެއާ ހަނގުރާމައަށް ފަހު ދެތަންވީ އާއިލާތައް ބައްދަލުނުވެ އެތައް ހާސް ބަޔަކު މިހާރު ވެސް ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

comment ކޮމެންޓް