މިހާރުވެސް ކާމިޔާބުގެ ރަހަ ލާން ފަށައިފި: އަޒުލީން

ޕީޕީއެމްގެ ޖަގަހައެއްގައި އަޒުލީން ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހު

ރައީސް އަބްދުﷲ ޔާމީނަށް ރަައްޔިތުންގެ ތާއީދު އޮތްވަރުން މިހާރުވެސް ކާމިޔާބުގެ ރަހަ ލާން ފަށައިފި ކަމަށް ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

މިރޭ ގަލޮޅު ޖަގަހާގައި ޕީޕީއެމުން ބޭވި ޖަލްސާއެއްގައި ވާހަަކަފުޅު ދައްކަވަމުން އަަޒުލީން ވިދާޅުވީ ރައްޔިތުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ މިންވަރު ފެނި މިހާރުވެސް ކާމިޔާބުގެ ރަހަ ލާން ފަށައިފި ކަމަށެވެ.

"ވަރަށް ބޮޑަށް ކާމިޔާބުގެ ރަހަ މިހާރުވެސް އަޅުގަނޑުމެންނަށް ލާން ފަށައިފި،" އަޒުލީން ވިދާޅުވި އެވެ.

ޝަހީމް ތިނަދުއަށް ވަޑައިގަތުމުން އެރަށުގެ ޕީޕީއެމް ސަޕޯޓަރުން މަރުހަބާ ދަންނަވަނީ --- ފޮޓޯ/ ޕީޕީއެމް

މީގެ ކުރިން މާލޭގައި ކެމްޕޭނެއް ކުރަން ފަށައިފި ނަމަ ރަން ރީދުލުން މީހުންނަށް ސިފަ ކުރަންވެއް ނޭންގޭހާ ގިނަ ފޮތި ދަމާލާފައި އޮންނާނެ ކަމަށް އަޒުލީން ވިދާޅުވި އެވެ. ނަމަވެސް މިއަދު އެމަންޒަރު ނުފެންނަ ކަމަށް އަޒުލީން ވިދާޅުވި އެވެ. އެއީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ ވެރިކަމަށް ގެންނަން އެމްޑީޕީންވެސް ބޭނުން ނުވާތީ ކަމަށް އަޒުލީން ވިދާޅުވި އެވެ.

"އެއީ ޓެމްޕަރަރީ ވެރިކަމަކަށް ގެންނަ މީހެއް. 18 މަސްދުވަހުގެ ވެރިކަމަކަށް މެނިފެސްޓޯ ހަދައިގެން އެ ވަޑައިގަންނަވަނީ. ބާކީ އޮތް މުއްދަތުގައި ވެރިކަން ކުރާނީ ކާކު ކަމެއް ނޭންގޭ." އަޒުލީން ވިދާޅުވި އެވެ.

ބައެއް ރަށްށުގައި 35 މީހުންވެސް އިބޫއަށް މަރުހަބާ ދަންނަވަން ވަޑައި ނުގަންނަވާ ކަމަށާއި އެއީ އިބޫ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އަޒުލީން ވިދާޅުވި އެވެ. ރައީސް ޔާމީނާއި މެޑަމް ފާތިމަތު އިބްރާހިމަށް ރަށްރަށުން ކުރައްވާ ތާއީދު ފެނި "ހަޖަމު ނުވެގެން" ޕީޕީއެމަށް ރާއްޖޭން އަޣުލަބިއްޔަތު ލިބޭނީ މަދު ރަށަކުންނޭ އިދިކޮޅު މީހުން ކިޔަމުންދާ ކަމަށް އަޒުލީން ވިދާޅުވި އެވެ.

އިބޫ މިއަދު މާފުއްޓަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ޑޮލަރު ފައްޗެއް އަޅުވަނީ --- ފޮޓޯ/ އެމްޑީޕީ

މިއަދު އިބޫ މާލެ އަތޮޅު މާފުއްޓަށް ވަޑައިތުމުން އެރަށުން ވަނީ އިބޫ ކަރުގައި ޑޮލަރުން މާ ފައްޗެއް ހަދައި އަޅުވާފަ އެވެ. އަޒުލީން ވިދާޅުވީ އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ޑޮލަރު ތިޔާގިކަން ރަމްޒުކޮދޭ ކަމެއް ކަމަށެވެ. އޭގެ މާނަކީ ރައީސް ޔާމީންގެ ވެރިކަމުގެ ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދެވުނު ތިޔާގިކަން ކަމަށް އަޒުލީން ވިދާޅުވި އެވެ.

" ޑޮލަރުގެ ކަޅު ބާޒާރު އެމަނިކުފާނު (ރައީސް ޔާމީން) އުވާލި ފުރިހަމަކަން ރަމްޒުކޮށްދޭ ޑޮލަރު ފައްޗެއް އެއީ. އެހެންވީމަ މިއަދު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ޓަކައި މިއަދު އެއްކަލަ ވިޔަފާރިވެރިޔާ ވިދާޅުވިހެން އަޅުގަނޑުމެންނަކަށް އެހެން އެއްވެސް ޗޮއިސްއެއް ނެތް." އަޒުލީން ވިދާޅުވި އެވެ.

ރައީސް ޔާމީން ނޫން މީހަކަށް ރިޔާސީ އިންތިހާބުގައި ފޯޓު ދިނުމަކީ "ވަރަށް ނުރައްކާތެރި ދިމާލަކަށް އެޅޭ ފިޔަވަޅެއް" ކަމަށެވެ.

ތ. ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުން: ރައީސް ޔާމީން ވަނީ ކަނޑޫދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދުލުކޮއްފައި - ފޮޓޯ/ ރައީސް ޔާމީން

އަޒުލީނު ވިދާޅުވިގޮތުން އިބޫއަށް އާ ވާހަކައެއް ދައްކަވާކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. މިހާތަނަށް ރައީސް ޔާމީން ކޮށް ނުދެއްވާ ކަމެއްގެ ވާހަކަ އިބޫއަށް ވިދާޅު ނުވެވޭ ކަމަށް އަޒުލީން ވިދާޅުވި އެވެ. އިބޫ އަކީ ވެރިކަމާ ދޭތެރޭ ވިސްނައިގެން ރައްޔިތުންނަށް ވައުދުތަކެއް ވާން ވިސްނައިގެ ހުރި ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީން ކެމްޕެއިން ނުކުރާ ކަމަށްވެސް އަޒުލީން ވިދާޅުވި އެވެ. އެ ޕާޓީން ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ކެމްޕެއިނަށްވެސް ނުނިކުންނަށް ކަމަށް ވިދާޅުވި އެވެ.

" އެމްޑީޕީއަކުން ކެމްޕެއިނެއް ނުކުރޭ. ދެން އެހެންވެއްޖެއްޔާ އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރާ ބަޔަކަށް ކާމިޔާބު ލިބުމަކީ އަރަތެއް ނޫންތޯ." އަޒުލީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގާސިމާ އެކު -- ފޮޓޯ ރައީސް އޮފީސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެމްޑީޕީއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާތީ އަޒުލީން ވަނީ ފާޑު ވިދާޅުވެފަ އެވެ. މުއުމިނެއްގެ ގަޔަށް އެއް ހޮރަކުން ކައްޓެއް ނުޖަހާނޭ އެންމެ ގިނައިން ވިދާޅުވާނީ ގާސިމް ކަމަށާއި އެކަމަކު އަބަދު ކަށި ޖަހާނީ ގާސިމް ގަޔަށް ކަމަށް އަޒުލީން ވިދާޅުވި އެވެ.

"މިބޭފުޅާ ގަޔަށް އަބަދު ކަށި ޖަހާނެ. އަދި ކަށި ޖަހާނީ އެންމެ ދިމާލަކުން. އެއީ އެމްޑީޕީން. މިހާރުވެސް އެހެރީ ވަރަށް އެކަމަށް ތައްޔާރަށް،" އަޒުލީން ވިދާޅުވި އެވެ.

comment ކޮމެންޓް