ވޯޓުލާ ދުވަހު ވިސްނުންތެރި ކަމާއެކު ކަންތައްތަކެއް ކުރަން ޖެހޭ ކަމަށާއި ވޯޓުގެ ނަތީޖާ އިއުލާނު ކުރަންދެން ފޮށި ކައިރިން ދުރައް ނުގޮސް ތިބެންވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނުގައި ކ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގުރައިދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ވޯޓުލުމަށް ފަހު މޮޅުވީ ކަމަށް ބަލާފައި ގެއަށް ވަދެވެން ނެތް ކަމަށެވެ.
"އަޅުގަނޑުމެން ލާ ވޯޓުގެ ނަތީޖާ އެދުވަހު އަޅުގަނޑުމެން އެބަޖެހޭ ހޯދަން. އެ ލިބޭނީ އެކަމާ އަޅުގަނޑުމެން ކެރިގެން ކުރިމަތިލައިގެން. އަޅުގަނޑުމެން އެދުވަހުގެ ނަތީޖާ އެތަނުން އަތަނަށް ހޯދަން ޖެހޭނެ. އެންމެ ފިޔަވަޅެއްވެސް ފަހަތައް ނުޖެހި އެދުވަހުގެ ނަތީޖާ އިއުލާނުކުރަންދެން ވޯޓު ފޮށި ކައިރީގައި ތިބެންވާނެ" އިބޫ ވިދާޅުވި އެވެ.
ވަކި ސިޔާސީ ފިކުރަކަށް ތާއީދުކޮށްގެން ޖަޒީރާ ވެރިކަމެއްގައި އަދަބެއް ނުދޭނެ ކަމަށް އިބޫ މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެއްވެސް ރައްޔިތެއްގެ ސިޔާސީ ފިކުރަކީ އިދިކޮޅު ވެރިކަމުގައި މައްސަލައަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެމީހަކު ތާއީދު ކުރައްވާ ސިޔާސީ ފިކުރަކަށް ތާއީދު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1534428805394viA.jpg)
ރިޔާސީ ކެމްޕެއިނުގައި ކ އަތޮޅަށް އިބޫ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގުރައިދޫގައި --- ފޮޓޯ/ އެމްޑީޕީ
ތާއީދު ކުރާ ސިޔާސީ ފިކުރެއްގެ ސަބަބުން ލިބޭނެ އަދަބެއްވެސް ނޯންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ވަޒީފާ ދިނުމުގައި ޕްރޮމޯޝަން ދިނުމުގައި އަދި ސަރުކާރުންދޭ ހިދުމަތްތަށް ދިނުމުގައި ތާއީދު ކުރާ ސިޔާސީ ފިކުރަށް ނުބައްލަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ތިބެފުޅުން އަޅުގަނޑުމެންނާ އެކު ކުރިއަށް ވަޑައިގަތުން. ދެރަގޮތެއް މިރަށަކަށްވެސް މިރަށުގެ ރައްޔިތުންނަކަށްވެސް އިރާދަކުރެއްވިއްޔާ ނުވާނެ." އިބޫ ވިދާޅިވި އެވެ.
އިބޫ ވަނީ ގުރައިދޫ ރައްޔިތުންނަށްވެސް ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އެގޮތުން އެރަށުގެ ފަޅު އެރަށު މީހުންނަށް ފަސޭހަވާ ގޮތަށް ހަދައިދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ވިޔަފާރިވެރިންނަށް ކަރަންޓުގެ އަގު ހެޔޮކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.