މަޖިލީހަށް އިންތިޚާބުވާ މެންބަރުން ޕާޓީ ބަދަލުކުރުމަކީ ގޮނޑި ގެއްލޭނެ ކަމެއްގެ ގޮތުގައި ނިންމުމުން އެކަމާދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލީ އެމްޑީޕީ އިން ކަމަށާއި ނަމަވެސް އެމްޑީޕީގެ މެނިފެސްޓޯގައި ފްލޯ ކްރޮސް ކުރުން ގާނޫނުން މަނާކުރާނެ ކަމަށް ބުނެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ތ. ވިލިފުށީ މަގުހެދުމުގެ މަޝްރޫއު ނިމުން ފާހަގަކުރުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ރިޔާސީ ނިޒާމު ދޫކޮށް ބަރުލަމާނީ ނިޒާމަކަށް ދާން ބުނެފައިވާ ކަމަށެވެ.
"ބަރުލަމާނީ ނިޒާމަކަށް ދާއިރު އެންމެ ވަރުގަދައަށް ލިޔުއްވާފައިވާކަމަކީ ފްލޯ ކްރޮސްކުރުން ތިމަންނަމެން ގާނޫނުން މަނާކުރާނަމޭ،" ރައީސް ވިދާޅުވީ ފްލޯ ކްރޮސްކުރި މެންބަރުން ޕީޕީއެމް އިން ވަކިކުރުމުން އެންމެ ވަރުގަދައަށް އެކަމާ ދެކޮޅަށް ވާހަކަދައްކައި ވަކިކުރި މެންބަރުންނަށް ހިތްވަރު ދިނީ އެމްޑީޕީ އިން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2014ގައި ސަރުކާރު ކޯލިޝަން އިން ކާމިޔާބުކުރީ ސުޕަ މެޖޯރިޓީއާ އެކު ކަމަށެވެ. އެހާބޮޑު އަޣްލަބިއްޔަތެއް ސަރުކާރަށް ލިބުނީ ރައްޔިތުންނަށް ސަރުކާރުގެ މެނިފެސްޓޯ ގަބޫލު ކުރެވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
މަޖިލީހުގައި ހިނގައި ދިޔަ ކަންތައްތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ކޯލިޝަން ހަދައިގެން ތިބި މީހުން ކޯލިޝަން ދޫކޮށް ބައެއް މެންބަރުން ޕާޓީ ފިކުރު ދޫކޮށްލި ކަމަށާއި މިހާރު އެމްޑީޕީ އިން ކޯލިޝަން ހަދައިގެން އުޅުނު ނަމަވެސް އެ ކޯލިޝަންތައް ވެސް ރޫޅޭނެ ކަމަށެވެ.
"ކުރިން ވެސް ހެދި ކޯލިޝަންތައް ހުރީ ރޫޅިފައި. ގާސިމް އިބްރާހިމް އަށް ހޯމް މިނިސްޓަރު ކަމުގައި ތިން ހަފްތާ ކެތްކޮށް ނުލެވުނު،' ދެހާސް އަށް ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ޖޭޕީ އާ އެކު ހެދި ކޯލިޝަން އަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕާޓީ އިން މެންބަރުވަކިކޮށް، ސުޕްރީމު ކޯޓުގައި ހިނގައި ދިޔަ ދިގު މަރުހަލާގައި ޕްލޯ ކްރޮސް ކުރުމަކީ ގޮނޑި ގެއްލޭނެ ކަމެއްކަމަށް ސުޕްރީމު ކޯޓުން ކަނޑައެޅީ ރައްޔިތުންނަށް އޮޅުވާލުންކަމަށް ސުޕްރީމުކޯޓަށް ގަބޫލުކުރެވޭތީ ކަމަށެވެ.