އެޕަލްގެ ފަހަތުން އެމެޒޯންވެސް ޓްރިލިއަން ޑޮލަރާ ދިމާއަށް!

ސްމާޓްފޯނުގެ ދުނިޔޭގެ ރަސްގެފާނު އެޕަލް ކުންފުނީގެ އަގު ޓްރިލިއަން ޑޮލަރަށް އެރީ މި މަހުގެ ފުރަތަމަ ހަފްތާގައެވެ، މިއީ އެއް ޓްރިލިޔަން ޑޮލަރަށް އަގުކުރެވުނު ދުނިޔޭގެ ފުރަތަމަ ޕަބްލިކް ކުންފުންޏެވެ.

އެޕަލްގެ ފަހަތުން އެމެޒޯންވެސް މިހާރު ވާދަކުރަނީ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ވުމަށެވެ. ރިޕޯޓުތައް ބުނާގޮތުން އެމެޒޯންގެ ހިއްސާގެ އަގު ވަނީ ދެ ޕަސެންޓް މައްޗަށް ޖެހިލައިފައެވެ. އަދި އިތުރު ހަތް ޕަސެންޓް މައްޗަށް ޖެހިލައިފިނަމަ އެމެޒޯންގެ އަގުވެސް ޓްރިލިއަން ޑޮލަރަށް އަރާނެކަމަށް އެ ކުންފުނީގެ ސީއީއޯ ޖެފް ބެޒޯސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެޕަލް އަށްވުރެ ކުރިއަށް އެމެޒޯންއަށް ޖެހެލެވިދާނެކަމަށް ލަފާ ނުކުރެވޭކަމަށް ވޯލް ސްޓްރީޓުގެ އެނަލިސްޓުން ބުނެއެވެ.

މިހާރު އެމެޒޯންގެ އަގަކީ 940 ބިލިއަން ޑޮލަރެވެ.

ނަމަވެސް ކޮންސިއުމަރުންގެ އަމަލުތަކަށް ބަލާއިރު އެޕަލް އަށްވުރެ ބޮޑަށް ކޮންސިއުމަރުން އެމެޒޯންއަށް އިސްކަންދޭކަމަށާއި އެހެންކަމުން އެޕަލްއަށް ވުރެ ކުރިއަށް އެމެޒޯންއަށް ޖެހިލެވިދާނެ ކަމަށް ލަފާކުރެވޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެޕަލްއާއި އެމެޒޯންގެ ފަހަރުން އަލްފަބެޓް އަދި މައިކްރޯސޮފްޓުންވެސް ދަނީ ޓްރިލިއަން ޑޮލަރުގެ ކުންފުނިތަކުގެ ލިސްޓަށް އިތުރުވޭތޯ މަސައްކަތްކުރަމުންނެވެ. އަލްފަބެޓްގެ އަގު މިހާރު ހުރީ 875 ބިލިއަން ޑޮލަރުގައެވެ. މައިކްރޯސޮފްޓުގެ އަގު 840 ބިލިއަނަށް އަރައެވެ.

comment ކޮމެންޓް