65 އަހަރުން މަތިވީމަ ވަޒީފާއަށް ދިޔަސް އެލަވަންސް ލިބޭނެ: ރައީސް

ރައީސް ޔާމީން ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދޭ އެލަވަންސް އެ އުމުރަށް ދިއުމުން ވަޒީފާއަށް ދިޔަސް ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

މިއަދު ތ. ވޭމަންޑުއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ރަށްރަށުގައި ދައްކަވަމުންދާ ވާހަކަ އެހެން ގޮތަކަށް ބަދަލުކޮށްގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޓަޔާ ކުރާ އުމުރު 74 އަހަރަށް ހެދުމުން 65 އަހަރު ވާ މީހުންނަށް ދޭ އިނާޔަތް ކެނޑިގެންދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"އެބޭފުޅުންގެ އިނާޔަތެއް ކެނޑިގެން ނުދާނެ. އަދި ކީއްތޯ. އެބޭފުޅުންގެ އިނާޔަތް ލިބިފައި އޭގެ އިތުރަށް އެބޭފުޅުންގެ ތެރެއިން ސަރުކާރުގެ ވަޒީފާއަށް ވަންނަން ބޭނުންފުޅުވާ ބޭފުޅުންނަށް އެބޭފުޅުންގެ އިނާޔަތަށް ވުރެ ބޮޑު އެއްޗެއް ލިބިގެންދާނެ ފޯމިއުލާއެއް އަޅުގަނޑު ހުށަހެޅީ. އެހެންވީމަ އޭގެންވަނީ ފައިދާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ 65 އަހަރު ފުރުމުން ރިޓަޔާކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު އޮންނާނެ ކަމަށެވެ. 65 އަހަރުވުމުން ވަޒީފާ އަދާކުރަން މަޖުބޫރު ނުކުރާނެ ކަމަށާއި އެއީ އިހުތިޔާރެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އުމުރުން 65 އަހަރު ވުމުންވެސް ވަޒީފާ އަދާކުރަން ބޭނުންވާ ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންވެސް އުޅޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ކުރިއަށް އޮތް ސަރުކާރުގައި އެ ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

"ޑޮކްޓަރުންވެސް އަޅުގަނޑު ގަބޫލެއް ނުކުރަން 65 އަހަރުވުމުން އެމީހުން ގެއަށް ދާން ޖެހޭނެ ކަމަކަށް. އެމީހުންނަށް ޚިދުމަތް ނުދެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދެން އަންނަ ދައުރަކަށް ހޮވުނު ނަމަވެސް މީހުންގެ އަބުރާ ބެހެން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ތަންތަނަށް އެއްވެ، މީހުންގެ ގޭގޭދޮށަށް އެއްވެ އަޑުގަދަ ކުރަންވެސް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެއީ އެތައް ބައެއްގެ ހައްގު ގެއްލިގެންދާ ކަމަކަށް ވާތީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެއްވެ އުޅޭ މީހުން މިހާރުވެސް އެއްވާންވީ. އެކަމަކު ރައްޔިތުންގެ އާންމު ގޭގޭ ދޮށަށް އައިސްފަ. މަދަރުސާތައް ކައިރިއަށް އައިސްފަ މިސްކިތުގައި މީހުން ޖަމާއަތުގައި ތިއްބައި ހަޅޭފަޅޭ ނުލެވޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރީ-ރަޖިސްޓެރޭޝަނަށް އިދިކޮޅު ފަރާތްތަކުން ފޯމު ހުށަހަޅަން އެންމެ ފަހު ވަގުތަށް މަޑުކޮށް އެ ފޯމުތައް ނުލެވިގެން "އެތަނަށް އަރައިގަތީ" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެކަން ހުއްޓުވަން ޖެހުނީ ފުލުހުން ގެނެސްގެން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ދާދިފަހުން ރީ-ރެޖިސްޓްރީކޮށް ނިންމީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ލާ ވޯޓަށް. ކިހިނެތްތޯ އެކަންވެސް ނިމިގެން ދިޔައީ. އަޅުގަނޑުމެން ހުށަހަޅާ ފޯމުތައް ދައުލަތުން ނިންމާ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން އެ ކަނޑައަޅާ މުއްދަތަކަށް ހުށަހެޅޭތޯ ބަލަން. އެބޭފުޅުން އެންމެ ފަހު ދުވަހަށް ބެހެއްޓި ފޯމުތައް ނުލެވިގެން އެތަނަށް އަރައިގަތީ. އެންމެ ފަހުން ފުލުހުން ގޮސްގެން އެކަންވެސް ހުއްޓުވަން ޖެހުނީ" ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް