އިބޫ ވައުދުވަނީ ސަރުކާރުން ކޮށްދޭ ކަންކަން ކޮށްދޭން، އާކަމެއް ކޮށްދޭނަމޭ ވިދާޅެއް ނުވޭ: ރައީސް

ރައީސް ޔާމީން ތ ތިމަރަފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

އިދިކޮޅު ރަށްރަށް އަރާ ވައުދުވަމުން ދަނީ މި ސަރުކާރުން ކޮށްދޭކަންކަން ހަމަ އެގޮތަށް ކޮށްދޭން ކަމަށާއި އާ ކަމެއް ކޮށްދޭން ވައުދު ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިމަރަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ތަރައްގީގެ މަޝްރޫއެއްގެ ވާހަކަ ވިދާޅުވަންޏާ ވިދާޅުވާން ޖެހެނީ "ރައީސް ޔާމީން ފަށާފައި ހުރި މަސައްކަތެއް ނިންމައިދޭނަމޭ" ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތަކުގެ ތެރެއިން މިހާތަނަަށް ނުނިމި ހުރި މަޝްރޫއުތައް ނިންމައިދޭނަމޭ އިދިކޮޅު ކެންޑިޑޭޓް ވިދާޅުވުމަކީ "ޝައްކެއް ވެސް ނެތް ގޮތުގައި ވަރަށް އުފާވެރި ހަބަރެއް" ކަމަށެވެ.

ރައީސް ޔާމީން ތ. ތިމަރަފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

އެކަމަކު އެމަނިކުފާނު ފައްޓަވާފައި ހުރި މަޝްރޫއުތައް ނިންމަން އެންމެ ޝައުގުވެރިކަން ހުންނާނީ އެމަނިކުފާނު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެބޭފުޅުންނަށް ތިން އަހަރެއްހާ ދުވަސް ލިބިވަޑައިގެންނެވީ އެހެންނަމަވެސް އެބޭފުޅުން އެކަންކަމެއް ނުކުރައްވާ. މިއަދު އެބޭފުޅުންނަށް މިއިން ކޮންމެ ތަނަކަށް ވަޑައިގެން ތަރައްގީގެ މަޝްރޫއުތަކެއް ފެނި ރައްޔިތުން މިހާރު ވެސް އެ އިންތިޒާރުކުރަމުން ދަނީ ރައީސް ޔާމީންގެ މޮޑިއުލްގެ ތަރައްގީކަން ހާމަކަން ބޮޑު ގޮތެއްގައި ގަބޫލުކުރެއްވިއްޖެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގެންގުޅުއްވާ ޖަޒީރާ ކޮންސެޕްޓަކީ ރައްޔިތުންނަށް އެހާ އަހުލުވެރި ކޮންސެޕްޓެއް ނޫންކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އަދި އިދިކޮޅު ވެސް އެކަން ގަބޫލު ކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ މެނިފެސްޓޯ އިދިކޮޅު ފަރާތްތަކަށް ނުފެނިގެން އެބޭފުޅުން ކަންބޮޑުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެ އިންތިޒާރުގައި އެ އުންމީދުގައި އެބޭފުޅުން ތިއްބެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރަށްރަށަށް އައިސް އެ ރަށްރަށުގައި އަޅުގަނޑު ދެން ފަސް އަހަރެއްގައި ކުރަން ބޭނުންވާ ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މިދަނީ ސޮފްހާއަކަށް ފަހު ސޮފްހާއެއް މައުލޫއަކަށް ފަހު މައުލޫއެއް. މަޝްރޫއަކަށް ފަހު މަޝްރޫއެއް އިއުލާނުކުރަމުން. އެ މަޝްރޫއުތަކާ ފައިހަމަ ކުރެވޭތޯ އަޅުގަނޑާ އެކީ މަސައްކަތް ކުރައްވާ ވާދަވެރިން މަސައްކަތް ކުރައްވާކަން އަޅުގަނޑު އުފަލާއެކީ ފާހަގަ ކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

މެނިފެސްޓޯގެ ތަފްސީލު ފޮތެއް ވަރަށް އަވަހަށް ނެރުއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ކުރާނެ ހުރިހާ ކަމެއް "އަލިފުން ޔާ އަށް މެނިފެސްޓޯގައި ނުހިމެނޭނެ" ކަމަށެވެ.

ރައީސް ޔާމީން ތ. ތިމަރަފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން ގާނޫނުތަކަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ޖުޑިޝަލް ސިސްޓަމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ވާހަކަ ނުހިމެނޭނެ ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި މެނިފެސްޓޯގައި ހިމެނޭނީ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތަކުގެ ވާހަކަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިން ޕާޓީ ހިންގަން ބޭނުން ވަނީ އެބޭފުޅުންގެ ވިޔަފާރިއަށް ސަރުކާރުގެ ތެރޭން މަންފާތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އެކަން ކޮށްދޭން އެއްވެސް މީހަކު އެ ޕާޓީތަކާ ގުޅެން ނުޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ރާއްޖޭގައި އޮންނަން ވާނީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްތޯ ކުރެވޭ ސުވާލުގައި ކޮންމެ ރައްޔިތަކު ވިސްނަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑާ ވާދަކުރައްވާ އެމްޑީޕީއާ ގުޅިފައި އޮތް މެނިފެސްޓޯއަށް ތިބޭފުޅުން ބައްލަވާ ލައްވާ. ދިވެހިރާއްޖޭގައި އޮންނާނީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްތޯ އެ ލަފުޒު ލިޔެފަ އޮތްތޯ ބައްލަވާލައްވާ. އެވާހަކައެއް އެބޭފުޅުންގެ މެނިފެސްޓޯއަކު ނޯންނާނެ. މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކައެއް އެބޭފުޅުންގެ މެނިފެސްޓޯއަކު ނޯންނާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ތ. ތިމަރަފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރު އައިފަހުން 30 މަރެއް ހިނގާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކޮށް އެ މަރުގެ ތަހުގީގުތައް ހިންގާނެ ކަމަށް ބުނެފައިވާ ވާހަކައަށް ރައީސް ޔާމީން ވަނީ ރައްދު ދެއްވައިފަ އެވެ. ވިދާޅުވީ މިހާރު ވެސް "އެ މަރުގެ ތަހުގީގުތައް ހިނގަމުންދޭ" ކަމަށެވެ.

"މިގޮތަށް މީޙުން މެރުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމަކަށް ނުވާތީ ދެއްތޯ ގިސާސް ހިފާނަމޭ އަޅުގަނޑު ބުނީ. އެ ސަބަބައްޓަކައި މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ އަޅުގަނޑު ބުނީ." ރައީސް ޔާމީން ވިދާޅުވި އެވެ.

ގިސާސް ހިފާނެ ވާހަކަ އިއުލާނު ކުރި ހިސާބުން އެކަމާ މީހުން ވިސްނާކަން ފާހަގަކުރެވުނު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ރަހުމު ކުޑަކޮށް މީހުން މެރުން "ވަދާއުވެ ގޮސްފައިވާ" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މީހުންނަށް ގޯނާ ނުކުރެއެކޭ ނޫން. ކޮންމެސް ވަރަކަށް ކަންކަން ނުހިނގައެކޭ ނޫން. އެކަމު މިދެންނެވި ސްކޭލުގައި މިކަމެއް ނުހިނގާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް