ފާއިތުވި ދެ ދުވަހު ރީ-ރަޖިސްޓްރޭޝަނަށް 30،000 ފޯމް ހުށަހަޅާފައިވޭ: އީސީ

އީސީގެ މެންބަރު އަދި ތަރުޖަމާނު އަކްރަމް، ރީ ރެޖިސްޓްރޭޝަނާ ގުޅޭ މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަވްޝަން

ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނަކަށް ވޯޓުލުމަށް ފާއިތުވި ދެ ދުވަހު 30،000 ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވީ ވޭތުވެ ދިޔަ ދެ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ފޯމްތައް އިންތިހާބީ މަރުކަޒަށް ހުށަހަޅާފައިވާ ކަމަށާއި އެންމެ ގިނައިން ފޯމްތައް ގެންނަނީ ސިޔާސީ ޕާޓީތަކުން ކަމަށެވެ.

"ހާއްސަ ގޮތެއްގައި ފާހަގަކޮށްލާނަން ޕީޕީއެމުން ވެސް ވަނީ ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު 10،000 ފޯމް ހުށަހަޅާފައި އެބަވޭ. މިގޮތަށް ބަލްކުކޮށް ގެނެވޭ ފޯމްތައް އެންޓާ ކުރުމުގައި ދުވަސްކޮޅެއް ނަގާނެ،" އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ހުރިހާ ފޯމެއް ވެސް ޕްރޮސެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަލްކުކޮށް ހުށަހަޅާ ފޯމްތައް ޕްރޮސެސް ކުރުމަށް ދެ ދުވަސް ނޫނީ ތިން ދުވަސް ނަގާނެ ކަމަށެވެ.

މިރޭ 12:00އާ ހަމައަށް ފޯމްތައް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު މައްސަލައެއް އުޅޭ ފޯމެއް ނަމަ އެ ފޯމް އިސްލާހުކޮށް އަލުން ހުށަހެޅުމަށް ތިން ދުވަސް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަންގެ ޕްރޮސެސް މި އޮންނަ ގޮތަކީ އަޅުގަނޑުމެނަށް ފޯމް ލިބުނީމަ އެންޓާ ކުރުމަށްފަހު ޕޮލިހުންނަށް ފޮނުވާނީ. އެންޓާ ކުރުމަށްފަހު ކޮންމެ ބޭފުޅަކަށް ވެސް އެބަ ފޮނުވަން ވަގުތީ ރެޖިސްޓްރޭޝަން އެސްމެސް އެއް،" އަކްރަމް ވިދާޅުވިއެވެ.

comment ކޮމެންޓް