ޕާޓީތަކަށް ފައިސާ ބަހާގޮތް އިންސާފުވެރިއެއް ނޫން، ބަލަންވާނީ އިންތިޚާބުތަކުގެ ނަތީޖާއަށް: އިންތި

ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ބެހުމުގައި އެއްވެސް ވަރަކަށް އިންސާފުވެރިއެއް ނޫން ކަމަށާއި އޭގެ އެންމެ ރަނގަޅު ގޮތަކީ ބޭރު ގައުމުތަކުގައި ވެސް އެކަން ކުރާ އުސޫލުގެ ދަށުން އިންތިޚާބުތަކުން އެ ޕާޓީއަކަށް ލިބޭ ނަތީޖާއަކަށް ބެލުމަށްފަހު ފައިސާ ދިނުން ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ސަން އޮންލައިންގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގަ ދަފުތަރެއް ބާއްވައި، ޕާޓީތަކުގެ މެންބަރުންގެ ދަފުތަރު ބެލެހެއްޓުމަކީ އެހެން ގައުމުތަކުގައި އޮންނަ ގޮތެއް ވެސް ނޫން ކަމަށެވެ. އެގޮތަށް ބަލަހައްޓާ ދަފުތަރެއްގެ ސައްހަކަމެއް ވެސް ނޯންނަ ކަމަށް އިންތި ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ވެސް ބޭއިންސާފުން ދެމުންދާ ކަމަށާއި ބޮޑު ޕާޓީއެއް އޮތަސް އެ ޕާޓީގައި ސައްހަ މެންބަރުންތަކެއް ނުތިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އެ ފައިސާ ބެހުމުގައި ވެސް ނާއިންސާފު އޮންނަނީ،" އިންތި ވިދާޅުވިއެވެ.

ނަމަވެސް، އެހެނިހެން ގައުމުތަކުގައި އޮންނަނީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކަމެއްގެ ގޮތުގައި ބަލަހައްޓާ ދަފުތަރެއް ކަމަށާއި ފައިސާ ދިނުމުގައި ވެސް ބަލަނީ އިންތިޚާބުތަކުގައި އެ ޕާޓީތަކުން ހޯދާ ނަތީޖާތަކުންނާއި ވޯޓު ލިބޭ މިންވަރަށް ބަލައިގެން ކަމަށް އިންތި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ވެސް ސިޔާސީ ޕާޓީތަކުގެ ދަފުތަރު އީސީގެ ބެލުމުގެ ދަށުގައި އޮތް އޮތުން ބަދަލުކޮށް އެއީ ސިޔާސީ ޕާޓީގެ އެތެރޭގެ ކަމެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށެވެ.

އިމްތިޔާޒް ފަހުމީ: އޭނާ ވިދާޅުވީ ޕާޓީތަކުގެ ދަފުތަރު ބަލަހައްޓަންވީ ޕާޓީތަކުން އަމިއްލައަށް ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދަފުތަރު ބެލެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަންގެ ކަމެއްގެ ގޮތުގައި ޒަމާނުއްސުރެ މިއޮތް އޮތުން، މިހާރު އޭގެ އިތުބާރު ވެސް ގެއްލުމާ އެކު އަޅުގަނޑަށް ފެންނަނީ މިހާރު އެ ނޫން ގޮތަކަށް ވެސް ބަދަލުކުރުމާ މެދު ވިސްނަން ވެސް ވެއްޖެހެން،" އިންތި ވިދާޅުވިއެވެ.

ވަގު ފޯމު މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިންތި ވިދާޅުވީ، މި ފަހުން ޑިމޮކްރެޓްސްގެ 500އަށްވުރެ ގިނަ މެންބަރުން ވެސް ވެރިކަންކުރާ ޕީއެންސީއަށް ވައްދާފައިވާ ކަމަށެވެ. އެ މައްސަލައިގައި އެ ޕާޓީގެ މެންބަރުން ގުޅައި، ޝަކުވާތައްކޮށްފައިވާކަން އިންތި ފާހަގަކުރެއްވިއެވެ.

https://sun.mv/201853

އެހެންނަމަވެސް ޑިމޮކްރެޓްސްއަކީ މަދު މެންބަރުންކޮޅެއް ތިބިނަމަވެސް ސައްހަ މެންބަރުންތަކެއް ތިބި ޕާޓީއެއް ކަމަށް އިންތި ވިދާޅުވިއެވެ. އަދި، ލިބޭ ހިތްހަމަޖެހުމަކީ، އީސީއަކުން ވެސް އަދި އެހެން ޕާޓީއަކުން ވެސް ތިމަންނާ ވަގަށް ފޯމު ފުރައި ޑިމޮކްރެޓްސްއަށް ވައްދާފައި އޮންނާނެ ކަމަށް ބުނާނެ އެއްވެސް މީހަކު ނުހުންނާނެކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ ސައްހަ މެންބަރުން އެންމެ ގިނަވާނެ ޕާޓީއަކީ ހަަމަގައިމު ވެސް އަޅުގަނޑުމެންގެ ޕާޓީ،" އިންތި ވިދާޅުވިއެވެ.

ޕީއެންސީން މި ފަހުން ހިންގި 'މެންބަޝިޕް ޑްރައިވް'ގައި ވަގު ފޯމު ފުރައިގެން އެ ޕާޓީއަށް މީހުން ވެއްދި މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. 'މެމްބަޝިޕް ޑްރައިވް' ހަރަކާތުގައި 75،000 އަށްވުރެ ގިނަ މެމްބަރުން އެ ޕާޓީއަށް ވައްދާފައިވެއެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހާއި، އާއްމު މެންބަރުން ވެސް ހިމެނެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރަކާއި، ކުރީގެ މެންބަރަކު ވެސް ހިމެނެއެެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރަން ވަގު ފޯމު ހުށަހެޅިކަމަށް ބުނާ މައްސަލަައިގައި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން އެމްޑީޕީއަށް ދީފައިވާކަމަށް އެ ޕާޓީން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް އެ މައްސަލަ ވަނީ އެމްޑީޕީންނާއި ޑިމޮކްރެޓްސްއިން ވެސް ހުށަހަޅައިފައެވެ.

comment ކޮމެންޓް