ޗެލްސީގެ ބްރެޒިލް ވިންގަ ވިލިއަން އެޓީމުގައި މަޑުކުރާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށާއި ނަމަވެސް ގޯލްކީޕަރު ތިބައު ކޯޓުއާ ޓީމުގައި މަޑުކުރާނެތޯ އަދި ނޫންތޯވެސް ބުނަން ނޭނގޭ ކަމަށް ކޯޗު މައުރިޒިއޯ ސާރީ ބުނެފިއެވެ.
ވޯލްޑް ކަޕަށް ފަހު، ޗެލްސީގެ ފަރިތަކުރުންތަކުގައި ވިލިއަން ބައިވެރިވެފައި ވަނީ، ތާވަލުކުރެވިފައިވާ މުއްދަތަށް ވުރެ ފަހުންނެވެ. އަދި އޭނާ، މެންޗެސްޓަރ ޔުނައިޓެޑް، ބާސެލޯނާ އަދި ރެއާލް މެޑްރިޑް މިއިން ކްލަބަކާ ގުޅޭނޭ ކަމުގެ އަޑުތައް ވެސް އޭރު ވަނީ ވަރަށް ގަދަވެފައެވެ.
ސާރީ ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ވިލިއަންއާއެކު ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
"މިހާރު ވިލިއަންއާ ގުޅޭ އެއްވެސް މައްސަލައެއް ނެތް،" އުމުރުން 29 އަހަރުގެ ބްރެޒިލް ކުޅުންތެރިޔާއާ ގުޅޭގޮތުން ނަޕޯލީގެ ކުރީގެ ކޯޗު ބުންޏެވެ.
ވިލިއަންގެ މައްސަލައެއް ނެތް ކަމުގައި ވީ ނަމަވެސް، އުމުރުން 26 އަހަރުގެ ބެލްޖިއަމްގެ ގޯލްކީޕަރު ކޯޓުއާ ވަނީ، ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާކަމަށް ބުނެފައެވެ.
"މިވަގުތު ކޯޓުއާއަކީ ޗެލްސީގެ ގޯލްކީޕަރު،" ކޯޓުއާގެ ޗެލްސީ މުސްތަގުބަލާ ގުޅޭގޮތުން އެއްޗެއް ބުނަން އަދި ނޭނގޭކަން ހާމަކުރަމުން ސާރީ ބުންޏެވެ.
"އަހަންނަކަށް ނޭނގެ މުސްތަގުބަލުގައި ވާނޭ ގޮތެއް ބުނާކަށް. އެކަން ނިންމާނީ ކްލަބުން، އަދި ޚާއްސަކޮށް ކޯޓުއާ. އަހަރެން އުންމީދުކުރަނީ ކޯޓުއާ އަހަރެމެންގެ ގޯލްކީޕަރެއްގެ ގޮތުގައި ހުންނާނޭކަމަށް."
ޗެލްސީގެ ބްރެޒިލް ޑިފެންޑަރު ޑެވިޑް ލުއިޒްއާއި އިންގްލޭންޑް ފޯވާޑް ލޮފްޓަސް-ޗީކްއާ ގުޅޭގޮތުން ސާރީ ބުނީ، އެ ދެކުޅުންތެރީންނާމެދުވެސް ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އެ ދެކުޅުންތެރީންވެސް ޓީމަށް ވަރަށް މުހިއްމު ކަމަށެވެ.
އިނގިރޭސި ޗެރިޓީ ޝީލްޑް މެޗުގައި މާދަމާ އެފްއޭކަޕް ޗެމްޕިއަން ޗެލްސީއާއި ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ ވާދަރާނެއެވެ.