އިނގިރޭސިވިލާތުން އިންޓަރެސްޓް ރޭޓު މަތިކޮށްފި

ބޭންކް އޮފް އިންގްލޭންޑް: މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން އިންޓަރެސްޓް ރޭޓް މަތިކުރި ދެ ވަނަ ފަހަރު.-- ފޮޓޯ: ރޮއިޓާސް

އިކޮނޮމިސްޓުންނާއި އިންވެސްޓަރުން ލަފާކުރި ގޮތަށް، އިނގިރޭސިވިލާތުން އެ ގައުމުގެ އިންޓަރެސްޓް ރޭޓް 0.5 ޕަސެންޓުން 0.75 ޕަސެންޓަށް މަތިކޮށްފިއެވެ.

ބޭންކް އޮފް އިންގްލޭންޑްގެ ގަވަރުނަރު މާކް ކާނޭ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް އިންޓަރެސްޓް ރޭޓް މަތި ކުރާނެ ކަމަށެވެ. ނަމަވެސް ރޭޓް މަތިކުރާނީ ވަރަށް ބޮޑަށް ލިމިޓް ކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ އިންޓަރެސްޓް ރޭޓް މަތިކުރަން، ބޭންކް އޮފް އިންގްލޭންޑްގެ މަނިޓަރީ ޕޮލިސީ ކޮމިޓީން (އެމްޕީސީ) ނިންމީ ރާއްޖޭ ގަޑިން ރޭ ދަންވަރުއެވެ.

https://sun.mv/108896

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެ ގައުމުން އިންޓަރެސްޓް ރޭޓް މަތިކުރި ދެ ވަނަ ފަހަރަށެވެ. ޖުލައި 2007 ވަނަ އަހަރު އެމްޕީސީން އިނގިރޭސިވިލާތުގެ އިންޓަރެސްޓް ރޭޓަކީ 0.25 ޕަސެންޓް ކަމުގައި ކަނޑައެޅި ފަހުން އެ އަދަދު ފުރަތަމަ ފަހަރަށް ބަދަލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މި ބަދަލާ އެކު އިނގިރޭސިވިލާތުގެ ބޭންކަކުން ސްޓޭންޑާޑް ވޭރިއަބަލް ރޭޓް ނުވަތަ ޓްރެކާ ރޭޓެއްގައި ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓު މަތި ވާނެއެވެ. އަދި އެއާ އެކު ލޯނުތަކަށް ދައްކަން ޖެހޭ އިންޓަރެސްޓް ރޭޓް ވެސް މަތިވެގެން ދާނެ އެވެ.

ލޯނު ނަގާފައިވާ ފަރާތްތަކަށް ތަކުލީފު ބޮޑުވެގެން ދިޔަ ނަމަވެސް، އެ ރޭޓުތަކުގައި ސޭވް ކުރާ މީހުންނަށް މިއީ އުފާވެރި ހަބަރެކެވެ. އެއީ ސޭވިންގެ އިންޓަރެސްޓް މަތިވުމުން އެ މީހުންނަށް ލިބޭ ފައިދާ އިތުރުވެގެން ދާތީއެވެ.

ދުނިޔޭގެ ގިނަ ބޭންކްތަކުން އާންމުކޮށް ބޭނުން ކުރާނީ އެ ރޭޓުތައް ކަމުން، އިނގިރޭސިވިލަތުން އިންޓަރެސްޓް ރޭޓް މަތި ކުރުމާ އެކު އެތައް މިލިޔަން ބަޔަކަށް އެކަމުގެ އަސަރު ވަނީ ކޮށްފައެވެ.

އިނގިރޭސިވިލާތުން އީޔޫއިން ވަކިވާން މަސައްކަތް ކުރަމުން އަންނަ އިރު، އެ ގައުމުގެ އިގްތިސާދީ ދުވެލި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހުރީ 0.2 ޕަސެންޓުގައެވެ. އަދި ދެ ވަނަ ކުއާޓަރުގައި އެ އަދަދު ހުންނާނީ 0.4 ޕަސެންޓުގައި ކަމަށް ވަނީ ލަފާކޮށްފައެވެ. މުޅި އަހަރަށް ބަލާއިރު، އިނގިރޭސިވިލާތުގެ އިގްތިސާދު ކުރިއަރާ މިންވަރު މިދިޔަ އަހަރާ އަޅާ ބަލާއިރު މަޑުޖެހޭނެ ކަމަށް މާލީ އިދާރާތަކުން ލަފާކުރެއެވެ.

comment ކޮމެންޓް