އިނގިރޭސިވިލާތުން އިންޓަރެސްޓް ރޭޓު މަތިކުރަނީ

އިންޓަރެސްޓް ރޭޓް މަތިކޮށްފިނަމަ ގިނަ ބައެއްގެ ލޯނުތަކުގެ އިންޓަރެސްޓް ވެސް މަތިވާނެ.-- ފޮޓޯ: ގެޓީ އިމޭޖަސް

އިގްތިސާދު ކުރިއަރާ މިންވަރު މި އަހަރު މަޑުޖެހޭނެކަމަށް ލަފާކޮށްފައިވާ އިނގިރޭސިވިލާތުން، އެ ގައުމުގެ އިންޓަރެސްޓް ރޭޓް މަތި ކުރަން ތައްޔާރުވެއްޖެ އެވެ.

އިކޮނޮމިސްޓުންނާއި އިންވެސްޓަރުން ލަފާކުރާ ގޮތުގައި، ބޭންކް އޮފް އިންގްލޭންޑްގެ މަނިޓަރީ ޕޮލިސީ ކޮމިޓީން (އެމްޕީސީ) ރާއްޖޭ ގަޑިން މިރޭގެ ވަގުތެއްގައި، އިނގިރޭސިވިލާތުގެ އިންޓަރެސްޓް ރޭޓް 0.5 ޕަސެންޓުން 0.75 ޕަސެންޓަށް މަތި ކުރާނެ އެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތަށް އެމްޕީސީން މިރޭ އިންޓަރެސްޓް ރޭޓް މަތިކޮށްފިނަމަ މި ފަހަރު ވެގެންދާނީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެ ގައުމުން އިންޓަރެސްޓް ރޭޓް މަތިކުރި ދެ ވަނަ ފަހަރަށެވެ.

ޖުލައި 2007 ވަނަ އަހަރު އެމްޕީސީން އިންގިރޭސިވިލާތުގެ އިންޓަރެސްޓް ރޭޓަކީ 0.25 ޕަސެންޓް ކަމުގައި ކަނޑައެޅި ފަހުން އެ އަދަދު ފުރަތަމަ ފަހަރަށް ބަދަލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ބޭންކް އޮފް އިންގްލޭންޑުން އޭރު ލަފާކޮށްފައިވަނީ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އިންޓަރެސްޓް ރޭޓް ތިން ފަހަރު މަތިވާނެ ކަމަށެވެ. އެހެންކަމުން މިރޭ އަންނަ ބަދަލަކީ، ގިނަ ބަޔަކު ކުރިން ލަފާކޮށްފައި އޮތް ބަދަލެކެވެ.

ގައުމަކުން އިންޓަރެސްޓް ރޭޓް މަތިކޮށްފި ނަމަ، ސްޓޭންޑާޑް ވޭރިއަބަލް ރޭޓް ނުވަތަ ޓްރެކާ ރޭޓެއްގައި ބޭންކްތަކުން މީހުން ނަގާފައި ހުންނަ ލޯނުތަކުގެ އިންޓަރެސްޓް ރޭޓު މަތި ވާނެ އެވެ. އަދި އެއާ އެކު ލޯނުތަކަށް ދައްކަން ޖެހޭ ވަރު ބޮޑުވާނެ އެވެ.

ގިނަ ބޭންކްތަކުން އާންމުކޮށް ބޭނުން ކުރާނީ އެ ރޭޓުތައް ކަމުން، މިރޭ އިންޓަރެސްޓް ރޭޓް މަތި ކުރުމާ އެކު އެތައް މިލިޔަން ބަޔަކަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އިނގިރޭސިވިލާތުން އީޔޫ އިން ވަކިވާން މަސައްކަތް ކުރަމުން އަންނަ އިރު، އެ ގައުމުގެ އިގްތިސާދީ ދުވެލި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހުރީ 0.2 ޕަސެންޓުގަ އެވެ. އަދި ދެ ވަނަ ކުއާޓަރުގައި އެ އަދަދު ހުންނާނީ 0.4 ޕަސެންޓުގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ. މުޅި އަހަރަށް ބަލާއިރު، އިނގިރޭސިވިލާތުގެ އިގްތިސާދު ކުރިއަރާ މިންވަރު މިދިޔަ އަހަރާ އަޅާ ބަލާއިރު މަޑުޖެހޭނެ ކަމަށް މާލީ އިދާރާތަކުން ލަފާކުރެ އެވެ.

comment ކޮމެންޓް