ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކެޓަރީ ޖެނެރަލްކަން ކުރައްވާ، ކުރީގެ ރައިސް މުހައްމަދު ނަޝީދު، އިނގިރޭސި ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފިއެވެ.
ރަސްގެފާނު ޗާލްސްއާއި ނަޝީދު ބައްދަލުކުރެއްވީ އިއްޔެ އިނގިރޭސި ގަނޑުވަރު ބަކިންހަމް ޕެލަސްގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އިނގިރޭސި ރަސްގެފާނުގެ ގަނޑުވަރުން ވެސް އަދި ނަޝީދުގެ ފަރާތުން ވެސް އެއްވެސް މައުލޫމާތެއް ރަސްމީ ސިފައެއްގައި ހިއްސާކުރައްވައިފައެއް ނުވެއެވެ.
އެކަމަކު، ބޭރުގެ މީޑިއާތަކުން ވަނީ އެ ބައްދަލުވުމުގެ ވާހަކަ ރިޕޯޓުކޮށްފައެވެ.
މީސްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވާ ރަސްގެފާނު ޗާލްސް ވަރަށް ހިނިތުންވެވަޑައިގެން ހުންނަވައި ނަޝީދާ ސަލާމްކުރައްވައެވެ.
ރަސްގެފާނު ޗާލްސްއަށް ކެންސަރު ޖެހި، ފަރުވާ ހޯއްދަވަން ފެއްޓެވިކަން ރަސްގެފާނު އިއުލާނުކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ.
ފަރުވާ ހޯއްދަވާ މުއްދަތުގައި ރަސްގެފާނަށް އާންމުންނާ ބައްދަލުނުކުރެއްވޭނެ ނަމަވެސް، ފަރުވާ ހޯއްދަވައިގެން އާންމު މަސްއޫލިއްޔަތުތަކަށް ވީހާވެސް އަވަހަށް ރުޖޫއަވެވޭނެ ކަމަށް ރަސްގެފާނު އުއްމީދު ކުރައްވާ ކަމަށް ގަނޑުވަރުން އޭރު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އިނގިރޭސި ދައުލަތުގެ ވެރިޔާގެ މަގާމުގައި ހުންނަވާ ރަސްގެފާނު ޗާލްސް، އާންމުންގެ ތެރެއަށް ނުކުމެވަޑައިނުގަތް ނަމަވެސް، ރަސްމީ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ބަކިންހަމް ޕެލެސްގެ ބަޔާނުގައިވެއެވެ.
ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު އަޅުވައި، ތަޚުތުގައި ރަސްމީކޮށް ވެޑުވީ މިދިޔަ އަހަރުގެ މެއި މަހުގެ ހަޔެއްގައެވެ. އެއީ މަންމާފުޅު ރާނީ އެލިޒަބެތު ދެވަނަ އޭގެ ކުރީ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.
ސީވީއެފްއަކީ، 2009 ވަނަ އަހަރު ނަޝީދުގެ ވެރިކަމުގައި ރާއްޖެއާއި އެހެން 11 ގައުމަކުން އުފެއްދި ފޯރަމެކެވެ.
އެ ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރުމަށް ނަޝީދު އެއްބަސްވެވަޑައިގެންފައިވާކަން ވެސް ހާމަކުރެއްވީ، ސިޔާސީ މަސައްކަތާ ދުރަށްޖެހިވަޑައިގެންނެވިކަން އިއުލާނުކޮށް، ޑިސެމްބަރު 12، 2023 ގައި ނެރުނު ބަޔާނެއްގައެވެ.
އެ ޖަމާއަތުގެ ވަޒީފާގައި ހުރެ، ރާއްޖެއަށް ޚިދުމަތް ކުރެވޭނެ ކަމަށާއި މި މަހު އެ މަގާމުގެ މަސައްކަތްތައް ފައްޓަވާނެ ކަމަށް ނަޝީދު ބަޔާނުގައި ވިދާޅުވިއެވެ. ސީވީއެފްގެ ސެކެޓަރީ ޖެނެރަލްކަމުގެ މަގާމުގައި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވި ނަމަވެސް އެ މަނިކުފާނު އަދިވެސް މަޖިލީސް މެންބަރުކަމުން އިސްތިއުފާދެއްވައިފައެއް ނުވެއެވެ.