ޕީޕީއެމްގެ ކެމްޕެއިނުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާނެ ވާހަކައެއް ނުބުނާ ކަމަށާއި މީޑިއާތަކުން އޮޅުވާލައިގެން ހަބަރު ލިޔުނީ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން މަޖީދީމަގުގައި އަތޮޅު ޖަގަހަ ހުޅުވުމަށް ފަހު ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ރައީސް ޔާމީން ވެރިކަމަށް ގެންނާނެ ކަމަށް އަދުރޭ ވިދާޅުވި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރި އެވެ. އަދުރޭ އެހެން ވިދާޅުވި ކަމަށް ބުނާ މައްސަލަ އިދިކޮޅު ފަރާތްތަކުން މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
އަދުރޭ ވިދާޅުވީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާނަމޭ ވިދާޅު ނުވާ ކަމަށެވެ. ވިދާޅުވީ "ޕީޕީއެމަށް ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް" އަދުރޭ ވިދާޅުވި އެވެ.
"އެންމެ ފަހުން މާލޭގައި އަޅުގަނޑުމެން ޖަގަހަ ހުޅުވިރޭ އަޅުގަނޑު ދެއްކި ވާހަކައެއް ވަރަށް ބޮޑަށް ބަދަލުކޮށްލައިގެން އަނބުރާލައިގެން އެވާހަކަ ދައްކައި އަދި ޕޮލިހަށް އެ މައްސަލަ ވަނީ މިހާރު ހުށަހަޅާފައި." އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އަދި ވެސް އެހެން ބުނަން ޖެހިލުމެއް ނުވާ ކަމަށެވެ. އެއީ ރައީސް ޔާމީން އިންތިހާބު ކުރާނީ އެބޭފުޅުންގެ ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރު ވެސް މި ދަންނަވަނީ މާތް ﷲގެ އިރާދަފުޅާއެކީ މިފަހަރު އަޅުގަނޑުމެން ރައީސް ޔާމީން އިންތިހާބު ކުރާނީ އަޅުގަނޑުމެންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެންނޭ. މިއީ އަޅުގަނޑު އެރޭ ވެސް ދެންނެވި އިބާރާތް. މިރޭ ވެސް މި ދެންނެވީ އެ އިބާރާތް. އެބޭފުޅުން މާނަ ކުރެއްވީ އަޅުގަނޑު ބުނެފިއޭ ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނަމޭ. ދައުލަތުގެ ވަސީލަތުގެ ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީ،" އަދުރޭ ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުގެ ވަޒީރުން ކެމްޕެއިނަށް ނުކުންނާނެ ކަމަށާއި އެއީ ވަޒީރުންނަކީ ޕީޕީއެމްގެ މެމްބަރުން ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަތޮޅު ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމުން ސަރުކާރު އެކީގައި ނުކުމެ ކެމްޕެއިން ކުރަނީއޭ އިދިކޮޅު ފަރާތްތަކުން ކިޔާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އާނއެކޭ. މުޅި ސަރުކާރު އެކީގައޭ އަޅުގަނޑުމެން ކެމްޕެއިން ކުރާނީ." ޢަތޮޅު ޖަގަހާގައި އަދުރޭ ވިދާޅުވި އެވެ.