އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަންގެ މިނިވަންކަން ކުރުމަށް ކަމަށް ބުނެ އެ ކޮމިޝަންގެ ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން އިއްޔެ ކުރި މުޒާހަރާ ހަރުކަށިކޮށް ކުށްވެރިކޮށް ހަލީލް ވިދާޅުވީ، އެ މުޒާހަރާއަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނަށް ބިރު ދައްކައިގެން އެ ކޮމިޝަންގެ މިނިވަންކަން ނަގާލުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށެވެ.
"މިފަދަ އަމަލުތައް އިދިކޮޅު ފަރާތްތަކުން ހުއްޓާލައި ގައުމުގެ ހަމަޖެހުމާއި އަމާންކަމަށް ލޯބި ކުރަން ޖެހޭ. އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އީސީ އިން ކުރާ މަސައްކަތަށް އެހީތެރިވާން ޖެހޭ،" ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހަލީލް ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
އިންތިހާބަށް ނުފޫޒު ފޯރުވަން އިދިކޮޅުން އުޅޭ ކަމަށް ތުހުމަތުކޮށް ހަލީލް ޓްވީޓެއް ކުރައްވާފައިވާ އިރު، އިއްޔެ އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ އެމްޑީޕީ އިން ފުރާ ބައެއް ރީ ރެޖިސްޓްރޭޝަން ފޯމްތައް އިލެކްޝަން ކޮމިޝަނަށް ހުށަނާޅާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"ރީރެޖިސްޓްރޭޝަން ފޯމް އެމްޑީޕީ އިން ފުރުމަށް ފަހު، އެމްޑީޕީގެ އޮފީސް އިން އެބޭފުޅުންގެ ބެކްގުރައުންޑް ޗެކް ކޮށް، އެމްޑީޕީ އަށް ވޯޓް ނުލިބޭ ނަމަ އީސީ އަށް ފޯމް ނުވައްދާނެ ކަމުގެ މައުލޫމާތު ލިބޭ. ދިވެހި ރައްޔިތުންނަށް ލިބިފައިވާ ވޯޓް ލުމުގެ ހައްގު މިގޮތަށް ހައިޖެކް ކޮށްގެން ނުވާނެ،" ހަލީލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
ހަލީލް މިގޮތަށް އިދިކޮޅު ފަރާތްތަކަށް ތުހުމަތުތަކެއް ކުރައްވާފައިވާ އިރު، ޕީޕީއެމުން ކުރިއަށް ގެންދާ ރީ-ރެޖިސްޓްރޭޝަންގެ ކަންކަމުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި ބޭނުންކުރަމުންދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.