ޕީއެސްއެމް ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ ބާރު ރައީސަށް ދޭން ކޮމިޓީން ފާސްކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން "ޕީއެސްއެމް ނިއުސް"ގެ ނަމުގައި ޗެނަލެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބޯޑު އުވާލައި، އެ ބޯޑުގެ މެމްބަރުންގެ އަދަދު ފަހަކަށް މަދުކޮށް، ބޯޑަށް އާ މެމްބަރުން އައްޔަންކުރުމުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް ޕީއެސްއެމްގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ އިސްލާހު ފާސްކޮށްފައިވަނީ ކޮމިޓީ މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމިޓީން ބިލު ފާސްކޮށްފައިވަނީ މަޖިލީހަށް ބިލު ހުށަހެޅި އިރު ބިލު ފަރުމާ ކޮށްފައިވާ ގޮތަށް އެެއްވެސް ބަދަލެއް ނުގެނެސް އެވެ.

ޕީއެސްއެމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނާ ގޮތުން، އެ އިސްލާހު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމާ އެކު، ޕީއެސްއެމްގެ ބޯޑުގައި ތިއްބެވި ހަތް މެމްބަރުންގެ މަގާމު ހުސްވާނެ އެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފަށާތާ 10 ދުވަހުގެ ތެރޭގައި ޕީއެސްއެމް ބޯޑަށް ދައުލަތުގެ ވިޔަފާރީ ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން މެމްބަރުން އައްޔަން ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

ޕީއެސްއެމް ބޯޑުގައި މިހާރު ހިމެނޭ ހަތް މެމްބަރުންނަކީ އެ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއް ލަތީފާއި ހއ. އިހަވަންދޫ ނޫފަރު މަހްމޫދު އަލީ އާއި މ. ޕެޓީވިލާ އައިމިނަތު ޝާޔަން ޝާހިދާއި ތ. ވިލުފުށި ހުސްނުހީނާގެ އިބްރާހިމް ހިލްމީގެ އިތުރުން މއ. ޕެންޒީ މުހައްމަދު ޝާގިލް އެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަަޖިލީހުންނެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވާނީ ރައީސް އެވެ.

ނަމަވެސް ޕީއެސްއެމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނާގޮތުން، ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ޕްރައިވަޓައިޒޭޝަން ބޯޑުންނެވެ. އަދި ކުރިން އޮތް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑް ފަސް މެމްބަރުންނަށް މަދު ކުރަން އިސްލާހުގައިވެ އެވެ. އެއީ ޗެއާމަނަކާއި މެނޭޖިން ޑިރެކްޓަރަކާއި ދެން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނެވެ.

އޭގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ މެމްބަރުންގެ މުއްދަތު ހަތް އަހަރުން ހަތަރު އަހަރަށް ވަނީ ދަށްކޮށްފަ އެވެ. އެގޮތުން ކުރިއެކޭ އެއްގޮތަށް ބޯޑް މެމްބަރަކަށް އެންމެ ގިނަ ވެގެން ހުރެވޭނީ ދެ ދައުރެވެ.

comment ކޮމެންޓް