އިގްތިސާދީ ސިޔާސަތު އެންމެ ރަނގަޅީ ރައީސް ޔާމީންގެ: ވިޔަފާރިވެރިންގެ ޖަމިއްޔާ

ޖުލައި 17، 2018: ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ތެރެއިން އިގްތިސާދީ ސިޔާސަތު އެންމެ ރަނގަޅީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ކަމަށް ވިޔަފާރިވެިންގެ ޖަމިއްޔާއިން ބުނެފި އެވެ.

މިއަދު އެ ޖަމިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް ވިދާޅުވީ، އިގްތިސާދީ ސިޔާސަތުތައް އެންމެ ރަނގަޅީ ވެރިކަން ކުރާ ޕާޓީގައި ކަން ދެނެގަތީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ މިންގަނޑުތައް ބޭނުންކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން ބެލީ، ރާއްޖޭގައި މިހާރު ވެރިކަން ކުރާ ޕާޓީ އާއި އަދި ރާއްޖޭގެ އެހެން ޕާޓީތަކާއި އަދި ރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުންފުޅުވާ މީހުންގެ ތެރެއިން އެންމެ ރަނގަޅު އިގްތިސާދި ސިޔާސަތެއް ގެންގުޅޭ ބަޔަކީ ކޮބައިތޯ. އެގޮތުން ވިޔަފާރިވެރިންގެ ޖަމިއްޔާއަށް، އަޅުގަނޑުމެންނަށް ފެނުނު އެންމެ ރަނގަޅު އިގްތިސާދީ ސިޔާސަތެއް ގެންގުޅެނީ ވެރިކަން ކުރާ ޕާޓީ އިން." އާސިފް ވިދާޅުވި އެވެ.

އެކަން ދެނެގަތީ ސިޔާސަތުތައް ބައްޓަން ކޮށްފައިވާ ގޮތާއި އިގްތިސާދީ ގޮތުން ކޮށްފައި ހުންނަ މަސައްކަތްތަކާއި ދައްކަވާފައިވާ ވާހަކަތަކާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ކިހާ ވަރަކަށް ކަމާއި އެ މަޝްރޫއުތަކުން ވިޔަފާރިވެރިންނަށް ފައިދާ ވަނީ ކިހާވަރަކަށްތޯ ބެލުމަށް ފަހު ކަމަށެވެ.

ޕީޕީއެމްގެ އިގްތިސާދީ ސިޔާސަތުތަކަށް ތާއިދު ކުރައްވައި އާސިފް ވާހަކަ ދެއްކެވި އިރު އޭނާ ވަނީ އިދިކޮޅުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑުުމެންނަށް ފާހަގަ ކުރެވުނު، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ގެންގުޅެފައި ހުރި ސިޔާސަތުތަކަކީ މިހާތަނަށް އިގްތިސާދާ ވަރަަށް ވެސް ބީރައްޓެހި ސިޔާސަތުތަކެއް ކަން. އެގޮތުން ބައެއް ލީޑަރުން އެބަހުރި ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމަށް ޓްވީޓުކޮށްފައި. ރާއްޖެ ބަނޑަށް ޖެހޭނެ ކަމަށް ޓްވީޓުކޮށްފައި. އަދި އެބޭފުޅުންގެ ވެރިކަމެއްގައި ވަކި ގައުމަކާ އެކު ނޫނިއްޔާ ވިޔަފާރި ނުކުރާނެ ކަމަށް ބުނެފައި." އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިޔަފާރިކުރެވެން ޖެހޭނީ އަވައްޓެރި ވަކި ގައުމަކާ އެކު ނޫން ކަމަށެވެ. އަދި ހުރިހާ ގައުމަކާ އެކު ވެސް ވިޔަފާރި ކުރެވެން ޖެހޭނެ ކަމަށާއި ގައުމަށް އިގްތިސާދީ ގޮތުން ފައިދާ ކުރާނީ ގިނަ ގައުމުތަކާ އެކު ފިޔަފާރި ކުރުމުން ކަމަށެވެ.

އިދިކޮޅު ލީޑަރުންގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވުމުން އާސިފް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު ނިންމެވި ނިންމެވުމެއް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ގާސިމް ސަރުކާރަށް ކޮމާޝަލް އިންޓްރެސްޓުގައި އޭރު ލޯނެއް ނެގި ކަމަށާއި އެއީ ސަރުކާރުތަކުން ކުރާ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މިހާރު އިދިކޮޅު ފަރާތްތައް އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ އިވެލުއޭޓް ކުރަން. އެ ބޭފުޅުންގެ ތެރޭގައި ވެރިކަން ކޮށްފައި ތިބި މީހުންނާއި އަދި އެކިއެކި ދާއިރާތަކުގައި މަސައްކަތްކޮށްފައި ތިބި މީހުން ތިބީމާ."

ރާއްޖޭގެ ސިޔާސީ ދާއިރާގައި އިގްތިސާދީ ކަންކަމަށް ވުރެ ބޮޑަށް ވާހަކަ ދެކެވެނީ ޑިމޮކްރެސީއާ ބެހޭ ގޮތުން ކަމަށް ވެސް އާސިފް ވިދާޅުވި އެވެ. އެހެން ނަމަވެސް، މިޒަމާނަކީ ޑިމޮކްރެސީގެ ވާހަކަ ދައްކާފައި ނިންމާލެވޭނެ ޒަމާނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ހަމައެކަނި ޑިމޮކްރެސީ ގެންނާނެ ކަމަށް ބުނުމުގެ ބަދަލުގައި މެނިފެސްޓޯގައި ހިމެނޭ އިގްތިސާދީ ކަންތައްތައް ހާސިލު ކުރާނެ ގޮތް ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް