ބެންގަލޫރު އެފްސީން އިންޓަ ޒޯން ސެމީ ފައިނަލަށް ނުކުންނާނީ ވަރުގަދަ ޓީމަކާއެކު!

ބެންގަލޫރު އެފްސީ އަދި އިންޑިއާ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ އޭޝިއަން ކަޕްގެ އިންޓަ ޒޯން ސެމީ ފައިނަލަށް ބެންގަލޫރު އެފްސީން އަލްޓީން އަސީރާ ދެކޮޅަށް ނުކުންނަ މެޗަށް އެޓީމުން ފުރިހަމައަށް ތައްޔާރު ކަމަށް ޓީމާ އަލަށް ހަވާލުވި ކޯޗު ކާލޯސް ކުއަޑްރެޓް ބުނެފިއެވެ.

މިދިޔަ ތިން ސީޒަންގައިވެސް ބެންގަލޫރު އެފްސީގެ ކޯޗުކަމުގައި ހުރި އެލްބާޓް ރޯކާގެ އެސިސްޓެންޓަކަށް ކުރިން މަސައްކަތް ކުރި ކުއަޑްރެޓް ބެންގަލޫރު އެފްސީއަ ހަވާލުވެފައި ވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުގައެވެ.

އެލްބާޓް ރޯކާއާއެކު 2015-16 ވަނަ އަހަރުގެ ސީޒަންގައި ބެންގަލޫރު އެފްސީން އޭއެފްސީ ކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، މި ސީޒަންގެ ސުޕަ ލީގުގެ ލީގު ބުރު ބެންގަލޫރުން ނިންމާލީ އެއްވަނައިގައެވެ. އެހެން ނަމަވެސް އެޓީމަށް ކުރިއަށް އޮތް ސީޒަނަށް އޭއެފްސީ ކަޕުން ޖާގަ ގެއްލުނީ ސުޕަ ލީގުގެ ފައިނަލްގައި ޗެންނާއީ އެފްސީ އަތުން ބަލިވުމުންނެވެ.

މިއަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ނިއު ރޭޑިއަންޓްވެސް ހިމެނުނު ގްރޫޕުން ބެންގަލޫރު އެފްސީއަށް ސަލާމަތްވެވުނީ ކިރިޔާއެވެ. އެ ކްލަބުން ވަނީ މާލޭގައި ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމު އަތުން ބަލިވެސްވެފައެވެ.

ބެންގަލޫރު އެފްސީއަށް އޭއެފްސީ ކަޕްގެ ނޮކްއައުޓް ބުރުގައި ފުރަތަމަވެސް ވާދަކުރަން ޖެހޭނީ އުޒުބަކިސްތާންގެ އަލްޓީން އަސީރާ ދެކޮޅަށެވެ.

އެމެޗަށް ތައްޔާރުވުމަށް ބެންގަލޫރު އެފްސީން ގިނަ ޓްރާންސްފާތަކެއްވެސް ވަނީ ކޮށްފައެވެ. ސްޕެއިންގެ ދެވަނަ ޑިވިޝަންގައި ކުޅެފައިވާ ޒިސްކޯ ހެނާންޑޭޒްއާއި މިދިޔަ ސީޒަންގައި އައިލީގު ޗެމްޕިއަން މިނެރާވް ޕަންޖާބަށް ކުޅުނު ބޫޓާންގެ ޗެންޗޯ ޔެލްޓްޝަންވެސް ދެން ފެންނާނީ ބެންގަލޫރު އެފްސީންނެވެ.

އޭގެ އިތުރުންވެސް ލޯކަލް ކުޅުންތެރިންގެ ތެރެއިން ރީނޯ އަންޓޯ، ސައުރަތު ކީމާ، ގުރުސިމްރާތު ގިލް އަދި ސޯރަމް ޕޮއެރީވެސް ވަނީ ބެންގަލޫރު އެފްސީއަށް ސޮއިކޮށްފައެވެ. ބެންގަލޫރު އެފްސީގެ ކޯޗު ކުއަޑްރެޓް ބުނެފައި ވަނީ އަލްޓީން އަސީރާ ދެކޮޅަށް ނުކުންނާނީ އެޓީމުގެ ފެންވަރު ދަނެގެން ކަމަށާއި، ބެންގަލޫރާއެކު އޭއެފްސީ ކަޕަށް ނުކުތުމަކީ ޝަރަފެއް ކަމަށެވެ.

އޭއެފްސީ ކަޕްގެ މެޗުތަކަށް ބެންގަލޫރަށް އެންމެ މުހިއްމު ކުޅުންތެރިއަކީ ކެޕްޓަން ސުނިލް ޗެތުރީއެވެ. އޭނާ ބުނެފައި ވަނީ ޓީމަށް އަލަށް ގުޅުނު ކުޅުންތެރިންގެ ބޭނުން ޖެހޭނެ ކަމަށާއި، ޓީމުގެ ފެންވަރު މިހާރު އޮތީ ވަރަށް ބޮޑަށް ރަނގަޅަށް ކަމަށެވެ.

އޭއެފްސީ އޭޝިއަން ކަޕްގެ އިންޓަ ޒޯން ސެމީ ފައިނަލްގައި ބެންގަލޫރު އެފްސީ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އޮގަސްޓް 22 ވަނަ ދުވަހުގައެވެ. އެ މެޗު ވެގެންދާނީ އަލަށް ހަވާލުވި ކޯޗު ކުއަޑްރެޓްގެ ފުރަތަމަ މެޗަށެވެ.

comment ކޮމެންޓް