ހުޅުމާލޭގައި އިބޫގެ ކެމްޕޭނަށް ބަޔަކު ހުރަސް އެޅި މައްސަލަ ތަހުގީގުކުރަނީ

އިބްރާހިމް މުހައްމަދު ސޯލިހު--ސަން ފޮޓޯ

އިދިކޮޅު ކޯލީޝަނުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކަމަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލީހު (އިބޫ) ހުޅުމާލެއަށް ވަޑައިގަތް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަން ބަޔަކު މަސައްކަތް ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

https://sun.mv/107837

އިބޫއާ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރީ އިއްޔެ ހުޅުމާލެ އަށް ވަޑައިގެން ކެމްޕެއިން ކުރައްވަން އުޅުއްވަނިކޮށް މަގުމަތިން ދިޔަ ސައިކަލެއްގައި ތިބި ދެ މީހުންނެވެ. އެމީހުން ހަމަ ނުޖެހުން ހިންގަން އުޅުމުން އިބޫ ވަނީ އެސަރަހައްދުން ދުރަށް ގެންގޮސްފައެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައިވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެެވެ.

މިކަމާއި ގުޅިގެން "ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ނަމަ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށާއި އަދި އެފަދަ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ހުށަހަޅައިފި ނަމަ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.

އިބޫއާ ބަޔަކު ހަމަނުކެހުން ހިންގަން އުޅުނު އިރު ދާދި ފަހުން ޕީޕީއެމް އިން މާލޭގައި ކުރިއަށް ގެންދިޔަ ޑޯޓުޑޯގެ ތެރެއިން ބަޔަކު ވަނީ އެކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޒުވާބުކޮށް ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯވެސް މީގެ ކުރިންވަނީ އާންމުވެފައެވެ.

https://sun.mv/107837

މި މައްސަލަ ތަހުގީގުކުރާކަން ފުލުހުން ހާމަކޮށްފައިވާ އިރު، ބަންޑާރަ ނައިބު މިއަދު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަކޮށް އަމަލުކުރުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް އަންގަވާފައެވެ. އޭގެ ތެރޭގައި ހައުސިންގް މިނިސްޓްރީ، ހޯމް މިނިސްޓްރީ، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ޕަބްލިކް ސާވިސް މީޑިއާ ހިމެނެއެވެ.

ބަންޑާރަ ނައިބު އޮފީހުން ބުނި ގޮތުގައި، ކެންޑިޑޭޓުންނާއި ރަނިންގް މޭޓުންނަށް ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ކެމްޕޭނުތަކަށް ދައުލަތުގެ ވަސީލަތްތަކާއި ރަށްރަށުގެ މަގުތަކާއި ބިންތަކާއި އިމާރާތްތައް އާންމު ތަންތަން ގާނޫނުތަކާ އެއްގޮތަށް ފޯރުކޮށްދިނުމާއި، ޕީއެސްއެމްގެ މީޑިއަމްތަކާއި އެއާޓައިމް ހަމަހަމަ އުސޫލުން ފޯރުކޮށްދިނުމަށް ބަންޑާރަ ނައިބު ވަނީ އަންގަވާފައެވެ.

comment ކޮމެންޓް