ޕްލާސްޓިކް ބޭނުންކޮށްގެން މެކްޑޮނަލްޑް ޖޫރިމަނާ ވެއްޖެ!

ސިންގަލް ޔޫސް ޕްލާށްޓިކްގެ އުފެއްދުންތައް ނޫނީ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލައިލާ ޕްލާސްޓިކް އުފެއްދުންތައް ބޭނުން ކުރުން މަދުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ކެފޭ ރެސްޓޯރެންޓުތަކުންވެސް ދަނީ އެމީހުންގެ ވިޔަފާރީގައި ބޭނުންކުރާ މިފަދަ އުފެއްދުންތައް މަދުކޮށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަސްޓަމަރުންނަށް ޚިދުމަތްދޭން މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތުގެ ދަށުން އިންޑިއާގައިވެސް ވަނީ ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުންތައް ބޭނުން ކުރުން މަދުކުރުމަށް ނިންމައިފައެވެ. އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަމާޒަކީ 2022 އަންނައިރު އިންޑިއާގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމެވެ.

އިންޑިއާގެ 29 ސްޓޭޓުގެ ތެރެއިން 25 ސްޓޭޓެއްގައި މިހާރުވެސް މިފަދަ އުފެއްދުންތައް ބޭނުން ކުރުން މަނަލެވެ.

މަހާރަސްތާގައި ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުންތައް މަނާކުރީ އާދިއްތަ ދުވަހުއެވެ. މިއާއެކު ޕްލާސްޓިކް ކޮތަޅާއި ފުޅި، ފުޑް ކޮންޓެއިނާސް އަދި ކަޓްލަރީސްވެސް ބޭނުން ކުރުން މަނާ ވާނެއެވެ.

މަހާރަސްޓާގައި މެކްޑޮނަލްޑްސްގެ އައުޓްލެޓުތައް ހިންގަމުން އަންނަ ހާޑްކާސަލް ރެސްްޓޯރެންޓުންވެސް ދަނީ ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެ ރެސްޓޯރެންޓުގައި ބޭނުން ކުރާ ކަޓްލަރީސް އަކީ ލަކުޑި އެއްޗެއްސެވެ. ބޭނުންކުރަނީ ކަރުދާސް ތައްޓެވެ. ޕްލާސްޓިކް ހޮޅިވެސް ބޭނުމެއް ނުކުރެއެވެ. ނަމަވެސް މި ޕްލާސްޓިކް މަތި ބޭނުންކޮށްގެން ހާޑްކާސަލް މިވަނީ ޖޫރިމަނާ ކޮށްފައެވެ.

ހާޑްކާސަލް އަށް މި ޖޫރިމަނާ އައިސްފައިވަނީ، މެކްޑޮނަލްޑްސް އަކީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ނުކުރަން އެއްބަސްވެފައިވާ އައުޓްލެޓަކަށް ވާތީއެވެ. ރެސްޓޯރެންޓްސް އެސޯސިއޭޝަނުގެ މި ނިންމުމުގެ ބައިވެރިން ޕްލާސްޓިކް ބޭނުން ކުރާ ނަމަ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 73 ޑޮލަރުންނެވެ. އޭގެ ފަހުން އިތުރުވާ ކޮންމެ ފަހަރަކު 367 ޑޮލަރުންނެވެ.

މާގިނައިން މި ކުށް ކުރާނަމަ ޖަލު ހުކުމެއްވެސް އަތުވެދާނެއެވެ.

އިންޑިއާގައި ޕްލާށްޓިކް މަނާކުރަން އަމާޒު ހިފާފައިވާއިރު، އޭގެ ސަބަބުން އެގައުމުގެ އިގްތިސާދަށް 2.2 ބިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމަށް ބެލެވެއެވެ. އަދި 300،000 މީހުންގެ ވަޒީފާ ގެއްލި ޕްލާސްޓިކް އިންޑަސްޓްރީ ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ބެލެވެއެވެ.

comment ކޮމެންޓް