ވޯލްޑް ކަޕް މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔަކަށް މިސްރު ކީޕަރު އަލް ހަދަރީ

ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި ކީޕަރު އަލް ހަދަރީ މިސްރުގެ ގޯލް ބަލަހައްޓަނީ --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑު، މިސްރުގެ ގޯލްކީޕަރު އެސާމް އަލް ހަދަރީ މުގުރާލައިފިއެވެ.

އެ ރެކޯޑު އަލް ހަދަރީ މުގުރާލާފައިވަނީ 'ގްރޫޕް އޭ'ގައި ސައުދީ އަރަބިއާ އަތުން 2-1ގެ ނަތީޖާއަކުން މިސްރު ބަލިވި މެޗުންނެވެ. ރެކޯޑު މުގުރާލި އިރު، އޭނާގެ އުމުރަކީ 45 އަހަރާއި 161 ދުވަހެވެ.

އަލް ހަދަރީގެ ކުރިން ވޯލްޑް ކަޕް މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑު ދަމަހައްޓަމުންދިޔައީ ކޮލަމްބިއާގެ ކީޕަރު ފަރީދް މޮންޑްރެގަންއެވެ. ވޯލްޑް ކަޕް 2014ގައި މޮންޑްރެގަން އެ ރެކޯޑު ހެދި އިރު، އޭނާގެ އުމުރަކީ 43 އަހަރާއި ތިން ދުވަހެވެ.

ރޭގެ މެޗަކީ މިސްރުގެ ކީޕަރު އަލް ހަދަރީ ކުޅުނު ފުރަތަމަ ވޯލްޑް ކަޕް މެޗެވެ. އަދި އެ މެޗަކީ މިސްރުގެ ކެޕްޓަން އަލް ހަދަރީ، ގައުމީ ޓީމަށް ކުޅުނު 157 ވަނަ މެޗެވެ.

އެ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ސައުދީއަށް ދެ ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ފަހަދް އަލް މުވައްލަދް ފޮނުވާލި ޕެނަލްޓީ، ރެކޯޑު މުގުރާލި މިސްރުގެ ކީޕަރު އަލް ހަދަރީ ދިފާއުކުރި ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ލިބުނު ޕެނަލްޓީ ސައުދީން ކާމިޔާބުކުރިއެވެ. އެ ޕެނަލްޓީ ސައުދީއަށް ކާމިޔާބުކޮށްދިނީ ސަލްމާން އަލް ފަރަޖެވެ. އެ ލަނޑުގެ ކުރިން މިސްރުން ޖެހި ލަނޑަކީ އެޓީމުގެ ތަރި މުހައްމަދު ސަލާހު ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޕޮއިންޓަކާއެކު ވޯލްޑް ކަޕް ނިންމާލެވެން އޮތް ނަމަވެސް، މިސްރަށް އެ ފުރުސަތު ގެއްލުނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ސައުދީން ޖެހި ލަނޑުންނެވެ. އެ ލަނޑު ސައުދީއަށް ކާމިޔާބުކޮށްދިނީ ސަލާމް އަލް ދަވްސާރީއެވެ.

މިއީ މިސްރުން ވޯލްޑް ކަޕްގައި ވާދަކުރާ ތިންވަނަ ފަހަރެވެ. މިސްރުން މިފަހަރުގެ ވޯލްޑް ކަޕް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.

comment ކޮމެންޓް