ޒުވާނުންނަށް ފުރުސަތުތަކާއި އަހައްމިއްޔަތުކަން އެންމެ ބޮޑަށް ދިނީ މި ސަރުކާރުން ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބާއްވާ ދެވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެންޖީއޯއެއް ކަމަށްވާ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު (ރަފީން) ބޭއްވި ސަމިޓު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ މި ސަރުކާރުން ޒުވާނުންނަށް ތަފާތު ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
"ރާއްޖޭގެ ސަރުކާރުން ދަނީ ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް މަސައްކަތް ކޮށް ޒުވާނުން ދުޅަހެޔުކަންމަތީ ޒިންމާދާރު ބަޔަކަށް ވުމަށް މަގުކޮށައިދިނުމަށް އެހީވެދިނުމާއި އަހުލާގު ރަނގަޅު ބަޔަކަށް ހެދުމަށް އެހީވަމުން. އަދި އޭގެ އިތުރުން އިޖުތިމާއީ، އިގްތިސާދީ އަދި ގައުމުގެ އެެހެނިހެން ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ވަޒީފާތަކަށް ބޭނުންވާ ހުނަރުތައް ތަރައްގީ ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން،'' އިރުތިޝާމް ވިދާޅުވިއެވެ.
އެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ފާއިތުވި ހަތަރު އަހަރުތެރޭ މިސަރުކާރުން އިންޑޯ ފެސިލިޓީސްއާއި ރިކްރިއޭޝަނަލް ފެސިލިޓީސްއާއެކު 30 ޔޫތު ސެންޓަރު ގާއިމްކޮށްފައިވާ ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.
އެ ޔޫތު ސެންޓަރުތަކުން ޔޫތު ޗެލެންޖާއި، ޔޫތު ޖޮބް އެކްސްޕޯ، ޔޫތު ފެސްޓިވަލް، ޔޫތު އިނޮވޭޝަން އެންޑް އާޓްސް އެކްޒިބިޝަންސްއާއި ޔޫތު ކައުންސިލިންގެ ހިދުމަތް، ޔޫތު ވޮލަންޓިއާސް ނެޓްވާކާއި ޔޫތް ސްކިލް ޑިވޮލޮޕްމަންޓް ޕްރޮގްރާމާއި ޔޫތު ހެލްތު ކެފާ ބާއްވައިފައިވާ ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން ފިޓްނަސް ފެއާތަކާއި ޔޫތުު އެކްސްޗޭންޖް ޕްރޮގްރާމާއި ޔޫތު އެވެއާނަސް ޕްރޮގްރާމްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނަށް ހިންގި ޕްރޮގްރާމާއި ޒުވާނުން ބާރުވެރިކުރުމަށް ހިންގި ޕްރޮގްރާމާއި އަދި ޔޫތު ނެޝަނަލް ފޯރަމް ޕްރޮގްރާމް ހިންގާފައިވާ ކަމަށްވެސް އިރުތިޝާމް ވިދާޅުވިއެެވެ.
އިރުތިޝާމް ވިދާޅުވީ އެ ޕްރޮގްރާމްތަކުގައި ޒުވާން އަންހެނުން ބާރުވެރިކުރުމަށް އިސްކަންދިން ކަމަށާއި އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގައި އަންހެނުން ޝާމިލް ކުރެވި، މަތީ މަގާމުތަކާއި އަދި ކުންފުނިތަކުގެ ބޯޑުގައި އަންހެނުނުން ހިމެނުނު އަދަދު އިތުރުކުރެވިފައިވާ ކަމަަށެވެ.
އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުން ޒުވާނުންނަށް ބޮޑު އަހަމިއްޔަތުކަމެއް ދިން ކަން އެނގިގެން ގޮސްފައިވާ ކަމަަށް ސް އިރުތިޝާމް ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުތަކުން ނުދޭވަރަށް މި ސަރުކާރުގައި ޒުވާނުންނަށް އެންމެ ގިނަ ފުރުސަތުތަކާއި އަދި އަހައްމިއްޔަތުކަން ދިން ކަން އެނގިގެން ގޮސްފައިވާ ކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ.