ހއ. އުލިގަމަށް އުފަން އަހްމަދު ސިނާނާއި އޭނާގެ ރަހުމަތްތެރިންނަކީ އާންމުކޮށްވެސް ވަދާ ގޮސް އުޅޭ ބައެކެވެ. ރަމަޟާން މަހުގައިވެސް އެމީހުންގެ އެ އާދަ ހަމަ އެގޮތަށް ހިނގައެވެ. ބުރާސްފަތި ދުވަހުގެ ފަތިހު ވެސް އެމީހުން ވަދާ ދިޔައީ ހެނދުނު ވާއިރަށް ރަށަށް އައުމަށް ނިންމައިގެންނެވެ.
ސިނާނަކީ ހިސާބުގަނޑުގެ ކަނޑަށް ފަރިތަ، އެ ހިސާބުގެ އާޖުފާޖު އެނގޭ މީހެކެވެ. އޭނާއާއެކު އެދުވަހު ދަތުރުގައި ބައިވެރިވީ އިތުރު ދެ ރަހުމަތްތެރިންނެވެ. ދޯނި ދުއްވަން ހުރީ ސިނާނުއެވެ. އެމީހުން ވަދާ ނުކުތީ 4:30 ހާއިރުއެވެ.
ސިނާނުމެން މަސްބޭނުމަށްޓަކައި ދުއްވަނިކޮށް އިންނަފިނޮޅާ ދިމާ ފަރުމަތިން އައްޔެއް ފެނުނުހެން އެމީހުންނަށް ހީވިއެވެ. އޭރު ގަޑިން ފަހެއް ޖަހާ ބޮޑުވީކަން ޔަގީނެވެ. އަލި ފެނުނީ އެ ހިސާބުގަނޑު ފަރުމަތިންނެވެ. އިންނަފިނޮޅު ކައިރިއަށް ގޮސް އުޅޭ މީހުން ދަންނަ ނަމުން ނަމަ "ބޮޑު އަޑި"އާ ދިމާލުންނެވެ.
"ފްލޭޝްވީހެން ހީވީ. ދެން އަހަރަމެން ދޯނި ކައިރީ ކުރީ. އެއީ ވަރަށް ތިލަ ހިސާބެއް. އެހާބޮޑަށް ކައިރި ނުކުރަނީސް އެނގިއްޖެ އެ ބޯޓު އޮތީ ފަރަށް އަރާފައިކަން،" ސިނާން ކިޔައިދިނެވެ.
އާންމު ގޮތެއްގައި ރާއްޖެއިން ބޭރުން ރާއްޖޭގެ އެތެރެވަރިއަށް ވަދެ އުޅޭ އެކިޒާތުގެ ބޯޓު ފަހަރު ސިނާނަށް އެނގެއެވެ. އުލިގަމު ރައްޔިތުންނަށް އެ އުޅަނދުތައް ބީރައްޓެއްސެއް ނުވާނެއެވެ. ސިނާނު ބުނީ އެ އުޅަނދު ފެނުމުން އެއީ އާދަޔާޚިލާފު އުޅަނދެއްކަން ވިސްނުނު ކަމަށެވެ.
"އެނގިއްޖެ މިއީ އާދައިގެ ކަމެއް ނޫންކަން. ފަރުމައްޗަށް ބޯޓު އުރިފައި އޮތް އިރު އެއީން އެކަކުވެސް އެހީއަށްވެސް ގޮވާނުލާ. އަނެއްކާ އެއީ ބޭރުގެ އުޅަނދުފަހަރު ވަދެ ހަދާ ސަރަހައްދެއްވެސް ނޫން. އާންމު ގޮތެއްގައި އެހިސާބާ ބޭރުން ދަތުރުކުރާނީ،" ސިނާން ކިޔައިދިނެވެ.
ސިނާން ބުނީ އެއީ ރާއްޖޭގެ އުޅަނދެއް ނޫންކަން ކަށަވަރުވުމުން އެ މައުލޫމާތު ވަގުތުން ސިފައިންނާއި ހިއްސާކުރި ކަމަށާއި ދެން އަމަލު ކުރީ ސިފައިން ބުނި ގޮތަށް ކަމަށެވެ.
"ސިފައިން ބުނީ ދެން އެހިސާބުން ދިޔަޔަސް އެންމެ ރަނގަޅޭ، އެހެންވެ އަހަރަމެން ނައްޓާލީ"
ސިނާން ބުނީ ސިފައިން އެ ބޯޓު ކައިރި ކުރި ވަގުތު އެމީހުންނަށް އަނެއްކާވެސް އެ ބޯޓު އޮތްތަނަށް ދެވުނު ކަމަށާއި އޭރު ފެނުނީ އެ ބޯޓްގެ ފަޅުވެރިން ބައެއް ތަކެތި [ލަފާކުރެވޭ ގޮތުގައި އަންނައުނު] ހިފައިގެން ފުންމާލާ މަންޒަރު ކަމަށެވެ. އަދި އޭރު އުޅަނދުން ދުން އަރަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.
"އަށް މީހަކު ފުންމާލީ ކަނޑަށް. އެމީހުންނަށް ލައިފްޖެކެޓް ދީގެން ސިފައިން އެމީހުން އެރުވީ ސިފައިންގެ ލޯންޗަށް،" ސިނާނު ބުންޏެވެ.
ސިނާނު ކިޔަދިން ގޮތުގައި އެ އާދަޔާހިލާފު ބޯޓު އެންމެ ފުރަތަމަ ފެނުނު ވަގުތު ވެސް އެކަމުގައި ނުބައެއް އުޅޭ ކަހަލަ އިހުސާސްތަކެއް ކުރެވުނު ކަމަށާއި އަދި ބޯޓުގައި އަލިފާން ރޯކުރުމަށްފަހު ފަޅުވެރިން މޫދަށް ފުންމާލުމުން ހައިރާންވި ކަމަށެވެ.
ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ ބޯޓު ފަރަށް އަރައިގެން އުޅޭކަމުގެ ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހެނދުނު ހައެއް ޖެހިއިރު ކަމަށެވެ.
ބޯޓު ފެނުނު ސަރަހައްދުގައި ފުލުުހުންނާ ސިފައިންވެސް ވަނީ ހަރަކާތްތެރިވެފައެވެ.
"ސަން" އާ ވާހަކަ ދައްކަމުން އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޒިޔާދު ހަސަން އިއްޔެ ވިދާޅުވީ ބޭރުގެ ބޯޓު އެންމެ ފުރަތަމަ ފެނުނު އިރު އޭގައި ރޯ ނުވާ ކަމަށާއި މައުލޫމާތު ލިބޭ ގޮތުން ބޯޓުގައި ރޯކޮށްލާފައި ވަނީ އެމްއެންޑީއެފްއިން އެ ދޯންޏާއި ދިމާއަށް ކައިރި ކުރި ފަހުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެ ބޯޓަކީ އިރާނަށް ނިސްބަތްވާ ބޯޓެކެވެ. އޭގައި ތިބި އަށް މީހުންނަކީވެސް އިރާނު މީހުންނެވެ.
ބޯޓުން ދަތުރުކުރި އަށް މީހުން ސިފައިން ވަނީ ފުލުހުނާ ހަވާލުކޮށްފައެވެ. އަދި ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް އެއީން ބައެއް އެއްޗެހި އޮޔާދާތީ ސަމާލުވުމަށް އޭރު ވަނީ އިލްތިމާސްކޮށްފައެވެ.
ކަނޑުވެފައި އޮތް ބޯޓެއް އަމިއްލައަށް ރޯ ކޮށްލަން ޖެހެނީ ކިއްވެތޯ އެއީ ގިނަ ބަޔަކު އުފެއްދި ސުވާލެކެވެ. ނަމަވެސް އެ ސުވާލަށް ޖަަވާބު ލިބުނީ ފުލުހުން ފެށި ތަހުގީގުންނެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ ބޯޓުގެ ހަލާކު ނުވެ އޮތްބައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ބޯޓުން ހޯދާފައެވެ. އަދި އިއްޔެ މެންދުރު ފުލުހުން ވަނީ ތަހުގީގަށް އެއިން ބައެއްް ތަކެތި އެ އަތޮޅު އިހަވަންދޫއަށްވެސް ގެންގޮސްފައެވެ.
މި މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށް ބެލެވިފައި ވަނިކޮށް އިރުއޮއްސުމާއި އެކު އުލިގަމު ރައްޔިތުންނަށް ވަނީ ތަފާތު ކަމެއް ފާހަގަ ކުރެވިފައެވެ. އެރަށު ގޮނޑުދޮށަށް ހަލާކުވެފައިވާ ބޯޓުގެ ބައިތައް ލައްގަމުން ދިޔައިރު އެއިން ބައެއް ތަކެތި މަސްތުވާތަކެތި ބަންދުކޮށްފައި ހުންނަ ޒާތަކަށް ބަންދުކޮށްފައި ހުރުމެވެ.
އުލިގަމު ކައުންސިލްގެ ނައިބު ރައީސް ޒިޔާދު ރޭ ވިދާޅުވީ އިރުއޮއްސުނު ފަހުން އުލިގަމު ގޮނޑުދޮށަށް ގޮތްނޭނގޭ އެއްޗެހިތަކެއް ލައްގާތީ ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަަމަށެވެ.
އެރަށު ގޮނޑުދޮށަށް ލައްގަމުން ދިޔަ އެއްޗެހިތަކުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ކަމަށާއި ގިނަ އަދަދަކަށް އެ ޒާތުގެ ރަބަރު ޕެކިންގައި ހުރި އެއްޗެހި ލައްގާފައި ހުރި ކަމަށް ޒިޔާދު ވިދާޅުވިއެވެ.
"ކެޝޫނަޓް ލޭބަލްގައި ބަންދުކޮށްފައި ހުރީ. ބޭރުން ފެންނައިރު ހީވަނީ އެއީ ކެޝޫނަޓްހެން. އެތެރޭގައި ހުރީ މުޅިން ތަފާތު އެއްޗެއް. ވަރަށް ބައިވަރު ވަނީ ފެނިފައި. ރޭ ދަންވަރުވެސް އެ ކަހަލަ ކޮތަޅުތައް ލައްގަމުންދިޔަ،" ޒިޔާދު ވިދާޅުވިއެވެ.
ފުލުހުން ރޭ ވަނީ ކަނޑުގެ އެކި ސަރަހައްދުތަކުގަޔާއި އަދި އެ ސަރަހެއްދުގެ ފަޅުރަށްތަކުގައިވެސް އަތްފުނާ އަޅާފައެވެ. އަދި އެނގިފައިވާ ގޮތުގައި މާލެއިން ހާއްސަ ޓީމެއްވެސް ވަނީ މިހާރު އެރަށަށް ގޮސްފައެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ އިއްޔެ ހިނގާ ދިޔަ އާދަޔާހިލާފު ކަންތައްތަކަށްފަހު އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށާއި ރަށުތެރޭގައި ހާސްކަން އުފެދިފައިވާ ކަމަށެވެ. އަދި އެރަށު ކައިރިން އެތައް ބައިވަރު ބޭރުގެ އުޅަނދެއް ދަތރުކުރާއިރު ރައްކާތެރިކަން ކަށަވަރުވެފައި އޮތީ ކިހާވަރަކަށްތޯ ސުވާލު އެފެދޭ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބޯޓުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހިތަކެއް ހުރިކަމުގެ ނިޝާންތަކެއް ފެންނާތީ ފުލުހުން ބޯޓު ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިންވެސް ކަނޑުމަގުން މިގޮތައް އެތެރެކުރަން އުޅުނު އެތައް ކިލޯއެއްގެ މަސްތުވާތަކެތި ފުލުހުންވަނީ އަތުލައިގަނެފައެވެ. އެ ފަހަރުތަކުގައި އެކަންކަން ކޮށްފައި ހުރީ ދިވެހިންގެ ޝާމިލުވުންވެސް އޮވެގެންނެވެ. މި ފަހަރު މިކަން ކުރުމުގައި ޝާމިލުވަނީ ކޮންބައެއްކަން އެނގޭނީ ތަހުގީގަށް ފަހުއެވެ. ފުލުހުން ދަނީ އެ މަސައްކަތް ބާރަށް ކުރިއަށް ގެންދަމުންނެވެ.