ތިމާމެންގެ ސިޔާސީ ކުރިމަގަށްޓަކައި، ރައްޔިތުންނަށް ހަންޑި ބިރު ދެއްކުން!

ރާއްޖޭގެ ރަށެއްގައި ހިނގި ކަމެކެވެ. ފަންގި ވިނުމަށްޓަކައި ރަށުގެ ވަލު ތެރެއިން ފަން ހޮވުން އޮތީ ވަރަށް ފޯރިގަދަވެފައެވެ. އެ މީހަކާއި އެ މީހެކެވެ. ދަންވަރެއް, ހެނދުނެއް, މެންދުރެއް ބެލުމެއް ނެތެވެ. ގިނަ ބަޔަކު އުޅެނީ ފަންކޮޅެއް ލިބޭތޯ ވަލުގައެވެ. މިހެން މިކަންވާތީ ކުރިންސުރެ ވަލުގައި "ރަސްކަން ކުރަމުން" އައި މީހަކަށް ފަން ލިބޭލެއް މަދުވެއްޖެއެވެ. އެހެންވެ އޭނާ ކުރިކަމަކީ ރަށުގެ ވަލުގެ އެކި ސަރަހައްދުތަކުން ހަންޑި ފެންނަ ވާހަކަ ރަށު ތެރެއަށް ފަތުރާލީއެވެ. ބޭނުމަކީ އެހެން މީހުން ބިރުން ވަލަށް ދިޔަ ނުދޭށެވެ. އޭރުން އެ މީހާ ހޮވާނެ ފަން ގިނަވާނެތީއެވެ.

މިއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް އާއްމު ޓެކްނިކެކެވެ. ޚާއްސަކޮށް އޭރަކު އިދިކޮޅުގައި އޮންނަ ބަޔަކު ސިޔާސީ ގޮތުން މަގުބުގޫލުކަން ހޯދުމަށާއި އަލުން ސިޔާސީ މަގާމެއް ހޯދުމަށް މި "ހަންޑި ބިރުދައްކާ ޓެކްނިކް" ވަރަށް ބޭނުން ކުރެއެވެ. އެއީ ރާއްޖޭގެ ސިޔާސީ މައިދާނުގެ މާޒީންނާއި މިއަދުގެ ހާލަތުން ވެސް ފެންނަން އޮތް ކަމެކެވެ.

އިންވެސްޓަރުންނާ ދެކޮޅަށް ފިތުނަ އުފައްދައިގެން މަގާމު ހޯދުން

ރާއްޖޭގެ އިގުތިސާދީ ކުރިމަގާއި އުމްރާނީ ތަރައްގީއަށް ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށް ސަރުކާރުތަކުން މަސައްކަތްކުރާއިރު، އެފަދަ މަޝްރޫއުތަކަކީ ސިޔާސީ ވާދަވެރިކަމުގެ މައިދާނަކަށް ވެގެންދެއެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އިދިކޮޅުގައި ތިބޭއިރު ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކަށް ދެކޮޅުހަދައެވެ. ވެރިކަމުގައި އޮންނަ ޕާޓީން އިގުތިސާދީ ދިރުމަށް ބޭނުންތެރި ކަމެއްގެ ގޮތުގައި ގެންނަ މަޝްރޫއުތަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލި ނަމަވެސް، އެ ޕާޓީތަކަށް ވެރިކަން ލިބުމުން ހަމަ އެފަދަ ބޭރުގެ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދެއެވެ. ނަމަވެސް، ފަހުގެ މަޝްރޫއުތަކާއި މާޒީގެ ތަޖުރިބާތަކުން މި ސިޔާސީ ވާދަވެރިކަމުގެ އަސަރުތައް ފެންނަން އެބަހުއްޓެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރު އަތުން އަތުލުމަށް ގޮވާލައި "ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން" 12 ނުވެމްބަރ 2012ވަނަ ދުވަހު ދޯނިތަކުގައި ކަނޑުމައްޗަށް ނުކުމެ ބޭއްވި ކަނޑުމަތީ މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިފަދަ ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ނަތީޖާ މާޒީން ވެސް ފެންނަން އެބައޮތެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ކުއްޔަށް ދިނުމަށް ދިވެހި ސަރުކާރާއި، ދައުލަތުގެ ސައްތައިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޖީއެމްއާރު-އެމްއޭއެޗްބީ ކޮންސޯޓިއަމާ ދެމެދު ޖޫން 28، 2010 ގައި ސޮއިކުރި 511 މިލިއަން ޑޮލަރުގެ ކޮންސެޝަން އެއްބަސްވުމަކީ އޭގެ މިސާލެކެވެ. ހަމަ އެ ވެރިކަމުގައި ސަރުކާރުން ހުރިހާ ވިޔަފާރިތަކެއް ކުރާ, ކޮރަޕްޝަނަށް މަގުފަހި އުސޫލު ދޫކުރުމަށް ޕްރައިވަޓައިޒޭޝަންގެ ތެރެއިން މަސައްކަތްތަކެއް ކުރަން އުޅުމުން ވެސް ދިމާވީ އެފަދަ ކަންކަމެވެ. ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާ ވިއްކި ހިސާބުން އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަންކަން ސިޔާސީ ޓޫލްއަކަށް ބޭނުން ކުރިއެވެ. "ދީނަށްޓަކައި, ގައުމަށްޓަކައި" ބޮލުގައި ފޮތި އައްސައިގެން ނުކުތެވެ. އެއީ އޭރު އެމްޑީޕީއާ ދެކޮޅަށް ޖެހުނު ކަންކަމެވެ.

ދެން އުފެދުނު ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެމްޑީޕީން އިދިކޮޅުގައި އޮވެ ވެސް ކުރީ ހަމަ އެ ކަންތަކެވެ. އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގެ އިގްތިސާދު ހަމައެކަނި އެކަމަކަށް ބަރޯސާވެފައިވާ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލިއެވެ. އޭގެ ފަހުން ދެން އުފެދުނު ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް އެމްޑީޕީން ކަންކުރީ އެގޮތަށެވެ. ޗައިނާއިން ރާއްޖޭގައި ހިންގި މާސިންގާ ބޮޑެތި, އަދި އެހާތަނަށް ރާއްޖެ ދެކެފައި ނުވާފަދަ މަޝްރޫއުތައް ސިފަކުރީ "ދަރަނި ދަންތުރައިގެ" ގޮތުގައެވެ. ފ. އަތޮޅުގައި ސައުދީން ހިންގަން ނިންމި ބޮޑު މަޝްރޫއާ ސީދާ ދެކޮޅަށް ނުކުމެ އެކަން ހުއްޓުވިއެވެ. މިހެން ގޮސް ރައްޔިތުންނަށް ހަންޑި ބިރު ދައްކައިގެން ރާއްޖެއަށް ލިބެން އޮތް އެތައް ފުރުސަތެއް އެމްޑީޕީން ވެސް ނަގައިލިއެވެ.

ދެން އުފެދުނު އެމްޑީޕީގެ ވެރިކަމުގައި އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީއިން ވެސް ކަން ކުރީ ހަމަ މި މޭރުމުންނެވެ. އަވައްޓެރި އިންޑިއާއާ ގުޅުވައި ހަގީގަތެއް ނެތް އެތައް ވާހަކައެއް ފެތުރިއެވެ. އެ ގައުމުގެ ވެރިންނަށް ކުޑައިމީސްވާ މޭރުމުން ކުރަން ނުވާނެ އެތައް ކަމެއް ކުރިއެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިކަމާއި އެ މީހުން ތިބީ ހަތިޔާރާ ވެސް އެކުގައި ކަމަށް ބުނެ އެތައް ދޮގު ވާހަކަތަކެއް ފެތުރިއެވެ. އިންޑިއާގެ އެހީގައި ހިންގާ ކޮންމެ މަޝްރޫއަކީ ބޮޑު ބިރެއް ކަމަށް ސިފަ ކުރިއެވެ. މިއަދު ޕީއެންސީއިން ވެރިކަމަށް އައިސް އެ ތިބީ އެ ހަންޑި ބިރު ދައްކައިގެންނެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީން މާލޭގައި ބޭއްވި އިންޑިއާ އައުޓް މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

މިއަދު ޕީއެންސީ ވެރިކަމުގައި އޮތްއިރު މި ސަރުކާރާ މިހާރު އިދިކޮޅު ފަރާތްތަކުން ހަމަ ކުޅެނީ މި ކުޅިވަރެވެ. ދުނިޔޭގެ ފެންވަރުގެ އެތައް މަޝްރޫއުތައް ހިންގާފައިވާ މުޙައްމަދު އަލީ އަލްއައްބާރު ރަސްމާލޭގައި އިންވެސްޓް ކުރަން ނިންމި ހިސާބުން ބޮލުގައި ފޮތި އައްސައިގެން ނުކުމެއްޖެއެވެ. ހަމަ ކުރީގެ އެކްޓަރުން ހަމަ އެ ޑްރާމާއެވެ. "ޓަކާޓަކައެވެ." އަދި މި ދުވަސްވަރު ގިނަ ދިވެހީން އެންމެ ނަފުރަތު ކުރާ ބަޔަކީ އިސްރާއީލު މީހުން ކަމަށްވާތީ އެ މީހުންނާ މި މަޝްރޫއާ ގުޅުވައެވެ. މިއީ ސިޔާސީ ޓެކްނިކެކެވެ. ރައްޔިތުން އެންމެ ކެކޭނެހެން ހީވާ ނަމެއް ބޭނުންކޮށްގެން ބިރުވެރިކަން އުފެއްދުމެވެ. އެއީ ސިޔާސީ ގޮތުން ބޮޑު މަގުބޫލުކަން ހޯދުމަށް ކުރާ ކަމެކެވެ.

މި ސިޔާސީ ބޭފުޅުންގެ މި "ހަންޑި ބިރު ޓެކްނިކްގެ" އިޚުލާސްތެރި ކަމެއް ނެތްކަމުގެ ހެއްކަކީ އެ ބޭފުޅުންނަށް ބާރު ލިބުނު ދުވަހު މި ކަންކަން ރަނގަޅު ވެފައި މިއަދު ގޯސްވާތީއެވެ. މި ސަރުކާރުގެ ވެރިންނަށް އިއްޔެ އިންޑިއާ ގޯހެވެ. މިއަދު އިންޑިއާ ބަރާބަރެވެ. ރައީސް ޔާމީނަށް ވެސް ފ. އަތޮޅު ދިނުން އޯކޭއެވެ. އެކަމަކު މިއަދު އެފަދަ މަޝްރޫއެއް ހިންގަންވީމައި ގޯހެވެ. އެމްޑީޕީއަށް ރައްޔިތުން ގާތު ހޭ ވެސް އަހާނުލައި ކަނޑުން ބޮޑު ބައެއް ދޫކޮށްލުން ރަނގަޅެވެ. އަދި އެތައް މިލިއަން ޑޮލަރެއް ޚަރަދު ކޮށްގެން މާލެ ސަރަހައްދުން ހިއްކާފައިވާ ބިންތަކާއި ނުހިއްކާ އޮތް ބިންތައް ހިތު ހުރި ގޮތަކަށް ބަހާލުން ވެސް އެމްޑީޕީއަށް އެ މީހުންގެ ވެރިކަމުގައި އޯކޭއެވެ. އެކަމަކު މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އިރުޝާދުގެ ދަށުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله މިހާރު ނުކުންނަވާފައި އެ ހުންނެވީ ބިމުގެ ދިފާއުގައެވެ. އެ ބޭފުޅުން ބަހަން އޯކޭއެވެ. އެހެން މީހުން ކުރަންވީމައި ގޯހެވެ. މިއީ އިޚުލާސްތެރިން ކަންކުރާނެ ގޮތެއް ނޫނެވެ.

ހުރިހާ ގެއްލުމެއް ގައުމަށް

ސަރުކާރުތަކުން އޭރުވެސް އަދި މިހާރު ވެސް ހިންގާ އަދި ހިންގަން އުޅޭ މަޝްރޫއުތަކުގައި މައްސަލަތަކެއް ނެތް ވާހަކައެއް ނޫނެވެ. އެކަމަކު ރާއްޖޭގެ ސިޔާސީ މައިދާނުގައި ވެރިކަމުން ފައިބަންޖެހޭ ކޮންމެ ފަހަރަކު، އިދިކޮޅު ފަރާތްތަކުން ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކާ ދެކޮޅަށް ތެދުވަނީ ހަމައެކަނި އެ މަޝްރޫއުތަކުގައި ހުރި ގޯސްތަކެއްގެ ސަބަބުންނެއް ނޫނެވެ. އޭގެ ފަހަތުގައި އޮންނަނީ އަމިއްލަ ސިޔާސީ ކުރިމަގު ކަށަވަރުކުރުމުގެ ފުން ރޭވުންތަކެކެވެ. ޚާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ”ގައުމު ވިއްކާލަނީ“ ނުވަތަ ”މިނިވަންކަން ގެއްލެނީ“ ކަމަށް ބުނެ ގައުމީ ޖަޒުބާތު ކައްކުވާލުމަކީ، އާންމު ރައްޔިތުންގެ ހިތްތަކުގައި ”ހަންޑި ބިރު“ އުފައްދައިގެން ސަރުކާރާ ދެކޮޅަށް މީހުން މަގުމައްޗަށް ނެރުމަށް ބޭނުންކުރާ އެންމެ ފަސޭހަ ހަތިޔާރެވެ.

މީގެ މައިގަނޑު އެއް ބޭނުމަކީ ބޮޑެތި އިންވެސްޓްމަންޓްތައް ކާމިޔާބުވެ، ގައުމަށް އިގުތިސާދީ ތަނަވަސްކަން ލިބިއްޖެ ނަމަ، ވެރިކަން ކުރާ ޕާޓީއަށް އާންމުންގެ ތާއީދު އިތުރުވެ ކުރިއަށް އޮތް އިންތިޚާބުތައް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވާނެތީ، އެފަދަ އިގުތިސާދީ ކާމިޔާބީއެއް ސަރުކާރަށް ލިބުނަ ނުދިނުމެވެ. މީގެ އިތުރުން، ސިޔާސީ ޕާޓީތަކުން އިންޑިއާއާއި ޗައިނާ ފަދަ ބޭރުގެ ބާރުތަކާއެކު ބާއްވާ ގާތް ގުޅުންތަކުގެ ސަބަބުން، އެ ބާރުތަކުގެ ވާދަވެރިކަން އެތެރޭގެ ސިޔާސަތަށް ވައްދައި، ސަރުކާރުން އިސްކަންދޭ ގައުމުގެ މަޝްރޫއުތަކާ ދެކޮޅަށް ވަރުގަދަ ކެމްޕޭންތައް ހިންގައެވެ. އެހެންނަމަވެސް، ސަރުކާރުތަކުން ބޮޑެތި އެއްބަސްވުންތައް ގާއިމުކުރާއިރު ރައްޔިތުންނަށާއި މަޖިލީހަށް މައުލޫމާތު ސިއްރުކުރުމާއި، ދެފުށް ފެންނަ މިންވަރު ކުޑަވުމުގެ އިތުރުން ކުއްލި ކުއްލިއަށް ގާނޫނުތައް ބަދަލުކުރުމަކީ، އިދިކޮޅު ފަރާތްތަކަށް މިފަދަ ތުހުމަތުތައް އުފައްދައި ރައްޔިތުން ބިރުގެންނެވުމަށް ސަރުކާރުތަކުން އަމިއްލައަށް ހުޅުވައިދޭ ދޮރެކެވެ.

ސިޔާސީ މަންފާއަށްޓަކައި އިންވެސްޓްމަންޓްތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ އެންމެ ބޮޑު އަގެއް ދައްކަން ޖެހެނީ ގައުމުގެ އިގުތިސާދުންނެވެ. ބޮޑެތި މަޝްރޫއުތައް ސިޔާސީ ކުޅިގަނޑެއްގެ ތެރެއަށް ވައްދައި، ކޮންމެ ސަރުކާރެއް ބަދަލުވާއިރަށް އެއްބަސްވުންތައް ބާތިލުކުރަން ގޮވާލާ ހިސާބަށް ދިޔުމުން، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު ގެއްލޭނެއެވެ. މީގެ ސަބަބުން އަލަށް އަންނަން ތިބި އިންވެސްޓަރުން ފަސްޖެހި، ގައުމަށް ވަންނަން އޮންނަ ބޭރު ފައިސާއާއި އާމްދަނީ އެއްކޮށް މަޑުޖެހިގެން ދާނެއެވެ.

ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުމަކަށް އައުމުގެ ސީދާ ގެއްލުން ފޯރަނީ އާންމު ރައްޔިތުންނަށެވެ. ޚާއްސަކޮށް ޒުވާނުންނަށް އަލަށް އުފެދެން ހުންނަ އެތައް ހާސް ވަޒީފާގެ ފުރުސަތުތަކެއް ގެއްލި، އާއިލާތަކުގެ ފުދުންތެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ހަމައެއާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދިގުލައިގެން ގޮސް، ގައުމުގެ ކުރިއެރުން އެތައް އަހަރެއް ފަހަތަށް ސޮއްސައިގެން ދާނެއެވެ.

https://www.sun.mv/230474

ގައުމީ ޖަޒުބާތާ ކުޅެލައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުން، މުޖުތަމައުގެ ތެރޭގައި ނަފުރަތާއި ރުޅިވެރިކަން އުފެދި ރައްޔިތުން އެކަކު އަނެކަކާ ޖެހޭނެއެވެ. މީގެ އިތުރުން، ސިޔާސީ ބޭނުމަށް ވަކި ގައުމަކާ ދެކޮޅަށް ހިންގާ ބޮޑެތި ކެމްޕޭންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، ޒަމާނުއްސުރެ އޮންނަ ޚާރިޖީ ގުޅުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. މިއީ ހަމައެކަނި މިއަދު ފެންނަން އޮތް ގެއްލުމެއް ނޫނެވެ. މިއީ އަންނަން އޮތް ޖީލުތަކަށް ވެސް އޭގެ ހިތި ރަހަ ދެކެން ޖެހޭނެ ބޮޑު މައްސަލައެކެވެ.

ކުރުކޮށް ބުނާ ނަމަ، ގައުމުގެ އިގުތިސާދީ ކުރިއެރުމާއި ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކަކީ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ގުރުބާންކޮށްލެވޭނެ ކަންކަމެއް ނޫނެވެ. މި ނުރައްކާތެރި ސަގާފަތް ބަދަލުކުރުމަށްޓަކައި، ވެރިކަމުގައި ތިބޭ ފަރާތްތަކުން ބޮޑެތި މަޝްރޫއުތައް ހިންގާއިރު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް ފުރިހަމަ މައުލޫމާތު ހާމަކޮށް، ޝައްކާއި ވަހުމްތަކަށް ޖާގަ ނުދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަމައެއާއެކު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ވަގުތީ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ ހިތްތަކުގައި ”ހަންޑި ބިރު“ އުފެއްދުން ހުއްޓާލައި، ޒިންމާދާރުކަމާއެކު ގައުމީ މަސްލަހަތު އިސްކުރަން ޖެހެއެވެ. އަދި އާންމު ރައްޔިތުން ވެސް ސިޔާސީ ޖަޒުބާތުގައި ޖެހުމުގެ ބަދަލުގައި، ކަންކަމުގެ ހަގީގަތް ދެނެގަނެ ގައުމުގެ މުސްތަގުބަލަށް ފައިދާހުރި ގޮތްތައް އިޚުތިޔާރުކުރުމަކީ، މިފަދަ ސިޔާސީ ކުޅިގަނޑުތަކުން ގައުމު ސަލާމަތްވެ އިގުތިސާދީ ހަމަޖެހުން ގާއިމުކުރުމަށް އޮތް ހަމައެކަނި މަގެވެ. އިއްޔެ ބާރު ލިބުނު ދުވަހު ވައްކަން ކުރި ސިޔާސީ ވެރިން ދައްކާ "ހަންޑި ބިރަށް" ސިހުން ދޫކޮށްލަން ޖެހެއެވެ.

comment ކޮމެންޓް