މެދު އުމުރުގެ ދިވެއްސަކު އަވައްޓެރި ގައުމަކުން މި ފަހުން ރާއްޖެ އައިސް, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުކުންނަން އުޅެނިކޮށް ކަސްޓަމްސް އޮފިސަރުން އެ ބޭބެ ހުއްޓުވައިފިއެވެ. ފޮށީގައި ހުރީ ކޯއްޗެއްތޯ ސުވާލުކޮށް ފޮށި ހުޅުވަން ބުނެފިއެވެ. އެ ބޭބެ ފޮށި ހުޅުވަމުން ބުނީ ފޮށީގައި ގިނައިން ހުންނާނީ "ގައުމުގެ ރައްޔިތުންގެ އާދޭސް" ކަމަށެވެ. ބަލާލިއިރު އެއީ ގިނަ އަދަދަކަށް ބޭހެވެ.
"ރާއްޖޭން ބޭހެއް ލިބެނީއެއް ނޫން. މިއީ މީހުން ބޭސް ސިޓީ ވައިބާ ކޮށްގެން ގަނެދީފައި ހުރިހާ ބޭސް. ވިޔަފާރިއަކަށް ގެނައި އެއްޗެއް ނޫން މިއީއެއް. މިހިރީ ބޭސް ސިޓީތައް ވެސް," ފޯނުން ބޭސް ސިޓީތައް ދައްކާލަމުން އެ ބޭބެ ބުންޏެވެ.
މިއީ މިހާރު ވަރަށް އާއްމު ކަމެކެވެ. މި ފަހުން އަމިއްލައަށް ވެސް މި ތަޖުރިބާ ކޮށްފީމެވެ. އަވައްޓެރި ގައުމުތަކަށް ދަތުރުކުރާ ދިވެހީންގެ ގާތު ގާތްތިމާގެ މީހުންނާއި ރައްޓެހިން އެންމެ ގިނައިން އެދޭ އެއް ކަމަކަށް މިހާރު ވެފައިވަނީ ބޭސް ސިޓީތަކަށް ދެތިން މަހަށް ވާވަރަށް ބޭސް ގެނެސްދިނުމެވެ. ބޭހުގެ ބާވަތްތައް ސައްތައިންސައްތަ ބޭރުން އެތެރެކުރުމަށް ބަރޯސާވެފައިވާ ރާއްޖޭގައި، ދިވެހި ރައްޔިތުންނަށް އަސާސީ ބޭސް ނުލިބުމުގެ ދަތިކަން ދަނީ ދިމާވަމުންނެވެ. އާންމު ބަލިތަކަށް ބޭނުންވާ ބޭސް ހުސްވުމުގެ ޝަކުވާތައް އިތުރުވެ، އެކަމާ ގުޅޭ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށަހެޅިފައެވެ.
އައިޖީއެމްއެޗްގައި ހުންނަ ސްޓޭޓްފާމާގެ ބޭސް ފިހާރަ: --- ފޮޓޯ: މިހާރުއެތައް ބަޔަކު އެދިގެން އަމިއްލައަށް ގެންނަން ޖެހުމުން އެނގުނު ގޮތުގައި, ރާއްޖެއިން ލިބުން ދަތިވެފައިވާ ބޭސްތަކުގެ ތެރޭގައި މާބަނޑު މީހުން އާންމުކޮށް ބޭނުންކުރާ ފޯލިކް އެސިޑާއި، ބައެއް ކަހަލަ އިންހޭލާއާއި، ހިތުގެ ބަލިތަކަށް ޚާއްސަ ބޭސްތަކުގެ އިތުރުން ލޭގެ ޕްރެޝަރަށާއި ހަކުރު ބައްޔަށް ކާ ބައެއް ބޭސްތައް ހިމެނެއެވެ.
ރާއްޖެއިން ޑޮކްޓަރަށް ދެއްކުމުގެ އުނދަގޫތަކުގެ އިތުރުން ޑޮކްޓަރުން ލިޔެދޭ ބޭސް ނުލިބޭތީ، ބޮޑު ބަންދު ނޫން ދުވަސްވަރުގައި ވެސް ބޭސްފަރުވާއަށް ދިވެހީން އާންމުކޮށް ބޭރު ގައުމުތަކަށް ދަތުރުކުރަން ޖެހެއެވެ. އެގޮތުން އާންމުކޮށް ދަތުރުކުރާ ސިޓީތަކުގެ ފްލައިޓްތަކަށް ބާރުބޮޑުވެ، ޓިކެޓް ހޯދުމަށް އާންމުންނަށް ވަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައެވެ. ބޭސް ފަރުވާއަށް ދާން ޖެހުން އެހާ ވެސް އާއްމެވެ.
"އެހާ އުނދަގޫ އެޕޮއިންޓްމަންޓެއް ހޯދަން. އެހާ ދުވަހު މަޑުކޮށްގެން ޑޮކްޓަރަށް ދެއްކޭއިރު ޑޮކްޓަރު ލިޔެދޭ ބޭހެއް ނުލިބޭ. އެހެންވެ ދެން ފައިސާ ދިޔަސް ފުރައިގެން އަންނަނީ މި،" އަވައްޓެރި ގައުމަކުން މި ފަހުން ދިމާވި މެދު އުމުރުގެ ދިވެއްސަކު ކިޔައިދިނެވެ.
މި މައްސަލައިގެ މައިގަނޑު އެއް ސަބަބަކީ ބޭހުގެ ބާޒާރު ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށުގައި އޮތުމެވެ. ދައުލަތުގެ ބޭސް ކުންފުނި, ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބޭހުގެ ބާޒާރުގެ 70 އިންސައްތަ ކޮންޓްރޯލްކުރަނީ އަމިއްލަ ކުންފުނިތަކުންނެވެ. އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެތެރެކުރަނީ ގައުމަށް ބޭނުންވާ ބޭހުގެ އެންމެ 30 އިންސައްތަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވިދާޅުވިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ގަވާއިދުތައް އޮންނަ ގޮތުން، އަމިއްލަ ކުންފުންޏަކުން ވަކި ބޭހެއް ރަޖިސްޓަރީކޮށްފި ނަމަ އެ ބޭހެއް އެތެރެކުރުމުގެ ހުއްދަ އޮންނަނީ ހަމައެކަނި އެ ކުންފުންޏަކަށެވެ. އަދި ބޭރުގެ ސަޕްލަޔަރުންވެސް ޑިސްޓްރިބިއުޝަން ހައްގު ދޫކުރަނީ އެންމެ ފަރާތަކަށް ކަމަށް ވުމުން، 500 އަށް ވުރެ ގިނަ ބޭސް އެސްޓީއޯއަށް އެތެރެ ނުކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އާބާދީ ކުޑަވުމުން ބޭސް އުފައްދާ ކުންފުނިތަކުގެ ޝައުގުވެރިކަން ކުޑަވެ، ބޭނުންވާ މިންވަރަށް ބޭސް ހޯދުމަށް ދަތިވާ ކަމަށް ޝާހު ވިދާޅުވެއެވެ.
ބޭހުގެ އަގު ކޮންޓްރޯލްކުރުމާއި ފައިސާ ދެއްކުން ލަސްވުމަކީވެސް މި ދަތިކަމާ ގުޅިފައިވާ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ބައެއް ބޭސްތަކުން 1،000 ނުވަތަ 2،000 އިންސައްތައިގެ ބޮޑު ފައިދާއެއް ނެގުން ހުއްޓުވުމަށް ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލްކުރުމުން، ބައެއް ވިޔަފާރިވެރިން ގަސްތުގައި ބޭސް އެތެރެކުރުން ހުއްޓާލައި ދަތިކަން އުފެއްދީ ކަމަށެވެ. އަދި އާސަންދައިން ފާމަސީތަކަށާއި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކައި ލަސްވުމުން، ބޭސް އެތެރެކުރާ ފަރާތްތަކަށާއި އުފައްދާ ކުންފުނިތަކަށް ފައިސާ ނުދެއްކި މުޅި ސަޕްލައި ޗެއިނަށް ވަނީ ބުރޫއަރާފައެވެ.
ބޭސް ނުލިބުމުގެ އިތުރުން، ރާއްޖެ އެތެރެކުރާ ބޭހުގެ ފެންވަރާ މެދުވެސް އާންމުންގެ ކަންބޮޑުވުން އެބައޮތެވެ. އެމްއެފްޑީއޭއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން ކުރި ޓެސްޓުތަކަކުން، ބާޒާރުގައި ހުރި ބައެއް ދިޔާ ބޭސްތަކުގައި ނުރައްކާތެރި މާއްދާތަކެއް ކަމަށްވާ ޑައިއެތިލީން ގްލައިކޯލް އަދި އެތިލީން ގްލައިކޯލް، ހުއްދަކުރާ 0.10 އިންސައްތައަށް ވުރެ މާ މަތިން، 0.62 އިންސައްތައާއި 0.82 އިންސައްތައާ ދެމެދުގެ މިންވަރަކަށް ހުރިކަން ވަނީ ދެނެގަނެވިފައެވެ. މީގެ އިތުރުން، ހުއްދަ ނެތި ރާއްޖެ އެތެރެކޮށް ވިއްކަމުންދިޔަ 21 ބޭހެއް އެމްއެފްޑީއޭއިން ދެނެގަނެފައިވެއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ސްޓޭޓް ފާމާ ނަމުގައި ވަކި ކުންފުންޏެއް އުފައްދާފައެވެ. ޝާހު ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ވިޔަފާރި ފައިދާ އިތުރުކުރުމުގެ ބަދަލުގައި، އަސާސީ ބޭސްތައް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ބަލްކް ޕްރޮކިއުމަންޓް މެދުވެރިކޮށް އެއްފަހަރާ ގިނަ އަދަދަކަށް ބޭސް ގެނައުމެވެ.
މާލެއާއި ރަށްރަށުގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ނޭނގުމަކީ މި މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަސް ކަމަށް ސްޓޭޓް ފާމާއިން ވަނީ ފާހަގަކޮށްފައެވެ. އެކަން ހައްލުކުރުމަށް އެ ކުންފުނީގެ ހުރިހާ ފާމަސީތަކެއްގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކޮށް، އެންޓަޕްރައިޒް ރިސޯސް މެނޭޖްމަންޓް އަދި އީ-ލޮޖިސްޓިކްސް ނިޒާމުގެ ފުރަތަމަ ފިޔަވަހި ނިންމާލާފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.
ގައުމެއްގެ ރައްޔިތުން ބޭސް ނުލިބިގެން މިހާ ޝަކުވާ ކުރަން ޖެހުމަކީ, އަދި ބޭހަށް އެހެން ގައުމުތަކަށް މިހާވަރަށް ބަރޯސާވާން ޖެހުމަކީ ނުރައްކަލެކެވެ. ރާއްޖޭން ބޭރުން ބޭސް ގެންނަން ރައްޔިތުން އުފުލަން މިޖެހޭ ތަކުލީފަށް ނިކުމެއް އަންނަން ޖެހެއެވެ. މިހާރު އަވައްޓެރި ގައުމުތަކުން އަންނަ މީހުންގެ ލަގެޖުތައް އެ ހުންނަނީ ރައްޔިތުންގެ އާދޭސްތަކުން ފުރާލާފައެވެ. މިއީ ހައްލުވާން ޖެހޭ މައްސަލައެކެވެ.