ރާއްޖޭގެ ތިންވަނަ އަށް އާބާދީ އެންމެ ބޮޑު އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ތައްޔަރުވަނީ އެވެ. ރ. އަތޮޅު ފައިނުގައި ތަރައްގީކުރާ އެ އެއާޕޯޓު ހަވާލުކޮށްފައިވަނީ މިހާރުވެސް ރ.އަތޮޅުގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގަމުން އަންނަ ދިވެހިންގެ އަމިއްލަ ވައިގެ ދަތުރުފަތުރާއި ބެހޭ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސެސްއާއެވެ.
އިއްޔެ އެކަމުގެ އެއްބަސްވުމުގައި ޓޫއަރިޒަމް މިނިސްޓްރީއާ އައިލެންޑް އޭވިއޭޝަނާއި ދެމެދު ސޮއިކުރުމުގެ ރައްމިއްޔާތު ބޭއްވި އިރު ކުޑަ ރަސްމިއްޔާތުގައި އެކަން ހަގީގަތަކަށް މަސައްކަތް ކުރި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
އެ ހުރިހާ ބޭފުޅުންގެ ތެރެއިންވެސް މުހިންމު މޫނަކަށްވީ މި މަޝްރުއު ހަގީގަތަކަށް ވެގެން އައުމުގެ އެންމެ އިސް ދައުރެއް އަދާކުރި ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިއާ މުހައްމަދު އުމަރު މަނިކުއެވެ.
މަނިކުގެ ޔުނިވާސަލްއިން ރ. ދިގަލީގައި ރިސޯޓެއް ހިންގަމުން އަންނައިރު ކުރިއަށް އޮތްތަނުގައި އިތުރު ރިސޯޓްތަކެއް އެ އަތޮޅުގައި ތަރައްގީކުރަން ވަނީ ނިންމާފައެވެ. ރ. އަތޮޅުގައި ފަތުރުވެރިކަމުގެ މުސްތަގުބަލް އެންމެ ސާފުވާނެ އެއް ބޭފުޅަކީ އެމްޔޫ މަނިކުއެވެ. އެންމެ ގާތުން އެ މަންޒަރު ފެނިވަޑައިގަންނަވާނީވެސް އޭނާއަށެވެ.
މަނިކު ގަބޫލު ކުރައްވާ ގޮތުގައި ރ. އަތޮޅަކީ ފަތުރުވެރިކަމުގައި މުސްތަގުބަލެއް އޮތް، އަދި ތަރައްގީކުރަން އެނގިއްޖެނަމަ އެންމެ މަތީ ފެންވަރާއި ހަމައަށްވެސް ފަތުރުވެރިކަން ތަރައްގީ ކުރެވިދާނެ އަތޮޅެކެވެ. ނަމަވެސް އަތޮޅުގެ ބޮޑުކަމާއި ރަށްތައް އެތުރިފައި ހުރި ގޮތުން އެކަމަށް އޮތް ހުރަހަކީ އަތޮޅުގެ އިރު ދެކުނު ބިތުގައި އެއާޕޯޓެއް ނެތުންކަން މަނިކު ފާހަގަ ކުރެއްވިއެވެ.
"ވަރަށް ބޮޑު އަތޮޅެއް. އަތޮޅުގެ ދެކޮޅުގައި މިއޮންނަނީ ގާތްގަނޑަކަށް ރަށްތައް. އަޅުގަނޑުމެން ރަށެއް ހިންގާތީ މި އެނގެނީ އުނދަގޫކަން. އަޅުގަނޑުމެން އުޅޭ ހިސާބުން މިގެންދަން ޖެހެނީ ދަރަވަންދޫއަށް ނުވަތަ އިފުރަށް. އެއީ ގާތްގަނޑަކަށް 40 މިނެޓްގެ ލޯންޗު ދަތުރެއް. އެހެންވީމަ ރެއާ ދުވާލު މީހުން ގެންދާނީ ކިހިނެއްތޯ،" ރާއްޖޭގައި ހިންގާ ރިސޯޓު އޯނަރުންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ މަނިކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަންކަމަށް ވިސްނާއިރު މިއީ ސަރުކާރުން ކުރިއަށްގެންދާ ވަރަށް ރަނގަޅު މަޝްރޫއެއް ކަމަށެވެ. އަދި ވިދާޅުވީ ރ. ފައިނު ކައިރީގައި އެތައް ބައިވަރު ރިސޯޓު އެބަހުރި ކަމަށާއި ފައިނުގައި އެއާޕޯޓު އެޅުން އެއީ "ރަނގަޅު ފިޔަވަޅެއް" ކަމަށެވެ.
އެމްޔޫ މަނިކު ވަނީ ފައިނުގައި އަޅާ އެއާޕޯޓު ތަރައްގީކުރަން ވިސްނާފައިވާ ޕްލޭނަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން އެ މަޝްރޫއު ހިންގަނީ ކަމާބެހޭ ހުރިހާ ބައެއް ގުޅިގެން ކަމަށް ވާއިރު މިއީ ވަރަށް ރަނގަޅު "މޮޑެލެއް" ކަމަށް މަނިކު ވިދާޅުވިއެވެ.
ފައިނުގައި އަޅާ އެއާޕޯޓަށް ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެއެވެ. އެ އެއާޕޯޓު އެޅުމަށް ޚަރަދުކުރަނީ އައިލެންޑް އޭވިއޭޝަންގެ އިތުރުން، ރ. އަތޮޅުގައި ހިންގާ ބައެއް ރިސޯޓުތަކުންނެވެ. އެ މަޝްރޫއަށް ފައިސާ ހޯދުމަށް ރ. އަތޮޅުގައި ހިންގާ ބައެއް ރިސޯޓްތަކުން މޯލްޑިވިއަން އަތުން އެޑްވާންސްކޮށް ޓިކެޓް ގަނެ މަޝްރޫއަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭނެއެވެ.
އެމްޔޫ މަނިކުވަނީ އޭނާގެ ތަޖުރިބާއިން ވެލާނާ އިޓްނޭޝަނަލް އެއާޕޯޓަށް އަންނަ ތަރައްގީއާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އެމްޔޫ މަނިކުވިދާޅުވީ ވީއައިއޭ ގެ ތަރައްގީގެ މަޝްރޫއަކީ ސަރުކާރުން ކުރިއަށް ގެންދާ ބޮޑު އަދި މުހިންމު މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު ކާމިޔާބުވަނީ ޑޮމެސްޓިކް އެއާޕޯޓްތައްވެސް ވީއައިއޭއާއި އެކު ތަރައްގީވެގެން ކަމަށެވެ.
ފައިނުގައި ތަރައްގީކުރާ އެއާޕޯޓަކީ ދެ ސިޓީ ހޮޓަލަކާއި އާޔުރްވެދިކް މެޑިކަލް ޓްރީޓްމެންޓް ސެންޓަރަކާއި މެޑިކަލް ރީހެބް ސެންޓަރެއް ވެސް ހިމެނޭގޮތަށް ތަރައްގީކުރާ އެއާޕޯޓެކެވެ. އަދި އެ އެއާޕޯޓުގައި އައިލެންޑް އޭވިއޭޝަންގެ ޓްރެއިނިންގް ސެންޓަރަކާއި މަތިންދާބޯޓު މަރާމާތުކުރަން ރަނގަޅު ފެންވަރެއްގެ ހޭންގަރއެއް ހަދަން ވަނީ ނިންމައިފަ އެވެ. އަދި މި އެއާޕޯޓަކީ ރޭގަނޑުވެސް މަތިންދާ ބޯޓުފަހަރު އެއްވެސް ދަތިކަމެއް ނެތި ޖެއްސޭ ގޮތަށް ތަރައްގީ ކުރާ އެއާޕޯޓެކެވެ. އަދި އެއާޕޯޓަކީ ރ. އަތޮޅުގެ މުސްތަގުބަލާއި ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ އެއާޕޯޓެކެވެ.