ފައިނުގައި އަޅާ އެއާޕޯޓް ތަރައްގީކުރަން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ފައިނު އެއާޕޯޓް ތަރައްގީ ކުރަން އައިލެންޑްއޭވިއޭޝަނާ ހަވާލު ކުރަން ބޭއްވި ރަސްމިޔާތުގެ ތެރެއިން--ފޮޓޯ/ނާއްޕެ

ރ. ފައިނުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި އެވެ.

ފައިނުގައި ތަރައްގީ ކުރާ އެއާޕޯޓަކީ ރ. އަތޮޅުގައި ތަރައްގީ ކުރާ ދެވަނަ އެއާޕޯޓެވެ. ރ. އަތޮޅުގައި މިހާރު ވެސް އައިލެންޑް އޭވިއޭޝަނުން ދަނީ އިފުރު އެއާޕޯޓު އޮޕަރޭޓު ކުރަމުންނެވެ.

ފައިނު އެއާޕޯޓް ހަވާލުކުރުމަށް މިއަދު ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރުއެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީ އަބްދުލް ހާރިސް އެވެ.

ފައިނުގައި ތަރައްގީކުރާ އެއާޕޯޓަކީ ދެ ސިޓީ ހޮޓަލަކާއި އާޔުރްވެދިކް މެޑިކަލް ޓްރީޓްމެންޓް ސެންޓަރަކާއި މެޑިކަލް ރީހެބް ސެންޓަރެއް ވެސް ހިމެނޭގޮތަށް ތަރައްގީކުރާ އެއާޕޯޓެކެވެ. އަދި އެ އެއާޕޯޓުގައި އައިލެންޑް އޭވިއޭޝަންގެ ޓްރެއިނިންގް ސެންޓަރަކާއި މަތިންދާބޯޓު މަރާމާތުކުރަން ރަނގަޅު ފެންވަރެއްގެ ހޭންގަރއެއް ހަދަން ވަނީ ނިންމައިފަ އެވެ. އަދި މި އެއާޕޯޓަކީ ރޭގަނޑުވެސް މަތިންދާ ބޯޓުފަހަރު އެއްވެސް ދަތިކަމެއް ނެތި ޖެއްސޭ ގޮތަށް ތަރައްގީ ކުރާ އެއާޕޯޓެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތިން ފައިނުގައި އެެއާޕޯޓެއް ތަރައްގީކުރަން ނިންމިތާ މާގިނަ ދުވަހެއް ނުވެ އެވެ. އެ މަސައްކަތް ފެށުމަށް އައިލެންޑް އޭވިއޭޝަނާއި ހަވާލުކުރުމަށް ފަހު މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރ. އަތޮޅަކީ ޓުއަރިޒަމްގައި ފާގަތި މުސްތަގުބަލެއް އޮތް އަތޮޅަކަށް ވާއިރު އެ އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ވެގެންދިޔުމަކީ ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ފައިނުގައި އެއާޕޯޓެއް އަޅަން މީގެ 26 އަހަރު ކުރިން ފަށައިގެން ވެސް މަސައްކަތް ކުރި ކަމަށާއި އޭރު އެކަން ކާމިޔާބުނުވީ ހަރުދަނާ ޕްލޭނެއް ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ތަސައްވުރަކީ އެއާޕޯޓެއް އެޅުމުގެ ކުރިން އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެއްސުމަށް ފަހު އެކަން ކުރުން ކަމަށާއި ފައިނު އެއާޕޯޓުގެ މަސައްކަތް ވެސް ހަވާލު ކުރެވުނީ އެކަމުގެ ތެރެއިން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފައިނުގައި އަޅާ އެއާޕޯޓަށް ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށާއި އެ އެއާޕޯޓު އެޅުމަށް ޚަރަދުކުރަނީ އައިލެންޑް އޭވިއޭޝަންގެ އިތުރުން، ރ. އަތޮޅުގައި ހިންގާ ބައެއް ރިސޯޓުތަކުން ކަމަށެވެ.

ފައިނު އެއާޕޯޓް އެޅުމުގެ މަސައްކަތާއި ހަވާލުވި އައިލެންޑް އޭވިއޭޝަންގެ އެމްޑީ ހާރިސް ވިދާޅުވީ އެ އެއާޕޯޓް އެޅުމަށް ކުރަން ޖެހޭ އެންވައިރަމަންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރެވިފައިވާ ކަމަށެވެ. ހާރިސް ވިދާޅުވީ އެއާޕޯޓް އެޅުމަށް ޖުމުލަ އަށް މިލިއަން ޑޮލަރު ހޭދަވާ މި ޕްރޮޖެކްޓްގެ އެންމެ ފުރަތަމަ މަސައްކަތުގެ ގޮތުން ކުރިއަށްދާނީ ރަންވޭ އަދި ޓާމިނަލްގެ މަސައްކަތް ކަމަށެވެ.

ފައިނު އެއާޕޯޓްގެ މަސައްކަތް އަމަލީ މަސައްކަތް ފަށާނީ މަސް ދުވަސް ފަހުންނެވެ.

comment ކޮމެންޓް