އެމްޑީޕީ ރިޔާސީ ޕްރައިމެރީ ހުއްޓުވައިދޭން ފުލުސް އޮފީހުގައި އެދިއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު --- ސަންފައިލް ފޮޓޯ

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ހުއްޓުވައިދޭން އެދި ފުލުސް އޮފީހަށާއި ހޯމް މިނިސްޓްރީއަށް އިލެކްޝަންސް ކޮމިޝަނުން ސިޓީ ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ އެމްޑީޕީން އެ ކޮމިޝަނަށް ފޮނުވި ސިޓީގައި ޕްރައިމަރީ ބާއްވާނީ ގާނޫނާ އެއްގޮތަށް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ގާނޫނާ ޚިލާފަށް ޕްރައިމަރީ ބާއްވައިފިނަމަ އެ ޕްރައިމަރީ ހުއްޓުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހޯމް މިނިސްޓްރީގައި ސިޓީއަކުން އިއްޔެ އެދިފައިވާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ އެ ކޮމިޝަނުން އަދިވެސް އުންމީދު ކުރަނީ އެމްޑީޕީން ޕްރައިމަރީ ބާއްވާނީ ގާނޫނާ އެއްގޮތްވާގޮތުގެމަތިން ކަމަށެވެ.

އީސީން މީގެ ހަފްތާއެއް ކުރިން ވަނީ އެމްޑީޕީ ޕްރައިމެރީއާ ގުޅިގެން އެންގުންތަކެއް އަންގައި އެޕާޓީއަށް ސިޓީ ފޮނުވާފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ ކުރީގެ ރައީސް ނަޝީދަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވާތީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނަޝީދަށް ގެއްލިފައިވާ ކަމަށާއި އެފަދަ ބޭފުޅުން ބައިވެރިކޮށްގެން ބާއްވާ ރިޔާސީ ޕްރައިމަރީ އީސީ އިން ބަލައި ނުގަންނާނެ ކަމަށެވެ.

ރައީސްކަމަށް އިންތިހާބުކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތު ހަމަނުވާ މީހަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ސިޔާސީ ހަތަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕަޓީތަކުގެ ގާނޫނު ގެ ހަތް ވަނަ މާއްދާގެ (ށ)ގެ ދަށުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމަށް ވާތީ، ނަޝީދަށް ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދީފި ނަމަ ސިޔާސީ ޕަޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އީސީގެ ސިޓީގައި ބުނެފައިވެއެވެ.

comment ކޮމެންޓް