އައްޑޫ ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 13 ކެޔޮގަނޑުގެ ވެރިފަރާތް ހޯދަން, ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ.
އައްޑޫ ސިޓީ ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކެޔޮގަނޑުތަކަކީ, ރޭ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ކަމަށެވެ.
އެ ކެޔޮގަނޑުތައް މިހާރު ހުރީ ހިތަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ އެ ޕޯސްޓުގައި އެ 13 ކެޔޮގަނޑު ފެންނަ ފޮޓޯ ވެސް ހިމަނާފައެވެ.
ފުލުހުން އިތުރަށް ބުނީ މި ތަކެތީގެ ވެރިފަރާތެއް ވާނަމަ ހިތަދޫ ޕޮލިސްގެ ނަންބަރު 9791612 އަށް ގުޅަން އެދޭ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ މި ވައްކަމާ ގުޅޭ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.
ވައްކަމުގެ މައްސަލަތަކުގައި ހޯދާތަކެއްޗާއި މީހުން ހޮވައިގެން ގެންނަ ތަކެތީގެ ވެރި ފަރާތް ހޯދަން ފުލުހުން ދޭތެރެދޭތެރެއިން އަންނަނީ އިއުލާންތައް ކުރަމުންނެވެ.