ނުސައިރު ޔާސީން ނުވަތަ "ނާސް"އަކީ އިސްރާއީލަށް އުފަން ފަލަސްތީނު ޒުވާނެކެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ޒިޔާރަތްކޮށް، އެތަންތަނުގެ ރައްޔިތުންނާ ބައްދަލުކޮށް، ސަގާފަތާއި ތަންތަން ބަލާލައި އެތަންތަނާ ގުޅޭ ކުރު ވީޑިއޯ ހަދާ މި ޓްރެވަލް ބްލޮގަރަކީ ސޯޝަލް މީޑިއާގައި މަޝްހޫރު ފަރާތެކެވެ.
ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމުތަކަށް ދަތުރުކުރަމުން ގޮސް، ނާސް އެންމެ ފަހުން މިވަނީ ދިވެހިރާއްޖެ އައިސް ވީޑިއޯ ހަދައި، ރާއްޖޭގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލައިފައެވެ. އަދި އެވީޑިއޯވަނީ އޭނާ ހިންގާ "ނާސް ޑެއިލީ" ފޭސްބުކް ޕޭޖުގައި ޕޯސްޓްވެސް ކޮށްފައެވެ. ހަ މިލިއަނަށްވުރެ ގިނަ މީހުން އަންނަނީ އެ ޕޭޖު ފޮލޯކުރަމުންނެވެ.
ރާއްޖޭގެ ރީތިކަން ދައްކާލުމަށްޓަކައި ނާސް ހަދާފައިވާ އެއް މިނިޓްގެ ވީޑިއޯ ދެ ދުވަސް ތެރޭގައި 1.4 މިލިއަން މީހުން ވަނީ ބަލާފައެވެ. ދެ ދުވަސް ތެރޭގައި ރާއްޖެ މިވަނީ މަދުވެގެން 1.4 މިލިއަން މީހުންގެ ސަމާލުކަމަށް ގެނެސްފައެވެ.
ދުނިޔޭގެ އެތައް ބައެއް ފޮލޯކުރަމުން ދާ ނާސްގެ ވީޑިއޯ ވެގެން ދާނީ ރާއްޖެ މާކެޓުކުރުމަށް ލިބިގެން ދިޔަ ބޮޑު އެހީއަކަށެވެ. އެފަދަ މަޝްހޫރު މީހުން ރާއްޖެ އައިސް، ސޯޝަލް މީޑިއާގައި ރާއްޖޭގެ ފޮޓޯ އަދި ވީޑިއޯ އާންމުކުރުމަކީ އެންމެ އިފެކްޓިވް އަދި ޒީރޯ ކޯސްޓް މާކެޓިންގްގެ އުކުޅެއް ކަމަށް މާކެޓިންގެ ތަޖުރިބާކާރުން ބުނެއެވެ.
ރާއްޖެއަށް އައިސް ނާސް ހޭދަ ކޮށްފައިވަނީ ހަ ދުވަހެވެ. ހަތަރު ދުވަހު ރާއްޖޭގެ ދެ ރިސޯޓެއްގައި އުޅުމަށްފަހުގައި މާލެ އައި ދުވަހު ގިނަ އަދަދެއްގެ ދިވެހީން ވަނީ ނާސްއާ ބައްދަލުކޮށްލަން އިސްލާމީ މަރުކަޒު މައިދާނާއި ރަސްރަނި ބަގީޗާއަށް ގޮސްފައެވެ.
ނާސްއާ ބައްދަލުކޮށްލަން ދިޔަ 200 އެއްހާ މީހުންގެ ތެރޭގައި، ނާސް ވަނީ "ސަން"އަށް އިންޓަވިއުއެއްވެސް ދީފައެވެ.

ނާސް މާލެ ސިޓީގައި -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
"އަހަރެން ވާނީ 700 އަށްވުރެ ގިނަ ވީޑިއޯ ހަދާފައި މިހާރު. އެގޮތުގެ މަތިން ވީޑިއޯ ހެދުމަށް މިފަހަރު ރާއްޖެއަށް މިއައީ. ރާއްޖެއަކީ ގުދުރަތުގެ ތަފާތު ރީތިކަމެއް ލިބިފައިވާ ތަނެއް. އެހެންކަމުން ރާއްޖޭގައި ހަދާ އެންމެ ފުރަތަމަ ވީޑިއޯއިން ރާއްޖޭގެ ރީތިކަން ފެނިގެންދާނެ،" ސަންއާ ވާހަކަ ދައްކަމުން ނާސް ބުންޏެވެ.
ނާސްގެ 769 ވަނަ ވީޑިއޯގައި ރާއްޖެ ސިފަ ކޮށްފައިވަނީ ސުވަރުގޭގެ ގޮތުގައެވެ. ނާސް ބުނި ގޮތުގައި ރާއްޖެއަކީ އޭނާ ކުޑަ އިރު ސުވަރުގެ ސިފަކޮށްފައިވާ ގޮތުގެ އަސްލެކެވެ. އަދި ރާއްޖެއަކީ ސުވަރުގެއާ އެންމެ ގާތްކުރާ ތަނަކަށް ދެވުނު ތަންކަމަށްވެސް ނާސް ބުންޏެވެ.

ނާސް މާލެ ސިޓީގައި ދިވެހީންނާ އެކު -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އެއް މިނިޓެގެ އެވޯޑިއޯގައި ރާއްޖޭގެ ރީތިކަމާއި ރާއްޖޭގެ ރިސޯޓުތަކުން ލިބޭ ފުރިހަމަ ހިދުމަތްތަކުގެ ވާހަކަވެސް ނާސް ވަނީ ދައްކާފައެވެ. އަދި އެއްފަހަރު ރާއްޖެ އަންނަ މީހަކު ދެވަނަ ފަހަރަށްވެސް ރާއްޖެ އަންނަން ބޭނުންވާނެ ކަމަށްވެސް ނާސް ބުންޏެވެ.
"ކޮންމެ ގައުމަކަށް ގޮސްވެސް އެގައުމަކުން ފާހަގަ ކުރެވޭ ތަފާތު ކަންކަމުގެ މައްޗަށް އަޅުގަނޑުމެން ވީޑިއޯ ހަދަނީ. ރާއްޖޭގައި މި ވީޑިއޯ ހަދަން ދިވެހިންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބޭ. އަދި ފާހަގަ ކުރެވެނީ ދިވެހިންނަކީ އެކުވެރި ބައެއްކަން،" ނާސް ބުންޏެވެ.

ނާސް މާލޭ ސިޓީގައި -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ނާސް ރާއްޖޭގައި ހެދި އެހެން ވީޑިއޯތަކަށް ބަލާއިރު، ކަނޑުގެ ލޮނުގަނޑު އުފުލި، ރާއްޖެ އަޑިއަށް ދިއުމުގެ ބިރު އޮތް މިންވަރާއި، ރަމަޟާން މަހު ދުވާލުގެ ވަގުތުގައި ރާއްޖޭގެ ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދުކޮށްފައި ހުންނަކަން ވެސް ދެއްކިއެވެ.
ރާއްޖެއާއި ބެހޭގޮތުން އަޕްލޯޑް ކުރި ވީޑިއޯއަށް ދުނިޔޭގެ ގިނަ ބަޔަކު ކޮމެންޓްކޮށް ރާއްޖެއާއި ބެހޭގޮތުންދަނީ ވާހަކަދައްކަމުންނެވެ. އެގޮތުން ރާއްޖޭގެ ރީތިކަން ފެނި، އެއީ ހަގީގަތެއްކަން ގަބޫލުކުރަން ބައެއް މީހުންނަށް ދަތިވި ކަމަށް ބުނި އިރު، ބައެއް މީހުން ވަނީ ރާއްޖެ ދިއުމަށް ޝައުގުވެރިކަން ވެސް ފާޅުކޮށްފައެވެ.
comment ބަކުރު
7 year 10 month ago
ސުވަރުގެ ސިފަކުރަަން ކަލޭ ސުވަރުގެ ދެކުނިންތަ
comment ކާފަބެ
7 year 10 month ago
މީކަހަލަ ލާދީނީ މީހެއް އައިސްފިއްޔާ މިދިވެހިންނާނެ ފޯރިއެއް ... އެކަމަކު ބުނާނެ 100 ޕަސެންޓް މުސްލިމުންނޭ
comment ކޯކޭ ބުނާނީ
7 year 10 month ago
ނަސް އޭކިޔާތީވެ އަހަރެން ހީކުރީ އަންހެން ކުއްޖެކޭ..
comment އަލީ
7 year 10 month ago
ނަސް އަށް ކޮން މަޝްހޫރު ކަމެއްތަ ދެން ހޯދަ ދެވޭނީ! ތީ ދުނިޔޭގަ އުޅޭ މީހެއްކަންވެސް މި އެނގުނީ މިހާރު!
comment އަހުމަދު
7 year 10 month ago
ވީޑިއޯ ނުފެނޭ! ކިހިނެއް ވީބާ؟
reply ައަލިމަނިކު
7 year 10 month ago
ބުލޮކް ކޮށްފި.
reply ގ
7 year 10 month ago
ވަރަށް ބޮޑު ތެދެއް. 100% ތާއީދު
comment ފޭން
7 year 10 month ago
ފޭސްބުކް ލިންކް؟
reply ޔާ
7 year 10 month ago
ރާއްޖެއާއި ބެހޭގޮތުން ހަޑި ވާހަކަވެސް މީނަ ލިޔުނީމަ ބްލޮކް ކުރީ
comment ދަސދ
7 year 10 month ago
މޮޔަތަށް