ތެޔޮގަނޑު ބަދަލުނުކުރާތާ ކިތައް ދުވަސްވެއްޖެ؟ ސިއްހަތަށް ނުރައްކާ ވެދާނެ

ކެއްކުމަށް ބޭނުންކުރާ ތެޔޮ މާ ގިނައިން ތަކުރާރު ކުރުމަކީ ރައްކާތެރިގޮތެއް ނޫން ކަމަށް ދިރާސާތަކުން ވަނީ ދައްކާފައި --ފޮޓޯ/ޝެފްވޯކްސް

ކެއްކުމުގައި ބޭނުންކުރާ ތެޔޮގަނޑު އަލުން ތަކުރާރުކޮށް ބޭނުންކުރުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. ޚާއްސަކޮށް ހެދިކާ ފަދަ ތަކެތި ތެލުލުމަށާއި މަސް ތެލުލުމަށް ކުރިން ބޭނުންކުރި ތެޔޮގަނޑު ބޭނުންކުރުމަކީ ވަރަށް ގިނަ ބައެއްގެ އާދައެކެވެ.

ނަމަވެސް، މިއީ ސިއްހަތަށް އެކަމުން ނުރައްކާތެރި އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

އިންޑިއާގެ ވިޔަފާރިވެރިޔާ/ލިޔުންތެރިޔާ އަދި ނިއުޓްރިޝަނަލް ސައިންސްގެ ދާއިރާއަށް ޚާއްސަ ލައިފްސްޓައިލް ކޯޗު ލޫކް ކުޓީނިއޯ ބުނެފައިވަނީ މިއީ ހަށިގަނޑުގައި އިންފްލެމޭޝަން ގިނަވާ ސަބަބު ކަމަށްވުމީ އެކަށީގެންވާ ކަމެއް ކަމުގައެވެ.

ތެޔޮ އެކުލެވޭ ކެއުންތަކާ ދުރުހެލިވުމަކީ ގިނަ ބަލިތަކަށް މީހާ ހުށަހެޅުމުން ދުރުކޮށްދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާ--ފޮޓޯ/ޕިންޓްރެސްޓް

ކެއްކުމުގައި ބޭނުންކުރާ ތެޔޮ އަލުން ތަކުރާރު ކުރުމަކީ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ބަދިގެ ޕްރެޓިހަކަށްވެފައިވާއިރު އާއްމުން މިކަމުގައި ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭ ކަމަށް ލައިފްސްޓައިލް ކޯޗު ލޫކް ކުޓީނިއޯ ވަނީ ބުނެފައެވެ.

ކުރިން ބޭނުންކޮށްފައި ހުންނަ ތެޔޮ އާއްމުގޮތެއްގައި ބޭނުންކުރަނީ ވަގުތާއި ޚަރަދު ސަލާމަތް ކުރުމުގެ ނިޔަތުގައި ނަމަވެސް ހަގީގަތުގައި އެކަމުން އަމިއްލަ ސިއްހަތާއި ލޯބިވާ މީހުންގެ ސިއްހަތު ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ކޯޗު ލޫކްގެ ފޭސްބުކް ލައިވް ސެޝަންއެއްގައި ވަނީ ބުނެފައެވެ.

ކެއްކުމަށާއި ބައެއް ބާވަތްތައް ޑީޕް ފްރައިކުރުމަށް ބޭނުންކުރާ ތެޔޮގަނޑު ތަކުރާރުކޮށް ހޫނު ކުރުމުގެ ސަބަބުން އެ ތެޔޮގަނޑުގައި 'ކާސިނޮޖެނިކް'ކިޔާ ބާވަތެއް އުފެދޭ ކަމަށާއި މިއީ ކެންސަރު ބަލި ތަރައްޤީކޮށް ޕްރޮމޯޓުކުރާ ބާވަތެއް ކަމަށް ކޯޗު ލޫކް ވަނީ ބުނެފައެވެ.

ކުރިން ބޭނުންކުރި ތެޔޮ އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރަނީ ގިނަ ފަހަރަށް ވަގުތު ސަލާމަތް ކުރުމުގެ ބޭނުމުގައި--ފޮޓޯ/ޖިއޯމާޓް

ކައްކާ ތެޔޮ އަލުން ބޭނުންކޮށްގެން ކާއެއްޗެހި ކެއްކުމަކީ ވެސް ހަށިގަނޑުގައި ފްރީ ރެޑީކަލްސް އިތުރުކޮށްދޭ ކަމެއް ކަމަށާއި އޭގެ ސަބަބުން އިންފްލެމޭޝަން އުފެދި، އޮބޭސިޓީއާއި ހިތުގެ ބަލި އަދި ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ތަފާތު އެކި ދިރާސާތަކުން އަންނަނީ ދައްކަމުންނެވެ.

ތަކުރާރުކޮށް އެއް ތެޔޮގަނޑެއް ކެއްކުމުގައި ބޭނުންކުރުމަކީ، ހަށިގަނޑުގައި ބޭޑް ކޮލެސްޓްރޯލް އުފެދޭ ކަމެއް ކަމަށާއި އޭގެ ސަބަބުން ހިތުގެ ބައްޔަށް މީހާ ހުށަހެޅި ސްޓްރޯކް އަދި މޭގައި ރިއްސުންފަދަ ކަންކަން ދިމާވާ ކަމަށް ކޯޗު ލޫކް ވަނީ ބުނެފައެވެ.

ހަމައެއާއެކު ގޭހުގެ އުނދަގޫތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ކޯޗު ލޫކުގެ ސެޝަންގައި ވަނީ ފާހަގަކޮށްފައެވެ. މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ބޭރުން އޯޑަރުކޮށްގެން ގެންނަ ކެއުންތައް މަދުކޮށް ގޭގައި ވީހާވެސް މަދުން ތެޔޮ ބޭނުންކޮށްގެން ތައްޔާރުކުރެވޭ ކާނާ ކެއުމަށް އިސްކަންދެވިދާނެ ކަމަށް ކޯޗު ލޫކު ވަނީ އިރުޝާދުދީފައެވެ.

ގޭގައި ކާނާ ތައްޔާރުކުރާއިރު ކެއްކުމަށް ބޭނުންކުރާ ޕޯޝަން މަދުކުރެވިދާނެ ކަމަށް ވެސް ކޯޗު ލޫކު ވަނީ ލަފާދީފައެވެ. ޚާއްސަކޮށް އަލްޒެއިމާ، ހަކުރުބަލި އަދި ހިތުގެ ބަލި ހުންނަ މީހެއް ނަމަ ތަކުރާރުކޮށް ތެޔޮ ބޭނުންކުރުން ހުއްޓާލުމުގެ އިތުރުން ތެލުލި ކެއުންތަކާ ދުރުވުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ކޯޗު ލޫކު ވަނީ ބުނެފައެވެ.

comment ކޮމެންޓް