އަމިއްލައަށް ހިންގަމުން އައި ކުންފުނީގެ ތިން ކޯޕަރޭޓް ބޭންކު އެކައުންޓަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ފައިސާ ޖަމާވީ ކިހިނެއްކަން ބުނެދޭން ނޭނގޭ ކަމަށް ސިންގަޕޫރުގެ އަންހެނަކު ކޯޓުގައި އިއުތިރާފުވެއްޖެއެވެ.
ސިންގަޕޫރަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ ޒިން އެންވޭ ނިއުންޓްގެ މައްޗަށް އެ ޤައުމުގެ ކޯޓުގައި ދައުވާ އުފުލާފާލައިވަނީ މިއަންމާގެ ރައްޔިތަކާ އެކު ލައިސަންސް ނެތި ސިންގަޕޫރުގައި ފައިސާ ދޫކުރުމުގެ ޚިދުމަތް ފެށުމުގެ ތުހުމަތުގައެވެ.
މި މައްސަލައާ ގުޅިގެން ޒިން އެންވޭ ނިއުންޓްގެ މައްޗަށް ޙުކުމް އިއްވާނީ މި އަންނަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހެވެ. ޒިން އެންވޭ ނިއުންޓް ވަނީ ޔޫނިއަންގެ ނަމުގައި ހޯލްސޭލް ޓްރޭޑިންގް ފާމެއް ހިންގައި އެ ކުންފުނީގެ ނަމުގައި ތިން ކޯޕަރޭޓިވް ބޭންކް އެކައުންޓް ހުޅުވާފައެވެ.
މި އެކައުންޓްތަކަށް ކޮމިޝަންގެ ގޮތުގައި 170،000 ޑޮލަރަށްވުރެ ގިނަ ފައިސާ ޖަމާވެފައިވެއެވެ. އޭނާއާ އެކު މަސައްކަތް ކުރި އެހެން މީހަކަށް ކޮމިޝަންގެ ގޮތުގައި 110،000 ޑޮލަރަށް ވުރެ ގިނަ ފައިސާ ވަނީ ލިބިފައެވެ.

ފައިސާގެ މިފަދަ މައްސަލަތަކާ ގުޅިގެން ކުރެވޭ ދައުވާ ސާބިތުވެއްޖެނަމަ ސިންގަޕޫރުގެ ގާނޫނުގައި އޮންނަގޮތުން ބޮޑު އަދަދަކުން އެމީހަކު ޖޫރިމަނާކުރެވި ނުވަތަ ޖަލު ހުކުމެއް އަންނާނެ--ފޮޓޯ/ދައިންޑިޕެންޑެންޓް
ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އުމުރުން 60 އަހަރުގެ އެ މީހާއަށް ކޯޓުން ކުރި ދައުވާތަކަށް އިއުތިރާފުވުމާ ގުޅިގެން އޭނާގެ މައްޗަށް ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 24 ވަނަ ދުވަހެވެ.
މި މައްސަލަ ފެންމަތިވެ ސިންގަޕޫރުގެ ފުލުހުންގެ ސަމާލުކަމަށް މިކަން އައިސްފައިވަނީ އޮސްޓްރޭލިއާގެ އިންވެސްޓްމެންޓް ސްކޭމްއެއްގެ ޝިކާރައަކަށްވެފައިވާ މީހަކު ސިންގަޕޫރުގައި ހިންގަމުން އަންނަ ކުންފުނިތަކެއްގެ އެކައުންޓުތަކަށް 1.8 މިލިއަން ޑޮލަރުގެ ފައިސާ ޖަމާކުރުމާ ގުޅިގެންނެވެ.
ޔޫނިއަންގެ ނަމުގައި ހިންގާ ތިން ކުންފުންޏެއްގެ އެކައުންޓުތަކަށް އެއްފަހަރާ 480،000 ޑޮލަރުގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ސިންގަޕޫރުގެ ނޫހަކުން ބުނެފައިވެއެވެ. ޝައްކުކުރެވޭ މުއާމަލާތުތަކެއް މި ކުންފުނީގެ ބޭންކު އެކައުންޓުތައް މެދުވެރިކޮށް ހިންގާފައިވާތީ ސިންގަޕޫރުގެ ބޭންކުން ވަނީ ޔޫނިއަން ކުންފުނީގެ ކޯޕަރޭޓިވް އެކައުންޓުތައް ބަންދުކޮށްފައެވެ.
ޒިން އެންވޭގެ ފިރިމީހާ ޒިން ނިޔާން ވިން އަދި އޭނާގެ ކުންފުނި ޔޫނިއަންއަކީ ސިންގަޕޫރުގެ މަނިޓަރީ އޮތީރިޓީގެ ސައްހަ ލައިސަންސެއް އޮތް ކުންފުންޏެއް ނޫން ކަމަށާއި އިސްތިސްނާ ޕޭމަންޓް ސާވިސް ޕްރޮވައިޑާއެއް ނޫން ކަމަށް ސިންގަޕޫރުގެ ކޯޓުން ވަނީ ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން ސިންގަޕޫރަށް ނިސްބަތްވާ މި ދެމަފިރިންގެ މައްޗަށް ކޯޓުގައި ދައުވާ އުފުލާފައިވާއިރު ސިންގަޕޫރުގައި މިފަދަ ކުށެއް ސާބިތުވެއްޖެނަމަ 125،000 ސިންގަޕޫރުގެ ޑޮލަރުގެ ޖޫރިމާނާއެއް ނުވަތަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.