ވާދަވެރި އިންޑިއާއަށް އޭޝިއަން ކަޕްގެ ގަދަ 16އަށް ދެވިދާނެ ކަމަށާއި، އެކަމަށް ބޭނުންވަނީ ނަސީބު އެހީވުން ކަމަށް އިންޑިއާގެ ފުޓުބޯޅަ ލެޖެންޑް ބައިޗުން ބުޓިޔާ ބުނެފިއެވެ.
އޭޝިއަން ކަޕަކީ އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތެވެ. މި ބައްރުގެ އެންމެ ގަދަ ބާރުތައް ވާދަކުރާ އެ މުބާރާތުގައި ޖުމްލަ 24 ޓީމު ވާދަކުރާނެއެވެ. ގަދަ 16އަށް ދާނީ ހަ ގްރޫޕެއްގެ އެންމެ މޮޅު ދެ ޓީމާއި، ތިން ވަނަ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ހަތަރު ޓީމެވެ.
އަންނަ އަހަރު ޔޫއޭއީގައި އޮންނަ އޭއެފްސީ ކަޕްގެ މުބާރާތުގައި އިންޑިއާ ހިމެނެނީ ގްރޫޕް ''އޭ''ގައެވެ. އެ ގްރޫޕްގައި ހިމެނެނީ އިންޑިއާގެ އިތުރުން މުބާރާތް ބާއްވާ ގައުމު ޔޫއޭއީއާއި ތައިލެންޑް އަދި ބަހްރެއިނެވެ.
"އަހަރެންގެ އުންމީދު ހުރީ އިންޑިއާއަށް ގްރޫޕްގެ ދެވަނަ މަގާމުގައި ނިންމާލެވޭނެ ކަމަށް. އަހަންނަށް އިނގޭ އެއީ ފަސޭހަ ކަމެއް ނޫންކަން. އެކަމަކު ބުރަކޮށް މަސައްކަތް ކޮށް ނަސީބު އެހީ ވެއްޖެ ނަމަ އެކަން ނުވާންވީ ސަބަބެއް ނެތް،" އިންޑިއާއިން އެންމެފަހުން 2011 ވަނަ އަހަރު އޭޝިއަން ކަޕް ކުޅުނު އިރު، އެޓީމުގެ ކެޕްޓަން ބުޓިއާ ބުންޏެވެ.
މީގެ ކުރިން ތިން ފަހަރެއްގެ މަތިން އޭޝިއަން ކަޕް ކުޅުނު އިންޑިއާއަށް 2011 ވަނަ އަހަރު ވާދަކުރަން ޖެހުނީ ވަރުގަދަ ގްރޫޕެއްގައެވެ. އެގޮތުން އެ ފަހަރު އިންޑިއާއާއެކު ހިމެނުނީ އޮސްޓްރޭލިއާއާއި ބަހްރެއިންގެ އިތުރުން ދެކުނު ކޮރެއާއެވެ.
އެއަހަރު ގްރޫޕްގެ ފުލަށް އިންޑިއާ ދިޔަ ނަމަވެސް، މިއަހަރުގެ ގުރުއަތާއެކު އިންޑިއާއަށް މުބާރާތުގެ ގަދަ 16އަށް ދެވިދާނެ ކަމުގެ އުންމީދު ވަނީ ވަރަށް ބޮޑުވެފައެވެ. ހާއްސަކޮށް ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ މިހާރު ހުރި ފޯމާއެކު ޓީމަށް ހިތްހަމަޖެހުން ލިބެއެވެ.
"ބައިނަލްއަގުވާމީ ފުޓުބޯޅައިގައި އެއްވެސް ކަމެއް ފަސޭހަ ނުވާނެ. އެހެން ނަމަވެސް 2011 ވަނަ އަހަރު ދޯހާގައި އޮތް މުބާރާތުގައި ލައްވާލި ގްރޫޕާ އަޅާ ބަލައި އިރު، މިފަހަރު ގްރޫޕް މާ ބޮޑަށްވެސް ފަސޭހަ. އޭރު ލައްވާލީ ވޯލްޑް ކަޕް ކުޅޭ ގައުމުތަކާ. އޮސްޓްރޭލިއާއި ދެކުނު ކޮރެޔާއާ ލައްވާލީ،" އިންޑިއާ ހިމެނޭ ގްރޫޕާ ގުޅިގެން ބުޓިޔާ ބުންޏެވެ.
ބުޓިޔާ ބުނީ އިންޑިއާގެ ފުޓުބޯޅަ ކުރިއެރުވުމަށް ކޮންމެ ފަހަރަކު އޭޝިއަން ކަޕަށް ކޮލިފައިވުން މުހިއްމު ކަމަށާއި، އިންޑިއާގެ ކުޅުންތެރިންނަށް ގިނަ އެއްޗެހިތަކެއް ދަސްވެ، އިންޑިއާ ފުޓުބޯޅައިގެ މަގުބޫލުކަން އިތުރުކުރުމަށްވެސް އެފަދަ މުބާރާތްތައް މުހިއްމު ކަމަށެވެ.