ބާރަ ދާއިރާގެ ބައި އިލެކްޝަން ބާއްވަން 14 މިލިއަން ރުފިޔާ ހޯދަން ފިނޭންސަށް ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފުރާހު

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން 14 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓަރަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ 12 ދާއިރާގެ ބައި އިލެކްޝަން ބާއްވަން އެ ކޮމިޝަނުން ނިންމީ އެންޓި ޑިފެކްޝަން ގާނޫނާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު ކަމަށެވެ. އެ ހުކުމަށް ރިޔާޔަތް ކުރުމަށް ފަހު ބައި އިލެކްޝަން ބާއްވަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެންނަ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ބާރަ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލުކޮށްދޭން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އަދި ހުކުމް ކޮށްފައެއް ނުވެ އެވެ. އެމައްސަލައިގެ އަޑުއެހުންތައް ނިންމައި މިހާރު އޮތީ ހުކުމާ ހަމައިގަ އެވެ.

ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންނަކީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން ފުވައްމުލަކު ދެކުނު ދާއުރާގެ މެމްބަރު އަލީ ޝާހެވެ.

comment ކޮމެންޓް