ދެ ކޮރެއާގެ ބައްދަލުވުމަށް ކިމް ވަޑައިގަންނަވާއިރު އަމިއްލަ ފާޚާނާއެއް ގެންދަވާނެ!

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން.--- ފޮޓޯ: ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ

ވާދަވެރިކަމާއި ދެކޮޅުވެރިކަން ބޮޑު ދެ ކޮރެއާގެ ލީޑަރުން މާދަމާ ބައްދަލުކުރައްވާނެއެވެ. މާދަމަގެ ބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމަށް ވާނެއެވެ.

ދެ ގައުމު ގުޅޭ ބޯޑަރު ކައިރީ ބާއްވާ މި ބައްދަލުވުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަޑައިގަންނަވާނީ އެމަނިކުފާނުގެ އަމިއްލަ ފާޚާނާ އަކާއެކުއެވެ. ޚަބަރުތައް ބުނާގޮތުން ކިމްގެ ކޮންމެ ދަތުރުފުޅެއްގައިވެސް އަމިއްލަ ފާޚާނާއެއް ގެންދަވައެވެ. ކިމްގެ މޮޓޯ ކޭޑުގައި އެތައް ބައިވަރު ފާޚާނާއެއް ހިމެނޭކަމަށްވެސް ވެއެވެ. ހަބަރުތައް ބުނާގޮތުން ކިމް ދަތުރުކުރައްވާ ކާރުތަކާއި އެހެން ވެހިކަލްތަކުގައިވެސް އޭނާއަށް ހާއްސަ ފާޚާނާތައް ހުރެއެވެ.

މިއީ އަމިއްލަ ސިއްހަތަށް ކިމް ބަހައްޓަވާ ފަރުވާތެރިކަން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން އަމިއްލަ ސެކިއުރިޓީ އާއި އަނބިކަނބަލުން އަދި ކޮއްކޯފުޅުވެސް މި ބައްދަލުވުމުގައި ބައިވެރިކުރައްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

މާދަމާގެ ބައްދަލުވުމަކީ 10 އަހަރަށްވުރެ ގިނަ ދުވަހަށްފަހު ދެ ކޮރެއާގެ ލީޑަރުން އެކުގައި ބާއްވާ ފުރަތަމަ ބައްދަލުވުމެވެ. ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ ވަނީ ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ވާހަކަތައް ކުރިއަށް ގެންދާނެ މާހައުލެއް ފަހިކޮށްދެއްވާނެކަމަށް ވައުދުވެލައްވައިފައެވެ.

މިއާއެކު ދެކުނު ކޮރެއާގެ ރައީސާއި އުތުރު ކޮރެއާގެ ލީޑަރު ގުޅުވައިދޭ ހާއްސަ ޓެލެފޯން ހޮޓްލައިނެއް ދެ ކޮރެއާއިން ވަނީ މިހާރު ގާއިމް ކޮށްފައެވެ.

ދެކުނު ކޮރެއާގައި ފެބްރުއަރީ މަހު ބޭއްވި ވިންޓާ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރިވި ފަހުން އެ ދެ ގައުމުން ވަނީ ގުޅުންތައް ރަނގަޅު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން ދެކުނުގެ ވަފުދަކުން ވަނީ އުތުރުގެ ލީޑަރު ކިމްއާ ބައްދަލުކޮށްފައެވެ.

އަދި އެވަފުދުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ފަހުން ބައްދަލުކޮށް، ކިމްގެ ދައުވަތެއް ޓްރަމްޕަށް ވެސް އަރުވައިފައެވެ. ރައީސް ޓްރަމްޕް ވަނީ އެދައުވަތު ގަބޫލު ކުރައްވައި، އަންނަ މަހު ކިމްއާ ބައްދަލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް