އެންޓި ޑިފެކްޝަން ގާނޫނަކީ ބާތިލު ކުރަން ޖެހޭ ގާނޫނެއް ނޫން: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އެންޓި ޑިފެކްޝަން ގާނޫނަކީ ބާތިލު ކުރަން ޖެހޭ ގާނޫނެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކޮށްފައިވަނީ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކޮށްދެވެން ނެތް ކަމަށް ހުކުމްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހުކުމް އިއްވަވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަކީ ސުޕްރީމް ކޯޓުންގެ ގައިޑް ލައިނާ އެއްގޮތްވާ ގޮތުގެ މަތިން ފާސްކޮށްފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނު ބާތިލް ކުރަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް މައްސަލަ ހުށަހެޅުއްވި ފަރާތަށް ދެއްކިފައިނުވާ ކަމަށެވެ.

އެގޮތުން ފްލޯ ކްރޮސިން ނުވަތަ މަޖިލީހަށް އިންތިޚާބުކުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމަކީ މިހާރުން މިހާރަށް ކޮންމެހެން ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ވެސް ހުކުމުގައިވެއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާލީގޮތުން ބާރުގަދަ ފަރާތްތަކެއް ބޭނުންވާ ގޮތަށް މަޖިލިސް ކޮންޓްރޯލްކުރުމަކީ ގާނޫނު އަސާސީއާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރުމުން އެންމެ ބޮޑު ބަހުސްއަކަށްވީ ރައްޔިތުން އަމަލުކުރަން ޖެހޭ ގާނޫނެއް ފާސްކުރުމުމަށް މަޖިލީހުގެ މެންބަރުންގެ ދެ ބައިކުޅަ އެއްބައި މެންބަރުން ތަޅުމުގައި ތިބެންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވީނަމަވެސް އެ ގާނޫނު ފާސްކުރިއިރު އެ އަދަދަށް މެމްބަރުން ހަމަނުވާ މައްސަލާގައެވެ.

އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ރައްޔިތުންގެ މަޖިލީހުން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވި ލިޔެކިޔުންތަކަށް ބަލާއިރު، މަޖިލީސް ހުއްޓިފައި އޮންނަކަން އެނގެން އޮންނަ ކަމަށެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައި ވަނީ، ވަކި މަގުސަދެއް ހާސިލްކުރުމަށް ބައެއް މެންބަރުން ގަސްތުގައި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވެ، ވޯޓުގައި ބައިވެރިނުވެ ޖަލްސާތައް ހުއްޓުވުމަކީ ދައުލަތް ހިންގުމަށް ހުރަސް އެޅި އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

އެފަދަ ހަލާތްތަކުގައި ގާނޫނު އަސާސީގައި ބުނާ އަދަދަށް މެމްބަރުން ހަމަކުރުމަކީ ޑޮކްޓަރީން އޮފް ނެސަސިޓީގެ ދަށުން އިސްތިސްނާ ވެގެން ދާނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން މާޒީގައި ކޮށްފައިވާ ކަމަކަށް ބަލައި ގޮތް ނިންމޭ ގޮތަށް އޮތް ނަމަވެސް އެކަމަކީ ވެސް ރާއްޖޭގެ އަދުލުގެ ނިޒާމާ ޚިލާފް ކަމެއް ނޫން ކަމަށް އެ ހުކުމުގައިވެއެވެ.

comment ކޮމެންޓް