ޓީޓީއެމްގެ ޕްލެޓިނަލް ޕާޓްނަރަކަށް އެމްޓީސީސީ

ޓީޓީއެމް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑު ޝޯ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)ގެ މިއަހަރުގެ ޕްލެޓިނަމް ޕާޓްނަރުކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ހަމަޖައްސައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އޭޕްރިލް 30 އިން މެއި ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ޓްރެވަލް ޓްރޭޑު ޝޯގެ ޕާޓްނަރުންނާ އެކު ވަނީ ސޮއިކޮށްފައެވެ.

ރާއްޖޭގެ ޕީއާރު އަދި މާކެޓިންގް ކުންފުނި މޯލްޑިވްސް ގެޓްއަވޭސްއިން އިންތިޒާމުކޮށްގެން ބާއްވާ ޓީޓީއެމްގެ މިއަހަރުގެ ޕްލެޓިނަމް ޕާޓްނަރުކަމަށް އެމްޓީސީސީ ސޮއި ކުރި އިރު، އޮފިޝަލް އިންޖީނުގެ ގޮތުގައި ސޮއިކުރީ އެމްޓީސީސީން ވިއްކާ ޔަންމާ ބްރޭންޑެވެ.

ޓީޓީއެމްގެ ޕާޓްނަރުންނާ އެކު ސޮއިކުރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ސޮއިކުރީ އަލްޝާލީ މެރިން، އެލައިޑް އިންޝުއަރަންސް، ފިއުލް ސަޕްލައި މޯލްޑިވްސް އަދި އުރީދޫ މޯލްޑިވްސްއެވެ.

އަދި ސިލްވާ ޕާޓްނަރުންގެ ގޮތުގައި ސޮއިކުރީ އެމް7 ޕްރިންޓް، އެމްއޭސީއެލް، މޯލްޑިވިއަން، ލަނިއަކެއާ ޓެކް، އެސްޓޫއީ އަދި ލިންކްސާވްއެވެ.

މިއަހަރުގެ ޓީޓީއެމް ކުރިއަށް ދަނީ ފަސް ކޮމްޕޯނެންޓްތަކެއްގެ މައްޗަށެވެ.

އެއީ:

1. ހޮޓެލިއާ ސަމިޓު: މި ސަމިޓު ކުރިޔަށް ދާނީ 30 އޭޕްރިލް 2018 ގައި، ބަނޑޮސް އައިލެންޑް ރިސޯޓުގައި. މި ސަމިޓުގައި ރާއްޖޭގެ 142 ރިސޯޓުން 120 ޖެނެރަލް މެނޭޖަރުން ބައިވެރިވާނެ ކަމަށް މޯލްޑިވްސް ގެޓްއަވޭޒްއިން ލަފާކުރޭ. މި ސަމިޓުގެ މަގުސަދަކީ ރިސޯޓުތަކާއި ހޮޓެލްތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުކޮށް، ޓޫރިޒަމް ދާއިރާއާ ބެހޭގޮތުން މަޝްވަރާކުރުން.

2. ވިޔަފާރި ބައްދަލުވުންތައް: ޓީޓީއެމް ފެއާގެ މައިގަނޑު މަގްސަދަކީ އިންޑަސްޓްރީގެ އެކި ސްޓޭކްހޯލްޑަރުން އެއްތަނަކަށް ގެނެސް، ބައްދަލުކުރާނެ ފުރުސަތު ދިނުން. ޓީޓީއެމް ފެއާގެ ތެރެއިން މެއި އެކަކުން ފެށިގެން ތިނަކާ ހަމައަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި ހޮޓެލްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޓްރެވަލް އޭޖެންޓުން ވިޔަފާރި ބައްދަލުވުންތައް ބާއްވާނެ. މޯލްޑިވްސް ގެޓްއަވޭސްއިން ލަފާކުރާ ގޮތުގައި މިއަހަރުގެ ފެއާގައި 4،000 އަށް ވުރެ ގިނަ ވިޔަފާރި ބައްދަލުވުން އެ ފެއާގެ ތެރެއިން ކުރިއަށް ދާނެ. މިހާތަނަށް 3،000 އަށް ވުރެ ގިނަ ބައްދަލުވުން ތާވަލުކޮށްފައިވޭ.

ޓީޓީއެމްގެ ޕާޓްނަރުންނާ އެކު ސޮއިކުރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

3. ސަޕްލަޔާސް އެކްސްޕޯ: މިއީ ޓީޓީއެމްއަށް އަލަށް ތައާރަފުކުރާ ބައެއް. ސަޕްލަޔާސް އެކްސްޕޯ އިންނާނީ މެއި ދޭކުން ތިނަކަށް. މި އެކްސްޕޯއަކީ ރިސޯޓުތަކުގެ ޕާޗޭސިންގް މެނޭޖަރުން، ޗީފް ފައިނޭންޝަލް އޮފިސަރުން، ޗީފް އިންޖިނިއަރުން، ހެޑް ޝެފުން އަދި ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރުން ފަދަ ބޭފުޅުން ބައިވެރިވާ ވިޔަފާރި އިވެންޓެއް. މި އެކްސްޕޯގެ ދަށުން އެކި ބާވަތުގެ މުދަލާއި ޚިދުމަތް ސަޕްލައިކުރާ ފަރާތްތަކާ ބައްދަލުވެ، ރިސޯޓުތަކުން ކުރިއަށް އޮތް އަހަރަށް ބޭނުންވާ ތަކެތި ހޯދުމަށް ކޮންޓްރެކްޓް ހެދުމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ.

4. ގާލާ ނައިޓު: މިއީ ޓީޓީއެމް ފެއާގައި ބައިވެރިވާ ހުރިހާ ވިޔަފާރިތަކަށް ބާއްވާ ގާލާއެއް. މި ގަލާ އޮންނާނީ މެއި ދެވަނަ ދުވަހު އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި.

5. ޓޫރިޒަމް ކެރިއާ ފެއާ: މިއީ ޓީޓީއެމް ފެއާގެ ތެރެއިން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްދާ ހަމައެކަނި ހަރަކާތް. ކެރިއާ ފެއާގައި ބައިވެރިވާނީ ޓޫރިޒަމާއި ރިސޯޓު ދާއިރާއިން ކުރިއެރުމަށް ބޭނުންވާ ޒުވާނުން. މި ހަރަކާތް އޮންނާނީ މެއި ތިންވަނަ ދުވަހު ދަރުބާރުގޭގައި.

comment ކޮމެންޓް