ޕާޓީތަކުގެ މަޝްވަރާތައް އިލެކްޝަންސް ކޮމިޝަނުން އަންނަ ހަފްތާއަށް ފަސްކޮށްފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފުރާހު

ސިޔާސީ ޕާޓީތަކާއެކު އިލެކްޝަންސް ކޮމިޝަނުން ބާއްވަން މިއަދު ނިންމި މަޝްވަރާ ބައްދަލުވުން އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ސަން" އަށް ވިދާޅުވީ މިއަދު 10:00 ގައި ބާއްވަން ނިންމި ބައްދަލުވުން އަންނަ ހަފްތާއަށް ފަސްކޮށްފައިވާ ކަމަށެވެ.

"ސިޔާސީ ޕާޓީތަކާ އެކު މި ކޮމިޝަނުން ބާއްވަން ނިންމި މަޝްވަރާ ބައްދަލުވުން އަންނަ ހަފްތާއަށް ވަނީ ފަސްކޮށްފައި. ދެން އެ ބައްދަލުވުން އޮންނާނެ ދުވަހާއި ވަގުތު މި ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ވަރަށް އަވަހަށް އަންގާނަން،" އަކުރަމް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުން ފަސްކުރީ ކީއްވެ ކަމެއް އެ ކޮމިޝަނުން ނުބުނެއެވެ.

އެ ބައްދަލުވުމަކީ ސިޔާސީ ޕާޓީތައް މޮނިޓާކޮށް ރެގިއުލޭޓްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި އެ ބައްދަލުވުމުގެ ތެރެއިން ރިޔާސީ އިންތިހާބާ ގުޅޭ މައުލޫމާތު ޕާޓީތަކަށް ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިހާބުގެ އެންމެ ބޮޑު ސްޓޭކް ހޯލްޑާ އަކީ ސިޔާސީ ޕާޓީތައް. އަޅުގަނޑުމެންގެ މަގްސަދަކީ އިންްތިހާބާ ގުޅޭ ހުރިހާ ކަމެއް ވެސް ކުރިއަށްގެންދާއިރު، ސިޔަސީ ޕާޓީތަކަށް ދުރާލައި އެކަމުގެ ފުރިހަމަ މައުލޫމާތު އެރުވުން،" އަކުރަމް ވިދާޅުވިއެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތުގައި އަބަދުވެސް ޕާޓީތަކުގެ އެއްބާރުލުން ލިބޭ ކަމަށާއި މިފަހަރުގެ އިންތިހާބުގައި ވެސް ޕާޓީތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ހޭލުންތެރިކުރުމަށް މިކުރާ މަސައްކަތުގައި ސިޔާސީ ޕާޓީތަކުން އަޅުގަނޑުމެންނަށް ފުރިހަމައަށް އެހީތެރިވާނެކަމުގެ ޔަގީންކަން އެބައޮތް. އެއީ މީގެ ކުރިންވެސް ޕާޓީތަކުން ވަނީ އެފަދަ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ފުރިހަމަ އެއްބާރުލުން ދީފައި،"

އިންތިހާބަށް ތައްޔާރުވުމަށް މިހާރު ކުރިއަށްދަނީ އިދާރީ ކަންތައްތައް ކަމަށާއި އަންނަ މަހު ވޯޓާސް ލިސްޓު އިއުލާންކޮށް، ޖޫން މަހު ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައި، އިންތިހާބު މޮނީޓާކޮށް އޮބްޒާވުކުރުމަށް އެދުމުގެ ފުރުސަތު ވެސް ހުލުވާލާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

comment ކޮމެންޓް