މާލެ- ހުޅުލެ ބްރިޖު ހުޅުވުމުން ބަސް ދަތުރުގެ ހިދުމަތް ދިނުމަށް މޯލްދިވްސް ޕޯޓްސް ލިމިޓެޑުން 100 މިލިއަން ރުފިޔާ އިންވެސްޓު ކުރަން ނިންމައިފިއެވެ.
ސަން އާ ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުރައްޒާގު ހަލީމް ވިދާޅުވީ ބްރިޖުގެ ދަތުރުތައް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޕީއެލް އަށް ކަމަށެވެ. އަދި ބަހުގެ ދަތުރުތައް ފެށުމަށް ބަސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބްރިޖު މަތިން ދަތުރު ކުރުމަށް ތިން ސައިޒެއްގެ ބަސް ގެންނާނެ ކަމަށެވެ. އެއީ 50-70 މީހުންގެ ޖާގައިގެ ސިންގަލް ޑެކް ބަހާއި، 80-100 މީހުންގެ ޖާގައިގެ ޑަބަލް ޑެކް ބަސް އަދި ލަގެޖާއެކު ދަތުރުކުރެވޭ 40-45 މީހުމްގެ ޖާގައިގެ ޝަޓްލް ބަސް ކަމަށެވެ.
ބަސް ދަތުރުތައް ފެށުމަށް ޓާމިނަލް އެޅުމަށް މިހާރު ބިން ލިބިފައިވާ ކަމަށާއި އެތަނުގެ ޑިޒައިންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ހަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޓާމިނަލް އަޅާނީ ބޮޑުތަކުރުފާނުމަގު، ތައިސޭ ކޮށި ކައިރިން ކަމަށެވެ. ހުޅުމާލޭގައި ބަސް ޓާމިނަލް އެއް އެޅުމަށް އެޗްޑީސީ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓާމިނަލް ތަރައްގީ ކުރަނީ ޕާކިން ސްޕޭސް އެއްގެ އިތުރުން ރެސްޓޯރެންޓުތައް ހިމަނައިގެން ކަމަށް ހަލީމް ވިދާޅުވިއެވެ. ބްރިޖު ހުޅުވޭއިރު ފަސިންޖަރުންނަށް ހާއްސަކޮށްގެން ތަރައްގީ ކުރާ ބައި ނިމޭނެ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.
"މިހާރު ސަރުކާރާއެކު މަޝްވަރާ ކުރަމުން މިދަނީ ބަސް ދަތުރުގެ ފީ އާ ގުޅޭގޮތުން، ރައްޔިތުންނަށް ފަސޭހަ އަގެއް ކަނޑައެޅޭނެ،" ހަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޝަޓްލް ބަސް ދަތުރު ކުރާނީ މާލެއިން ހުޅުލެއަށް ކަމަށެވެ. ފަސިމްޖަރު ބަސްތައް ހުޅުމާލެ އަށް ދަތުރުކުރާނެ ކަމަށާއި މި ޚިދުމަތާއެކު ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަވެސް އެބަ ގެންނަން 20 ބަސް. އޭގެ ކޮންޑަކްޓަރުންނާ، ޑްރައިވަރުން އަދި ޓާމިނަލްގެ މަސައްކަތްތަކަށްވެސް މުވައްޒަފުން ނަގާނެ،"
ހަލީމް ވިދާޅުވީ ބަހުގެ ޚިދުމަތް ދޭއިރު ޓެކްނޮލަޖީގެ ބޭނުން ހިފުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ޓިކެޓު ގަންނަން ކިޔޫ ހެދުމުގެ ބަދަލުގައި ކާޑު ބޭނުން ކޮށްގެން ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ- ހުޅުލެ ބްރިޖްގެ އިތުރުން މާލޭގައިވެސް ބަހުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވިއެވެ.
"ދަތުރު އަވަސް ކުުރުމަށް މަސައްކަތް ކުރާނެ. ޕީކް ގަޑީގައި 15 މިނެޓުން ދަތުުރުތައް ބާއްވަން މި މަސައްކަތް ކުރަނީ،" ބަސް ދަތުރު ފެށުމަށް ދިރާސާ ތައް ކުރިކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
މި އަހަރުގެ ޖުލައި 26 އަށް ބްރިޖު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނައިރު ބްރިޖާ ގުޅިގެން ހަދަންޖެހޭ މަގުތައް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އެގޮތުން މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު ހުޅުލެ-ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުހެދުމުގެ މަސައްކަތްވެސް ދަނީ ބާރަށް ކުރިއަށެވެ.