ހުޅުމާލޭގައި 'ބައިތުއް ޒަކާތު'ގެ ނަމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ޒަކާތު ހައުސަށް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާނުކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ، މިއަހަރުތެރޭ މި އިމާރާތުގެ މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އެގޮތުން، މި އިމާރާތަކީ ޒަކާތު އިދާރާގެ އިތުރަށް އޮފީސް ބައިތަކަށް ކުއްޔަށް ދެވޭ ޒަކާތު ފަންޑުގެ 10 ފަންގިފިލާގެ ފުރަތަމަ އިންވެސްޓުމަންޓު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ،
ކުއްޔަށް ދޭ އޮފީސް ބައިތަކުން ލިބޭ ނަފާ ބެހޭނީ ޒަކާތުގެ ހައްގުވެރިންނަށް ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަށްވާއިރު، އެމަނިކުފާނު ވަނީ 18 ޑިސެމްބަރު 2023ގައި ޒަކާތު ހައުސް އުފައްދަފާއެވެ.
އެގޮތުން، މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރަށްވާއިރު، 101 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ފަންޑަށް މިދިޔަ އަހަރު ތެރޭ ލިބިފައިވެއެވެ.