ނޫސްވެރިކަމުގެ ދާއިރާގައި މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކަށް، ނޫސް މަޖައްލާފަދަ ތަކެތި ރެޖިސްޓްރީ ކުރުމުގެ ގަވާއިދަށް، ޖެނުއަރީ 30 ވަނަ ދުވަހު ގެނެސްފައިވާ ބަދަލާ ގުޅިގެން ނޫސްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުން ވާނެއެވެ. ޚާއްސަކޮށް، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެޑިޓަރުންގެ މާއްދާއެވެ.
އިސްލާހުކޮށްފައިވާ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫސް މަޖައްލާތަކުގެ އެޑިޓަރުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގޮތުން، އެ ފަރާތަކީ، ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިޢުކުރާ ނޫހެއްގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހެއެވެ.
ނަމަވެސް ކުރިން އެ ގަވައިދުގެ 10 ވަނަ މާއްދާގެ (ނ)ގައި އެޑިޓަރުގެ ޝަރުތު ކަމުގައި ބުނެފައި ވަނީ، ނޫސް މަޖައްލާގެ އެޑިޓަރުކަން ކުރެވޭވަރުގެ ތައުލީމީ ފެންވަރު ހުރުމާއެކު، ނޫސްވެރިކަމުގެ ކޯހެއް ފުރިހަމަކޮށްފައި ވުން، ނުވަތަ ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހު އުޅެފައިވުން ކަމަށެވެ.
މިކަމާ ގުޅިގެން، ނޫސް މަޖައްލާ ފަދަ ތަކެތީގެ ބެލެނިވެރި ފަރާތްކަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި އަދި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ވަނީ، އެ ފަރާތްތަކުގެ ކަންބޮޑުވުން ހޯމް މިނިސްޓްރީއާ ހިއްސާކޮށްފައެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމަށް، ހީވެސް ނުކުރާފަދަ ބޮޑު ގެއްލުމެއް ލިބިދާނޭ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަކުރެއެވެ. އެއާއެކު ހޯމް މިނިސްޓްރީން ވަނީ، އެކަމާ ވިސްނުމަށްފަހު އެކަށޭނަ ޖަވާބެއް ދޭނޭކަމަށް އޭރު ބުނެފައެވެ.
އަލަށް އެކުލަވައިލެވުނު ގަވާއިދަށް ނޫސްތަކުގެ އެޑިޓަރުން ފެއްތުމަށް، ފުރަތަމަ ދިނީ އެއް މަސްދުވަހުގެ މުހުލަތެކެވެ. މާރޗް 18 އަށް އެ މުއްދަތު ހަމަވެފައި ވަނިކޮށް، ހަމަ އެދުވަހު، ހޯމް މިނިސްޓްރީން ވަނީ، 25 މާރޗްއަށް މުއްދަތު އިތުރުކޮށްފައެވެ.
އެންމެ ފަހުން، މިއަދު ހޯމް މިނިސްޓްރީން މިވަނީ، ނޫސްމަޖައްލާ ތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެމްއެމްސީއާ ބައްދަލުކޮށްފައެވެ. މިނިސްޓަރު އަޒްލީން އަހްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ އެންމެ އިސްވެރިން، އެމްއެމްސީގެ މެންބަރުންނާ ބައްދަލުކުރައްވައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވުނުކަމަށް ހޯމް މިނިސްޓްރީންނާއި އެމްއެމްސީ އިން މައުލޫމާތުދެއެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީން ނެރެފައިވާ ގަވާއިދަކީ، ނޫސްވެރީން ބާރުވެރިކުރުވައި، ރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތަކަށް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެކަމުގައި އެއްވެސް ހަކަލަ ސިޔާސީ ނިޔަތެއް ނޯންނާނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު މިތަނުގައި ތިޔަ ބޭފުޅުންނާ މި ބައްދަލުކުރަނީ، ސިޔާސީ މީހެއްގެ ހައިސިއްޔަތަކުން ނޫން. އެކަމަކު ހޯމް މިނިސްޓަރުގެ ތޮފިއަޅައިގެން. އެހެންކަމުން، މިތަނުގައި އަޅުގަނޑު ތިޔަ ބޭފުޅުންނާ ދައްކާ ވާހަކައަކީ، ވަކި ފަރާތަކަށް ބުރަވެ ހުރެ ދައްކާ ވާހަކައެއް ނޫން. އަޅުގަނޑު ބޭނުން ތިޔަ ބޭފުޅުން ދައްކަވާ ވަހަފުޅުވެސް އަޑުއަހަން، އަދި މިކަމަށް އެންމެ ރަނގަޅު ހައްލެއް ހޯދައިދޭން،" މިނިސްޓަރު ވިދާޅުވިއެވެ.
"އެމްއެމްސީވެސް އަދި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވަކިވަކި ބޭފުޅުންވެސް ވަނީ އެ ބޭފުޅުންގެ ކަންބޮޑުވުން ހިއްސާކުރައްވާފައި. މި ގަވާއިދަކީ ބަދަލު ނުކުރެވޭނޭ އެއްޗެއް ނޫން. ރަނގަޅު ބަދަލެއް ނަމަ ހަމަ އަޅުގަނޑުމެން އެކަން ބަލައިގަންނާނަން."
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ، ރައްޔިތުންނަށާއި ގައުމަށް އެކަމެއްގެ ސަބަބުން އެންމެ ބޮޑަށް ފައިދާއާ މަންފާ ކުރާނޭ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން، ނޫސްވެރިކަމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހާ މެދުވެސް، އިތުރަށް ވިސްނައި އެކަމަށް ރަނގަޅު އިސްލާހުތަކެއް ގެންނާނޭ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ، ނޫސްވެރީން، ރައްޔިތުންނާ ހަމައަށް މައުލޫމާތު ގެނެސްދޭއިރު، އޭގައި ސިޔާސީ ކުލަ ނުޖައްސައި، ޕްރޮފެޝަނަލް ކަމާއެކު ސައްހަ، ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވައިފައެވެ.
ތައުލީމީ ދާއިރާގައި ކިޔަވައިދެއްވާ މުދައްރިސުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ވެސް ވަކި ފެންވަރަކަށް ގެންދިއުމަށް ސަރުކާރު ކުރި މަސައްކަތުން މިސާލު ޖައްސަވަމުން، މިނިސްޓަރު ވިދާޅުވީ، "ނޫސްވެރިކަމުގައި ތިއްބެވި އެޑިޓަރުން ފެންވަރުންގެ ބޭފުޅުންވެސް، އެކަމުން އެކަހެރިވެ ގެއްލިގެންދާނޭ ފަދަ ގޮތަކަށް ސަރުކާރުން ގަވާޢިދެއް ތަންފީޒު ނުރާނެ،" ކަމަށެވެ.
އެގޮތުން، ނޫސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ތައުލީމީ ފަހި ފުރުސަތުތަކެއް ސަރުކާރުން ހަމަޖައްސައިދީގެން، ނޫސްވެރިކަން މިހާރަށް ވުރެ ކުރިއަރާނޭ ގޮތަކަށް ކަންކަން ބައްޓަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި މިހާރު ނޫސްތަކަށް ދީފައިވާ މުއްދަތު (25 މާރޗް 2018) ބަދަލުކޮށް، ހުރިހާ ގޮތަކުންވެސް އެންމެ އެކަށޭނަ ރަނގަޅު މުއްދަތެއް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިއުލާނުކުރައްވާނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަ ބަލަން ރާއްޖޭގެ ޔުނިވަރސިޓީ އަދި ކޮލެޖްތަކާ މަޝްވަރާކޮށްގެން ނޫސްވެރީންނަށް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދީ، ޓެއިލަރމޭޑް ކޯސްތަކެއް ހަދައި، އޭގެ ތެރޭން ނޫސްވެރިން ގާބިލް ބަޔަކަށް ހަދަން،" ހޯމް މިނިސްޓްރީގެ އިސްނެންގުމުގެ މަތީން ކުރަންމުންދާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވިއެވެ.
ނޫސްވެރިކަން ރެގިއުލޭޓްކުރާ ދެ މުއައްސަސާ ކަމަށްވާ އެމްއެމްސީއާ އެމްބީސީއާއެކު ހޯމް މިނިސްޓްރީ ގުޅިގެން، ރާއްޖޭގައި ނޫސްވެރިކަން ކުރިއަރުވައި، މިނިވަންކަމާއެކު ސައްހަ ތެދުމައުލޫމާތު ފެތުރުމަށާއި، ނޫސްވެރީން މިހާރަށް ވުރެ ގާބިލް ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަށް ކުރިއަށް އޮތްތާނގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.