"ޕަލްޓަން" ރިލީޒް ކުރާނީ ސެޕްޓެމްބަރު މަހު!

ޑައިރެކްޓަރު ޖޭޕީ ދައްތާގެ ކުރިއަށް އޮތް ފިލްމު "ޕަލްޓަން"، އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމައިފި އެވެ.

ފިލްމު ރިލީޒް ކުރާ ތާރީޚު ހާމަކޮށްފައި ވަނީ ފިލްމުގެ ބަތަލު ގުރްމީތު ޗޯދުރީ ކުރި ޓުވީޓެއްގަ އެވެ.

އިންޑިއާ އާއި ޗައިނާގެ މެދުގައި 1962ގައި ކުރި ހަނގުރާމައިގެ މައްޗަށް އުފައްދާ އެ ފިލްމުގެ ފަސްޓް ލުކް މިހާރު ވަނީ ހާމަކޮށްފަ އެވެ.

ޕޯސްޓަރުގައި ފެންނަނީ ޗައިނާ އަދި އިންޑިއާ ސިފައިން އެއްބަޔަކު އަނެއް ބަޔަކާ ދިމާލަށް ބަޑި އަމާޒުކޮށްގެން ތިބޭ މަންޒަރެވެ.

މިއީ ހަނގުރާމައެއްގެ މައްޗަށް ދައްތާ އުފައްދާ ދެވަނަ ފިލްމެވެ. ދައްތާގެ "ބޯޑަރު" އަށް ވަނީ ގައުމީ އެވޯޑު ވެސް ލިބިފަ އެވެ. އެހެންކަމުން "ޕަލްޓަން" އަކީ މޮޅު ފިލްމަކަށް ވާނެ ކަމަށް އުންމީދު ކުރެވެ އެވެ.

ގުރްމީތުގެ އިތުރުން ފިލްމުން ދެން ފެނިގެން ދާނީ އަރްޖުން ރާމްޕަލް، ސޯނޫ ސޫދް، ޕުލްކިތު ސަމްރާޓް، ސިދާންތު ކަޕޫރު، ހަޝްވަރްދަން ރާނޭ، ޖިމީ ޝާގިލް އާއި ޖެކީ ޝްރޮފް އަދި ލަވް ސިންހާ އެވެ.

މީގެ ކުރިން ފިލްމުގެ ކާސްޓުގެ ތެރޭގައި އަބީޝެކް ބައްޗަން އަދި ސުނިލް ޝެޓީ ވެސް ހިމެނެ އެވެ. ނަމަވެސް އެ ދެ ފަންނާނުން ވަނީ ފިލްމު ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް