ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫނުގެ ތާއީދު އޮވެގެނެއް ނޫން: ޝައިނީ

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ޝައިނީ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ތާއީދު އޮވެގެން ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދިން "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ 2013 ގެ އިންތިޚާބުގެ ކުރިން ޕްރައިމަރިއާ ހަމައިން ވެސް ރައީސް މައުމޫނު ހުންނެވި ކޮޅު އެންމެނަށް ވެސް އެނގޭނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ކެރިގެން ދަންނަވާނަން ރައީސް މައުމޫނުގެ ތާއީދެއް އޮވެގެނެއް ނޫން ރައީސް ޔާމީން ވަޑައިގަތީ. ތިބޭފުޅުން ނިކަން އެނަލައިޒް ކޮށް ބައްލަވާ. ޕްރައިމެރީ އާ ހިސާބުން ވެސް ރައީސް މައުމޫނު ހުންނެވީ ކޮން ކޮޅެއްގައި ތޯ؟ ކާކު ތޯ ނެރެން ބޭނުންވީ؟ އޭރުގައި ދައްކަވަމުން ގެންދިއައީ ކޮން ވާހަކައެއް ތޯ؟" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ވިސްނުންފުޅާއި ގެންގުޅުއްވާ ސިޔާސަތުތަކުގެ ވަރުގަދަ ކަމުން ކަމަށާއި ރައީސް މައުމޫނުގެ ފޮޓޯ ވިއްކައިގެން ސަރުކާރަށް ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

"ރައީސް ޔާމީން މި ހިސާބަށް އެ ވަޑައިގެންފައިވަނީ އެމަނިކުފާނުގެ ވިސްނުންފުޅާއި ގެންގުޅުއްވާ ސިޔާސަތުތަކުގެ ވަރުގަދަ ކަމުން. އެމަނިކުފާނާއެކު ތިއްބެވި ބޭފުޅުންނަކީ އެމަނިކުފާނަށް ތާއީދު ކުރައްވާ އިޚްލާސްތެރި ބޭފުޅުންނަށް ވާތީ. އެހެންވީމަ ރައީސް މައުމޫނުގެ ފޮޓޯ ވިއްކައިގެން އަޅުގަނޑުމެނަށް ލިބުނު އެއްޗެއް ނޯންނާނެ. ރައީސް މައުމޫނެއް ނޫންތޯ އުޅުއްވީ މަޖިލީހުގެ ރައީސަކަށް ވަކި މީހަކު ލާން." ޝައިނީ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ މަޝްވަރާ މަޖިލީހުގެ ޗެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ ޝައިނީ ވިދާޅުވީ ރައީސް ޔާމީނަށް ވުރެ ރައްޔިތުންނާއި ގާތުން ވެރިކަން ކުރައްވާ ރައީސަކު އަދި މިހާތަނަށް މި ގައުމުގައި ވެރިކަން ނުކުރައްވާ ކަމަށެވެ. މި ވެރިކަން މިހާތަނަށް ދެމިގެން ދަނީ ވެސް ރައްޔިތުންނާ މެދު ރައީސް ޔާމީން ބާއްވާ ގާތް ގުޅުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީނުގެ ޕްރައިމަރީ އަށް މި ގައުމުގައި ނުދާ ރަށެއް ނޯންނާނެ. އެ ހިސާބަށް ގޮސް ރައްޔިތުންނާ ދައްކަން ޖެހޭ ވާހަކައެއް ދައްކާފަ ކޮންމެ ރަށަކުން ވެސް އެމަނިކުފާނަށް ތާއީދު ކުރާ ބަޔަކާ ބައްދަލު ކޮށްފައި،" ޝައިނީ ވިދާޅުވިއެވެ.

ރައީސް މައުމޫން ސަރުކާރަށް ކުރައްވާ ތާއީދު ގެންދަވާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ރައީސް ޔާމީނަށް ކުރައްވާ ތާއީދު މައުމޫން އަނބުރާ ގެންދެވީ ރާއްޖޭގައި ކޮަރަޕްޝަންގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި ބޭރުގެ ނުފޫޒު ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ވިދާޅުވެއެވެ. އަދި ސަރުކާރުން ކުރަމުންދާ ކަންތައްތަކުގެ ބަދުނާމު އެމަނިކުފާނު ބޮލުގައި އެޅޭކަށް ބޭނުންފުޅު ނުވާ ކަމަށް ވެސް މައުމޫނު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް