ވީޓީވީއާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ވީޓީވީ ހިންގާ އިމާރާތް---ސަން ފޮޓޯ

ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސަތަފާ "އައުގުރާނަ ގޮވާފައިވާ" ކޮންޓެންޓެއް ވީޓީވީ އަދި ވީއެފްއެމް އިން ލައިވް ކުރިކަމަށް ބުނެ އެ ދެ ތަން ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ މަސްލަހަތު އޮންނަ، ވީޓީވީ އަދި ވީއެފްއެމް، ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު ޖޫރިމަނާ ކުރީ، އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމެއްގެ މަތީން މައްސަލަ ބެލުމަށް ފަހު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ބްރޯޑްކޮމް އިން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ރޭ ވީޓީވީން ލައިވްކޮށްފައިވާ "ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ"ގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް އައުގުރާނަ ގޮވާފައިވާ ކޮންޓެންޓް ލައިވް ކުރި މައްސަލާގައި ވީޓީވީ އިން ޖަވާބުދާރިވުމަށް ތިން ފަހަރެއްގެ މަތިން ފުރުސަތު ދީފައިވާނެ ކަމަށެވެ.

އެ މައްސަލާގައި ޖަވާބު ދާރީވުމަށް ވީޓީވީ އަދި ވީއެފްއެމް ހިމެނޭ އައިލެންޑް ބްރޯޑްކާސްޓިންގް ކޮމްޕެނީ އިން ފޮނުވި ސިޓީގައި ބްރޯޑްކާސްޓިންގް ކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފުވެފައި ނުވާނެ ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި މީހެއްގެ އަބުރާ ބެހުމުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ބުނި ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް ކޮމިޝަނަށް ލިބިފައިވާ މައުލޫމާތަށް ބަލާ އިރު ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް މެމްބަރު މުސްތަފާ އައުގުރާނަ ގޮވި ކޮންޓެންޓެއް ލައިވްކުރިކަން އެނގެން އޮތް ކަމަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

"މި ކޮންޓެންޓަކީ، އަބުރުރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު އަދި އެ މާއްދާގެ (ބ) އާ ހިލާފަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއްކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވާކަމުގައި ކަނޑައަޅަން." މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ވީޓީވީ އާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އެ ފައިސާ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ދައްކަން ބްރޯޑްކޮމް އިން ވަނީ އަންގައިފަ އެވެ. އަދި 12 މާޗުގެ ކުރިން ރޭގަނޑު އަށަކާއި 10 އަކާ ދެމެދު މާފަށް އެދި ބަޔާނެއް ނެރުމަށް ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް