ގެގް އޯޑަރުގެ މައްސަލަ މާދަމާ ފަށަނީ

ނޫސްވެރިޔާ ފިޔާޒާއި ހަސަން: ދެ މީހުންގެ ޝަރީއަތް ވަނީ ފަށާފައި -- ފޮޓޯ/ އެމްޖޭއޭ

އަދަދު ނޫހުން ދެއްކި ކޮންޓެންޓަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް، ހައިކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ހެނދުނު ފަށަން ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

އަދަދު ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒް މޫސާގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލަ، ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލަން ފަށަން ތާވަލުކޮށްފައި އޮތީ މާދަމާ ހެނދުނެވެ. މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އަބްދުއްރައޫފު އިބްރާހީމާއި ހުސެއިން މަޒީދާއި ފާތިމަތު ފަރުހީޒާއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް، ފުރަތަމަ ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ނެވެ. އެކަމަކު ހައިކޯޓަށް އެމްޖޭއޭއިން ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލުމާއެކު، ފިޔާޒުގެ ފަރާތުން އަލުން މައްސަލަ ހުށަހެޅީއެވެ.

އެމްޖޭއޭއިން ހުށަހެޅި މައްސަލަ ބޭރުކޮށްލީ، އެ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު، އެމްޖޭއޭއަށް ނެތް ކަމަށް ބުނެއެވެ. އެ ނިންމުން ނިންމީ ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާއެވެ. އެމްޖޭއޭއިން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ މި އަމުރަކީ މުޅި މުޖުތަމައަށް އަމާޒުކޮށް ނެރެފައިވާ އަމުރަކަށްވާއިރު، މީގެ ސަބަބުން އާންމު ރައްޔިތުންނާއި ނޫސްވެރިންގެ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ކަމަށެވެ.

އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ނެރުނު އަމުރުގައި ވަނީ ވަކި ކޮންޓެންޓެއް މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި، ޝަރީއަތަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުއްވިއިރު، ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އޮތީ އުފުލާފައެވެ. ދެ ނޫސްވެރިންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ސިއްރުކޮށްގެން ފަށާފައެވެ.

ގެގް އޯޑަރާ ޚިލާފުވީ ކަމަށް ބުނެ، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާންވަނީ ކުރިން ޖަލަށްލާފައެވެ. ޖަލަށްލުމާ އެކު، އެއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ބުނެ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވަނީ އެކަން ކުށްވެރިކޮށްފައެވެ.

އަދަދު ނޫހުން އާންމުކުރި "އާއިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް އެ ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒް މޫސާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މީގެ ކުރިން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މި އަމުރު އިސްތިއުނާފުކުރަން މަސައްކަތްކުރުމުން، އެ ހައްގު އެ ޖަމިއްޔާއަށް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ މައްޗަށް ދައުވާ އުފުލިފައިވާއިރު، އަމުރާ ޚިލާފުވިކަމަށް ބުނެ ދެ ނޫސްވެރިއަކު ކުރިން ވަނީ ޖަލަށްވެސް ލާފައެވެ.

  • މައްސަލަ ހައިކޯޓުގައި ބައްލަވާނީ އަބްދުއްރައޫފު އިބްރާހީމާއި، ހުސެއިން މަޒީދާއި ފާތިމަތު ފަރުހީޒާ ހިމެނޭ ބެންޗަކުންނެވެ.
  • އެމްޖޭއޭއިން ހުށަހެޅި މައްސަލަ ބޭރުކޮށްލީ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު ނެތްކަމަށް ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ ނިންމެވުމާ ގުޅިގެންނެވެ.
  • ގާޒީ މުޒައްމިލު ނާސިރު ނެރުއްވި އަމުރުގައި ވަކި ކޮންޓެންޓެއް ދައުރުކުރުމާއި އެކަމާ ގުޅޭގޮތުން ވާހަކަދެއްކުން މަނާކޮށްފައިވެއެވެ.
  • މި އަމުރާ ޚިލާފުވިކަމަށް ބުނެ އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
  • ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ.
comment ކޮމެންޓް