އަދަދު ނޫހުން ދެއްކި ކޮންޓެންޓަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް، ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުން ފެށެން ކުޑަތަންވެފައިވަނިކޮށް މައްސަލައިގެ އަޑު އެހުން ކެންސަލް ކޮށްފިއެވެ.
އަދަދު ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒް މޫސާގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލައިގެ އަޑު އެހުން ފަށަން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 9:15 ގައެވެ. މައްސަލަ ކެންސަލް ކުރިކަން ކޯޓުން އެންގީ ނުވައެއްވެސް ޖެހި ފަހުންނެވެ. އެނގިފައިވާ ގޮތުގައި، އޭރު ޕީޖީގެ ލޯޔަރުންނާއި ފިޔާޒް އަދި ފިޔާޒްގެ ލޯޔަރުންވެސް ތިބީ ކޯޓުގައެވެ. މައްސަލަ ކެންސަލް ކުރި ސަބަބެއް ހައިކޯޓުން ނުބުނެއެވެ.
މިއަދު ހެނދުނު މި މައްސަލަ ފަށަން ނިންމާފައިވާއިރު، މައްސަލަ ކުރިއަށް ގެންދަން ނިންމާފައި އޮތީ، އާއްމުކޮށް ހުޅުވައި ނުލައެވެ.
މި މައްސަލައާ ގުޅިގެން ނެރުނު އަމުރުގައި ވަނީ ވަކި ކޮންޓެންޓެއް މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި، ޝަރީއަތަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
އެ އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމްޖޭއޭއިން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ މި އަމުރަކީ މުޅި މުޖުތަމައަށް އަމާޒުކޮށް ނެރެފައިވާ އަމުރަކަށްވާއިރު، މީގެ ސަބަބުން އާންމު ރައްޔިތުންނާއި ނޫސްވެރިންގެ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ކަމަށެވެ.
"ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު"ގައި ވަނީ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި، ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުއްވިއިރު، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އޮތީ އުފުލާފައެވެ. ދެ ނޫސްވެރިންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ސިއްރުކޮށްގެން ފަށާފައެވެ.