ސްނެޕްޗެޓަށް އެންމެ ފަހުން އައި އަޕްޑޭޓާއެކު އެކަމާ ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ވާހަކަދެއްކި ގިނަ މީހުންގެ ތެރޭގައި ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ ހިމެނެއެވެ.
ކައިލީ ގެ 2.5 މިލިއަން ޓްވިޓާ ފޮލޯވަރުންނަށް ފެންނާނެހެން އޭނާ ކުރި ޓްވީޓެއްގައި ވަނީ ސްނެޕްޗެޓަށް ގެނައި ބަދަލާއެކު އެ އެޕްލިކޭޝަން ބޭނުން ކުރަނީ ކޮންބައެއްތޯ ސުވާލުކޮށްފައެވެ. އަދި އެ އަޕްޑޭޓުގެ ފަހުން އޭނާ ސްނެޕްޗެޓު ނުހުޅުވާ ކަމަށް ކައިލީ ޓްވީޓުގައި ބުނެއެވެ.
މި ޓްވީޓާއެކު ސްޓޮކް މާކެޓުގައި ސްނެޕްޗެޓުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ވޯލްސްޓްރީޓް މާކެޓުގައި އެ ކުންފުނީގެ އަގު ހަ ޕަސެންޓަށް ވެއްޓުނުކަމަށާއި މިހާރު ސްނެޕްޗެޓުގެ ހިއްސާއެއްގެެ އަގު 17 ޑޮލަރަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ މާޗްމަހު އެކުންފުނި ހިއްސާގެ ބާޒާރުގައި ލިސްޓު ކުރި އިރު ހިއްސާއެއްގެ އަގު ހުރި މިންވަރު ކަމަށްވެއެވެ.
ސްނެޕްޗެޓަށް ގެނައި ބަދަލާއެކު އެ އެޕްލިކޭޝަނުގެ ވާދަވެރި ފޭސްބުކްއާއި، ފޭސްބުކްއިން ހިންގަމުން އަންނަ އިންސްޓަގްރާމަށް ވަނީ އެޑްވާންޓޭޖް ބޮޑުވެފައެވެ.
ސްނެޕްޗެޓަށް ލޮޅުމެއް ގެނައި ޓްވީޓަށްފަހު ކައިލި ވަނީ އޭނާ އަދިވެސް ސްނެޕް ބޭނުން ކުރާ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.
ސްނެޕަށް ގެނައި ބަދަލާއެކު ޔޫޒަރުންގެ ވާހަކަތަކަށް ސްނެޕްޗެޓުން ދިނީ ފިނި ރައްދެކެވެ. ދުވަސް ވާވަރަކަށް އާ ލޭއައުޓަށް ޔޫޒަރުން ހޭނޭނެ ކަމަށް ސްނެޕްޗެޓުން ވަނީ ބުނެފައެވެ.