ހާއްސަ ޖަލްސާގައި ބައިވެރިނުވި މެމްބަރުންނާ ދެކޮޅަށް ދައުވާ ކުރަން ޕީޕީއެމުން ގޮވާލައިފި

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުއްލި ނުރައްކަލުގެ ގަރާރު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޚާއްސަ ޖަލްސާގައި ބައިވެރިވެެ ވަޑައިނުގެންނެވި އިދިކޮޅު މެމްބަރުންނާ ދެކޮޅަށް ދައުވާކުރުމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ގޮވާލައްވައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ނިންމި ނިންމުންތަކަށް ވަކިވަކިން ވޯޓަށް އަހާފައެވެ. އެ ޖަލްސާގައި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަކަށް އިތުރު ކުރުމަށް، ސަރުކާރަށް ތާއިދުކުރާ 38 މެންބަރެއްގެ ވޯޓުން ވަނީ ފާސްކޮށްފައެވެ. އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ވަނީ އެ ޖަލްސާ ބޮއިކޮޓް ކުރައްވާފައެވެ.

މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ގާނޫނީ ވާޖިބު އަދާކުރަން މެމްބަރުންގެ ތެރެއިން ބަޔަކު ނުކުޅެދިފައިވާކަން ހާމަވެއްޖެ ކަމަށާއި އެ މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނަރަލަށް ގޮވާލާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާނޫނީ ހުވާ ކޮށްގެން ތިބީ ރައްޔިތުންނާ ގުޅޭ ކަންކަމުގައި އެ ބޭފުޅުންގެ ވަގުތާއި އެއްބާރުލުން ދިނުމަށް. މި ވާޖިބު އަދާކުރުމުގައި އިދިކޮޅު ފަރާތްތަކުން މިވަނީ ނުކުޅެދީފަ. އަޅުގަނޑު ގޮވާލަން ޕީޖީއަށް އެންމެ ފަހުން ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ކުއްލި ނުރައްކަލުގެ ގަރާރަށް ވޯޓު ނުދެއްވައި ބޭރުގައި އުޅުއްވި ބޭފުޅުންނާއި މެދު ވިސްނަވާށޭ. އެ ބޭފުޅުންނާއި މެދު ދައުވާ ކުރެވޭނެ. ދުސްތޫރީ ބާރު ކަނޑުވާލަން އުޅުނު ކަމުގެ ދައުވާ އުފުލެއްވުމަށް ގޮވާލަން،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ދައުލަތުގެ އެއްވެސް ވަޒީފާއަކާ ހަވާލުވެފައިވާ މީހަކު އޭނާގެ މަގާމުގެ ވާޖިބު އަދާ ކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެމީހާގެ މައްޗަށް ދުސްތޫރީ އުސޫލުތަކެއް ފެންމަތިވާން ޖެހޭނެ ކަމަށެވެ.

ނިހާން ވިދާޅުވީ، މުސާރަ ނެންގެވުމުގެ ބޭނުމުގައި އިދިކޮޅު މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވަނީ އެދުވަހުގެ ހާޒިރީގައި ސޮއި ކުރައްވާފައި ކަމަށާއި ނަމަވެސް މަޖިލީހުގެ ތަޅުމަށް ވަޑައިގަންނަވަން ކެރިވަޑައިނުގަތް ކަމަށެވެ.

"އެ ދުވަހު އަޅުގަނޑުގެ ކުރިމަތީގައި އިދިކޮޅު ބައެއް މެމްބަރުން ވަނީ ހާޒިރީގައި ސޮއި ކުރައްވާފައި. ހަމަ މުސާރަ ނެންގެވުނުގެ ބޭނުމުގައި. އަޅުގަނޑު މި ގޮވާލަނީ އެ ބޭފުޅުން ޖަލްސާ ބޮއިކޮޓް ކުރެއްވި ގޮތަށް އެ ދުވަހަށްވާ މުސާރަ ވެސް ބޮއިކޮޓް ކުރެއްވުމަށް،" ނިހާން ވިދާޅުވިއެވެ.

comment ކޮމެންޓް